ވާހަކަ

މިންނުގެ ޑައިރީ

(9 ޖެނުއަރީ 2018 އާ ގުޅޭ)
އެހެން މީހުންގެ އަނިޔާތަކަށް ކެތްކުރުމަށްފަހު ވެސް އެ މަންމަގެ ދިރިއުޅުމަށް އުފާވެރިކަން މިންވަރުކުރެއްވީތީ ﷲއަށް ހިތުގެ އަޑިން ޝުކުރުވެރިވެވުނެވެ. ހިފަހައްޓާލައިގެން އިން ސައިޖޯޑު ތަބަކުގެ ތެރޭ ބަހައްޓާފައި ހައިފާގެ އަތްތިލާގައި ޒޭން ހިފާލިއެވެ.

"މަންމަ ވަރަށް ހިތާމަކުރި. އެ މަންމަހާ ކެތްތެރި އަންހެނަކު އަޅުގަނޑަށް އެނގިފައެއްނެތް. ބައްޕަގެ ކުށަށް މަންމަ މަޢާފުކުރި. އަޒާންއާއެކު ދިރިއުޅުމެއް ފެށުމަށް ގަސްދުކުރި ނަމަވެސް އެކަން އެހެންނުވީ ތަޤުދީރުގައި އެގޮތަށް އެކަން ވާން ނެތީމާކަން މަންމަ ޤަބޫލުކުރި. އެހެންވެ ކަންނޭނގެ ބައްޕައަށް މަޢާފުކުރީ ވެސް. އަޒާންގެ ހަނދާންތައް މާޒީއަށް ދޫކޮށްލުމަށްފަހު ބައްޕައާއެކު މުސްތަޤުބަލާ ކުރިމަތިލާން މަންމަ ނިންމި ނިންމުމަކީ ޚުދު މަންމަގެ އަމިއްލަ ނިންމުމެއް. މަންމަގެ ހަޔާތުން ބާކީ އޮތް ދުވަސްތައް ވޭތިކުރީ އުފަލުގައި. އަޅުގަނޑަށް މަންމައާއި ބައްދަލުކޮށް މަޢާފަށް އެދޭނޭ ފުރުޞަތެއް ނުލިބުނު. އެހެންވިޔަސް މަންމަގެ ހިތުގައިވާ އެއްޗެއް އެ ޑައިރީގައި ލިޔެފައިވަނީ... މަންމަ އަބަދުވެސް ލޯބިވާކަން ބުނެފައި އޮތް. އަޅުގަނޑު ކަންތައް ކުރާގޮތުން މަންމަގެ ހިތުގައި އެއްވެސް ބުރަކަމެއްނެތްކަމަށް ބުނެފައި އޮތް. އަޅުގަނޑަށް ޔަޤީން ހަފިއްތައަށް ހެޔޮ ވިސްނުންލިބި ކުރެވުނު ކުށް ޤަބޫލުކުރެވި މަޢާފަށް އެދެން ބޭނުންވުމުން މަންމަ މަޢާފު ނުދީއެއް ނުހުންނާނޭކަން. މަންމަގެ ހިތް އަޅުގަނޑުމެން އެކަކަށް ވެސް އަންދާޒާކުރަން ނޭނގޭހާ ބޮޑު. އަޅުގަނޑުމެން އެންމެންދެކެ ވެސް މަންމަ ލޯބިވޭ. ދެން ހިތާމަނުކުރޭ ހަފިއްތާ. އަޅުގަނޑުގެ އެއްވެސް ޝަކުވާއެއްނެތް އެކަމުގައި. މަންމަގެ ދިރިއުޅުން ނިމިގެންދިޔައީ ހިތްދަތިކަމާއި ވޭނުގައެއްނޫން" ޒޭންގެ ވާހަކަތަކުން ހައިފާގެ ހިތަށް ލިބުނު ހަމަޖެހުމަށްވުރެ ނަފްސަށް ވެރިވެގެންދިޔަ ކުށްވެރިކަމުގެ އިހުސާސް މާ ވަރުގަދަވެފައި ފުނެވެ. އެ ދެ ލޮލުން ހޯސްލާފައި ކަރުނަފައިބަމުންދިޔައިރު އޭނާއަށް ރަނގަޅަށް ވާހަކައެއް ނުދެއްކުނެވެ. ގިސްލެވެނީއެވެ. ސޯފާގައި އިން އަކީލު ތެދުވެ ހައިފާގެ ގާތުގައި ހުއްޓުނެވެ. އަދި އަނބިމީހާ ގެނެސް ގަޔާލާ ބޮނޑިކޮށްލާ ފިރުމަމުން ދިޔައެވެ. އުނި ސިފައެއްނުވާ އިންސާނަކު ނުހުންނާނޭކަން އަކީލު ޤަބޫލުކުރެއެވެ. ހައިފާއަކީ އޭނާ އެ މީހަކުދެކެ އިންތިހާއަށް ލޯބިވާ އަންހެނާއެވެ. ހުރިހާ ހަޤީޤަތެއް އެނގުމުން ވެސް ލޯބިވާ އަނބިމީހާ ނިކަމެތިކޮށްލާކަށް އަކީލުގެ ޟަމީރު އެއްބަހެއްނުވިއެވެ. އޭނާގެ ލޯތްބަށް ބަދަލެއް ނައީ ހައިފާއަށް ކުށުގެ އިހުސާސް ކުރެވި އެކަމަށް ތަޢުބާވާން އޭނާ ކުރަމުންދާ މަސައްކަތް ފެނިފައެވެ. އެއީ މިހާރު ކުރީގެ ހައިފާއެއްނޫންކަން އަކީލަށްވުރެ ބޮޑަށް އެނގޭނޭ ދެވަނަ މީހަކު ނުހުންނާނޭކަން ޚުދު އަކީލަށް އެނގެއެވެ.
"އަޒާންއަށް އެނގޭތަ މިންނު އޭނާއާ ވަކިވީ ކީއްވެކަން؟" ހަމައަކަށް އެޅުމަށްފަހު މޫނު ފުހެލާފައި ހައިފާ ސުވާލު ކުރީ ޔާނާއާއެވެ.

