އާދަމް ޝަރީފު އުމަރު

"ސިޔާދަތު ގެއްލިއްޖެނަމަ ދީނީ ވަހުދަތަށް ނުރައްކާވާނެ"

Oct 10, 2020
1

ރާއްޖޭގެ ސިޔާދަތު -- ގައުމުގެ މިނިވަންކަން -- ގެއްލިއްޖެ ނަމަ އެންމެ އަވަހަށް ނުރައްކާވާނެ އެއް ކަމަކީ ރާއްޖޭގެ އިސްލާމީ ވަހުދަތު ކަަމަށް އިދިކޮޅު ކޮންގްރެސް ޕާޓީ (ޕީއެންސީ) ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަކީ މި މައުލޫގައި ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. އެކަމަކު ރޭ އޭނާ އެހެން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މައްސަލައަށް އިޝާރާތް ކުރައްވަ އެވެ.

ޝަރީފު ވިދާޅުވީ ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ތަހުޒީބު ކަމެއް ކަމަށް ގަބޫލު ކުރާ މީހުން ރާއްޖޭގައި ފައްޅި އެޅުމަކީ ވެސް ތަހުޒީބު ކަމެއް ކަަމަށް ގަބޫލުކޮށް އެކަަމަށް ވަކާލާތު ކޮށްފާނެ ކަމަށެވެ. ރާއްޖޭގައި ގިނަ އަދަދަކަށް އިންޑިއާގެ ސިފައިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުވެގެން އެބަތިއްބެވެ.

ޝަރީފު ކުރެއްވި ޓްވީޓް

ޓްވީޓް ކުރައްވައިގެން ޝަރީފު މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި އިރު ރާއްޖޭގެ ސަރުކާރާއި އިންޑިއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެ އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް އޮތް އޮތުން ބޮޑުވެފައިވާ ކަމަށް ތުހުމަތުކޮށް ޝަރީފު ނިސްބަތްވާ އިދިކޮޅު ދެ ޕާޓީ އާއި ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ. އަދި "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ވެސް ފުޅާކޮށްފައި ވެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަަދު ހާމަ ކުރުމަށް އެކި ފަރާތްތަކުން ގޮވާލި ގޮވާލުންތަކަށް ސަރުކާރުން އިޖާބަ ދީފައެއް ވެސް ނުވެއެވެ. އޭގެ ބަދަލުގައި ސަރުން ބުނީ ދިވެހިރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރައި އިންޑިއާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިދާނެ ކަމަށެވެ.