މަސް ފިނި ކުރާ ނިޒާމުތައް ދޯނި ފަހަރުގައި ގާއިމް ކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޗެނަލް 13 އިގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ އެ ގޮތަށް މަސައްކަތް ކުރަން ނިންމީ އައިސް ޕްލާންޓްތަކަށް ދަތުރު ކުރުމަކީ މަސްވެރިންނަށް އޮތް ބުރައެއް ކަމަށް ވާތީ އެކަން ލުއި ކުރަން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ މަސްވެރިން ބާރުވެރިކުރުވަން ކަމަށެވެ.
"ކޮންމެ ފަހަރަކު ދޯނި ކަނޑުގައި އޮވެފައި އައިސްބަލާ ދާން ޖެހޭ ހާލަތްތަކުގައި ވަރަށް ދިގު ދަތުރެއް ކުރާތީއާއެއްކޮށް، އަނެއްކާ މި އައިސްގެ މައްސަލައަށް ހައްލެއް އަންނާނީ މަސްވެރިންނަށް އޭގައި ބާރުވެރިކަން ލިބިގެން ކަމަށް ވާތީ ދޯނި ފަހަރުގައި އައިސް ޕްލާންޓް އަޅާ ކަހަލަ ނިޒާމަކަށްދާން އަޅުގަނޑުމެން މި ވިސްނީ،" ޝައިނީ ވިދާޅުވިއެވެ.
މަސްފިނިކުރާ ނިޒާމުތައް ދޯނި ފަހަރުގައި ގާއިމް ކުރަން ވިސްނި އަނެއް ސަބަބަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސް ޕްލާންޓްތައް އަޅަން ކުރި މަސައްކަތް އެކި ސަބަބުތަކާ ހެދި ލަސްވަމުން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަސް ފިނި ކުރާ ނިޒާމު ގާއިމް ކުރެވޭނީ ވަކި ސިފަތަކެއް ހުންނަ ދޯނި ފަހަރުގައި ނޫން ކަަމަށާއި ކޮންމެ ދޯންޏަކާ ވެސް އެކަށީގެންވާ ނިޒާމެއް ލިބޭތޯ ބަލާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދެން ވިދާޅުވީ އެފަދަ ނިޒާމުތައް ގާއިމް ކުރުމުގެ މަސައްކަތް ކުރާނީ އެމްޓީސީސީން ކަމަށެވެ.
"ވަކި ސިސްޓަމެއް އަޅުގަނޑުމެން ކަނޑައަޅާފައި ލޯނެއްގެ ގޮތުގައި އެ ދޫކުރާކަށް ނޫން މިހާރު މި މަސައްކުރަނީ،" ޝައިނީ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ ދޯންޏަކަށް ވެސް އެންމެ އެކަށީގެން ވަނީ ކޮން ސިސްޓަމެއްތޯ ބަލާނީ ދޯނީގެ ވެރިފާތް ވެސް ބައިވެރިވެގެން ކަމަށެވެ.
މަސްވެރިންނަށް ފަސޭހަކޮށްދޭން ކުރާ އެހެން މަސަައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ސަރުކާރުން ވައުދުވެފައިވާ ހަތަރު، މަސް ބަނދަރުގެ ތެރެއިން ދެ ބަނދަރެއް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ފެލިވަރާއި ކޫއްޑޫގެ މަސް ބަނދަރު މިހާރު ނިމިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އައްޑޫ ސިޓީގެ ހުޅުދޫގައި އަޅާ ބަނދަރަށް ބޭނުންވާ ފައިސާ ވެސް މިހާރު ދީފައިވާ ކަމަށެވެ. އެކަމަށް ޓަކައި މިފްކޯއަށް މިދިޔަ އަހަރު 12 މިލިޔަން ރުފިޔާ ދީފައިވެ އެވެ.