"މި ހުރިހާ ކަމެއް އަޅުގަނޑަށް އެނގުނީ ޒޭންއާ ދިމާވެ މިންނުގެ ޑައިރީ ކީ ފަހުން، މިންނުއާ ގުޅުން ހުރި އެއްވެސް ކަމެއް ބައްޕަގެ ފަރާތުން ނުފެނޭ. ހިނގައިދިޔަ ހުރިހާކަމަކާ ހެދި ބައްޕަގެ ހިތުގައި މިންނުއާ މެދު އޮތީ ކީކޭކަމެއް ވެސް ނޭނގޭ. އެންމެ ކުޑަމިނުން މިންނުގެ ނަން ބުނެލުމުން އެއީ ދަންނަ މީހެއްކަމަށް ވެސް ނުހެދި... ހީވަނީ މިންނުއާ ބެހޭ އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުންނުވަނީހެން. އެ ހަނދާންތައް އަލުން އާކުރާން ބޭނުންނުވަނީ ކަންނޭނގެ... ނޫނީ ބައްޕަ އެވަނީ މާކުރީން ވެސް މިންނުގެ މަތީން ހަނދާންނައްތާލާފައި" ޔާނާގެ އަމިއްލަ ޚިޔާލު އޭނާ ހާމަކުރިއެވެ.

"އަޒާނަށް ހަޤީޤަތް އެނގިއްޖެއްޔާ އޭނާ އަހަންނަށް މަޢާފުކުރާނެތަ؟ އަހަރެންގެ ހިތެއް ނުބުނޭ، އަހަންނަށް އޭނާއާ ކުރިމަތިލާކަށް ވެސް ނުކުރޭނެ" ހައިފާ މަޑުމަޑުން އިސްޖަހާލިއެވެ.

"ޔާންގެ ބައްޕައަށް އަދި އެކައްޗެއް ވެސް ނޭނގޭ، ހަފިއްތަ ކަންބޮޑުނުވޭ، އިރާދަކުރެއްވިއްޔާ މި ހުރިހާ ކަމެއް ހައްލުކުރުމަށް ޓަކައި އަޅުގަނޑުމެން ދެ މީހުން މިތިބީ، އެހެންނު ޔާން" ޔާނާއަށް ބަލާލަމުން ޒޭން ބުނެލިއެވެ. ޔާނާ ވެސް ޒޭންގެ އެ ވާހަކައަށް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެވަގުތު އުނގުގައި ބާއްވާލައިގެން އިން ޔާނާގެ އަތްދަބަހުގެ ތެރެއިން ފޯނު ވައިބްރޭޓުވާކަން އިހުސާސް ވުމުން އިތުރު ވާހަކައެއް ނުދައްކާ އަވަހަށް ފޯނު ނަގާ ބަލާލިއެވެ.

"ބައްޕަ ގުޅަނީ... ލަސްވެގެން ކަންނޭނގެ" ފޯނަށް ބަލާލާފައި ޒޭންއާ ނަޒަރު ސީދާކޮށްލާ ޔާނާ ބުނެލިއެވެ. ޒޭން އިޝާރާތުން އަންގާލީ ފޯނަށް ޖަވާބު ދިނުމަށެވެ. ޔާނާ ފޯނުކޯލު ނިންމާލަންދެން އެންމެން ހިމޭނުން ތިއްބެވެ. ކުޑަ އިރުކޮޅަކުން ގެއަށް ދާނަންކަމުގައި ޔާނާ ބުނި އަޑު އެންމެން ވެސް އެހިއެވެ.

