ހަބަރު

ކުރީ ސަރުކާރުން 10،000 ރުފިޔާ ދިނީ އެންމެ އޮޑިއަކަށް: ޒަހާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގައި 10،000 ރުފިޔާގެ އިނާޔަތް ދޫކޮށްފައި ވަނީ އެންމެ މަސް އޮޑިއަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސުން ގޯސްވެގެން މަހަށް ނުފުރާ ދުވަސްތަކުގައި ވެސް މަސްވެރިންނަށް އާމްދަނީއެއް ލިބޭނެ ގޮތް ހެދުމުގެ ގޮތުން މަސްވެރިންނަށް ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު އެ ސްކީމް އޭރުގެ ސަރުކާރުން އެކުލަވާލި ގޮތުން ތަރުހީބު ނުލިބި ފަހުން ވަނީ ހުއްޓާލާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޒަހާއާ ސުވާލު ކުރަން އޮތް ވަގުތުގެ ތެރޭގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވަނީ ކުރީގެ ސަރުކާރުގައި 10،000 ރުފިޔާގެ އިނާޔަތް ކިތައް މަސްވެރިންނަށް ދޫކުރެވިފައިވޭތޯ ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ އެއީ ކުރީގެ ސަރުކާރުގައި އޮތް އެ ސިޔާސަތުގެ ދަށުން 10،000 ރުފިޔާ ދޫކޮށްފައި ވަނީ އެންމެ މަހަކު އެންމެ މަސްވެރި އުޅަނދަކަށް ކަމަށެވެ. އެކަމަކު އެއީ މި ސަރުކާރުގެ ސިޔާސަތަކަށް ނުވާތީ އެކަން މިހާރު ތަންފީޒު ނުކުރާ ކަމަށް ޒަހާ ވިދާޅުވި އެވެ.

"ކުރީގެ ސަރުކާރުގައި އޮތް ސިޔާސަތެއް، އޭރު އެންމެ އުޅަނދަކަށް [10،000 ރުފިޔާ] ދީފައި އޮތީ. އެއީ މި ސަރުކާރުގެ ސިޔާސަތަކަށް ނުވާތީ އެ މަސައްކަތެއް މި ސަރުކާރުން ތަންފީޒެއް ނުކުރަން،" ޒަހާ ވިދާޅުވި އެވެ.

އޭގެ ފަހުން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ސުވާލު ކުރައްވަމުން ވިދާޅުވީ އެއީ ކޮން ފަރާތެއްގެ އުޅަނދެއްތޯ މިނިސްޓަރު ފާހަގަކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މެންބަރު ސަލީމްގެ ސުވާލަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ އެއީ "ށ. އަތޮޅަށް ނިސްބަތްވާ ދޯންޏެއް" ކަމަށެވެ. މިއަދުގެ ޖަލްސާއަށް އެއާ ގުޅޭ ސުވާލެއް އެޖެންޑާ ކޮށްފައި ނުވާތީ އޭގެ މައުލޫމާތެއް މިއަދު ނުގެންނަ ކަމަށް ޒަހާ ވިދާޅުވި އެވެ. އެކަމަކު އޭގެ މައުލޫމާތު ފަހުން މެންބަރުންނަށް ފޮނުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބެޔަސް ނުބެޔަސް" ގެ ނަމުގައި އޭރުގެ ސަރުކާރުން ގެނައި ސްކީމުގައި ބައިވެރިވާ ފަރާތްތަކަށް މަސްވެރިކަން ދަށް ދުވަސްތަކުގައި 10،000 ރުފިޔާ ލިބޭ ގޮތަށް ހަމަ ޖެއްސިއިރު، އެ ސްކީމްގައި ބައިވެރިވާން މަސްވެރިންނަށް ޕްރިމިއަމްއެއްގެ ނަމުގައި ފީއެއް ދައްކާ ގޮތަށް ވެސް ހަމަޖެއްސި އެވެ.

އެ ސްކީމަށް މަސްވެރިންގެ ތަރުހީބު ނުލިބުމުން އޭރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވަނީ މަސްވެރިންނަށް އޭރު ނަފާވާތީ 10،000 ރުފިޔާ ބޭނުން ނުޖެހޭ ވަރަށް ކޮންމެ މަސްވެރިއަކަށް ވެސް އާމްދަނީ ލިބެން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެން ވިދާޅުވެ ފަހުން އެ ސްކީމް ކުރިއަކަށް ނުގެންދެ އެވެ.