"ދެން ދަނީތަ، ހާދަ އަވަހަކާ ދާން ތި އުޅެނީ، އަދި އަންނާނަންތަ މިގެއަށް" ޔާނާ ކޯލު ނިންމާލާފައި ފޯނު ކަންފަތުން ނައްޓާލުމާއެކު އަކީލް އަހާލިއެވެ.

"މިއަދު ބައްޕަ އުޅެނީ ކުޑަކޮށް ބަލިވެ. އިރު ވެސް އޮއްސިއްޖެއެއްނު. ހަވީރު ނުކުތް ގޮތަށް މި އުޅެނީ އެހެންވެ ކޮންތާކުތޯ ހުރީ ބަލާލީ" ޔާނާ ކުރުގޮތަކަށް ފޯނުކޯލު ކިޔާދިނެވެ.

އަޒާން ދަރިފުޅަށް ގުޅީ ހަމައެކަނި އެ ދަރިފުޅު މިވަގުތު ހުރިތަނެއް އެނގެން ބޭނުންވެގެންނެވެ. އެހެންވެ ޔާނާ ވެސް ދޮގެއް ނުހެދިއެވެ. އޭނާ ހުރީ ޒޭންގެ ދައްތައެއްގެ ގޭގައިކަން ބުނުމުން އަޒާން އިތުރަށް އޮޅުން ފިލުވާކަށް ނޫޅުނެވެ. ޔާނާ ވެސް އިތުރު ވާހަކައެއް އެކަމާ ގުޅިގެން ނުދައްކަނީސް ގެއަށް އަންނާނޭ އިރެއް އަޒާން އަހާލުމުން ގިނައިރެއްނުވެ ދާނޭކަމުގައި ބުނެލީއެވެ.

ޒޭންއާއި ޔާނާއަށް ބަލާލާ ކޮންމެފަހަރަކު ހައިފާގެ ތުންފަތުގައި ފަނޑު ނަމަވެސް ހިނިތުންވުމެއްގެ އަސަރު ވެރިވެގެންދެއެވެ. އެ ދެ ޒުވާނުންގެ ތެރެއިން އޭނާ ސިފަ އެކުރަނީ އަޒާންއާއި މިންނުއެވެ. ހައިފާ ހަމަޖެހިފައި އިންކަން އެނގުމުން އަކީލުގެ މޫނުން ވެސް ހިތްހަމަޖެހުން ފާޅުވެގެންދިޔައެވެ. އޭނާ މަޑުމަޑުން ހައިފާއާ ދުރަށް ޖެހިލާ އެތެރެއަށް ހިނގައިގަތީ މަންމަ ގޮވައިގެން އެބަ އަންނަމޭ ބުނެފައެވެ.

"ތެދެއް ދަނީތަ؟ ސައި ވެސް ނުބޮއެ... ނުބައީތަ؟" އެތެރެއިން އައިސް ހައިފާގެ ގޮނޑީގެ ފަހަތަށް ހުރި މުއްގަނޑުގައި އެއްއަތުން ހިފަހައްޓާލައިގެން ހުރެ ޒޭންގެ މާމަ ވާހަކަދެއްކިއެވެ.

"ސައިބޮއެގެން މި ދަނީ. މާމައާއި ހަފިއްތައާ ބައްދަލުވީމާ ވަރަށް އުފާވެއްޖެ. އަކީލުބެއަކީ ކާކުކަން ވެސް މަންމަގެ ފަރާތުން ކޮންމެވެސް ވަރަކަށް އެނގުނު" ހިނިތުންވެލައިގެން އިނދެ ޒޭން ބުންޏެވެ.

"މިލްނާގެ ގޮތް މި ސޮރުގެ ހުރޭ ދޯ" ރާޝިދާ ހުރެފައި ހައިފާއަށް ދޯ ދިނެވެ. ހިނިތުންވެލި ހައިފާ އަނގައިން ނުބުނި ކަމުގައި ވިޔަސް މަންމައާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

"މިވަގުތު ދެން ގޮސްލަނީ، ވަކިދުވަހެއް ބުނަން ނޭގުނަސް ހަފިއްތައާއި އަކީލްބެއާ ބައްދަލުކުރާން މިގެއަށް އަދި އަންނާނަން، ދެން ފަހަރަކުން ބައްޕަ ވެސް ގެނެވޭތޯ މަސައްކަތްކުރާނަން" ޒޭން ހިނިތުންވެލަމުން ބުނެލިއެވެ. އަދި ސޯފާއިން ތެދުވުމުން އޭނާއާއެކު ޔާނާ ވެސް ތެދުވިއެވެ. އަތުގައި އޮތް ފޯނު އަތްދަބަހަށް ލަމުންނެވެ.

"އަދި އަންނައްޗޭ މާމައޭ ވާހަކަދައްކާލަން މިގެއަށް. ހުރިހާ މާމަ ދަރީންނާ ބައްދަލުވި އިރު ވެސް މިލްނާގެ ފަރާތުން އަހަންނަށް މާމަ ކިޔާނޭ ދަރިއަކު ނެތޭ ހިތަށް އަރާ" ރާޝިދާގެ ވާހަކަތަކުން އޭނާގެ ހިތުގައި ވެސް މިލްނާ ނެތްކަމުގެ ހުސްކަން އިހުސާސް ކުރަމުން ދާކަން ޒޭނަށް ވިސްނުނެވެ. އޭނާ އެކަމާ ބަހެއް ނުބުންޏެވެ.

ހައިފާއާއި މާމައާ ސަލާމް ކުރުމަށްފަހު ޒޭން އެނބުރިލީ އަކީލްއާ ދިމާއަށެވެ. އޭނާ ސަލާމްކޮށްލާފައި ޒޭންގެ ކޮނޑުގައި ޖަހާލިއެވެ. އަދި އެޕާޓްމެންޓުގެ ދޮރުން ނުކުންނަން ދެން ޒޭންއާއި ޔާނާއާއެކު އަކީލު އައެވެ. ލިފްޓާ ދިމާއަށް ދާން ފެށުމުން އަކީލު އަދިވެސް އެއްފަހަރު ހަނދާންކޮށްދިނީ އެގެއަށް އަންނާންވާނޭ ކަމެވެ.

ހައިފާމެން ގެއިން ޒޭނާއި ޔާނާ ނުކުތް އިރު ހުރީ އިރުއޮއްސި ހަތެއް ޖަހާފައެވެ. ޒޭންގެ ރަތްކާރު ދުއްވަމުން ދިޔައީ ބޮޑުތަކުރުފާނުމަގުންނެވެ. އޭނާ ބޭނުންވީ ޔާނާއާއެކު އެކަނި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އެހެންވެ އެނބުރި ޔާނާ ގެއަށް ގެންގޮސް ދިނުމުގެ ބަދަލުގައި މާލޭގެ ބޮޑު މަގުތަކުގައި ދުއްވަމުން ދިޔައެވެ. އެ ދެމީހުންގެ ދެމެދުގައި ދެކެވެމުން ދިޔައީ ހައިފާގެ ވާހަކައެވެ. އޭނަ މިންނު އާއި ދޭތެރޭ ކަންތައްތައް ކުރިގޮތުގެ ވާހަކައެވެ. އެކަމުގައި ހައިފާގެ ކުށް ބޮޑު ނަމަވެސް އެ ހުރިހާ ކަމަކަށް ފަހު ހައިފާއަށް ހެޔޮ ވިސްނުން ލިބުނީތީ ޒޭން އުފާކުރެއެވެ. އެހެންވިޔަސް ޒޭންގެ ހިތްވަނީ ޝަކުވާއިން ފުރިފައިކަމަށް ބުންޏެވެ.

"ހިތަށް އަރަނީ މަންމަދެކެ މާމަ ފޫހިވަނީ ކީއްބާއޭ. މަންމައާ ބެހޭގޮތުން އޮޅުންފިލުމުގެ މާބޮޑު ޝައުގެއް ވެސް މާމަގެ ނެތް. މިއަދު މަންމަ ދުނިޔޭގައި ނެތީތީ އެކަމާ ހަޤީޤަތުގައި ވެސް ދެރަވާކަމެއް ނޭނގޭ" ޒޭން ބުންޏެވެ.

"ބައެއް މީހުންނަށް ހިތުގައި އޮންނަ އެއްޗެއް ދުލާ ހަމައަށް ގެނައުމަކީ ފަސޭހަކަމަށްނުވޭ. ވެދާނެ ޒޭންގެ މާމައަކީ އެކަހަލަ މީހަކަށް. ދެރަވިޔަސް އެކަން ޝޯކުރަން ބޭނުންނުވަނީކަމަށް. މިހާރު މާމަ ވެސް އެ އިނީ މުސްކުޅިވެފައި. އަހަރުމެން އެމީހުންގެ މައްޗަށް ޝަކުވާ ކުރުމަށްވުރެ ރަނގަޅުވާނީ ހިތް ސާފުކޮށްލުން. މިންނުއަކީ ޝަކުވާކުރާނެ ކަހަލަ އަންހެނެއްނޫން... ނޫންތަ؟" ޒޭންއަށް ބަލާލާ ބޯއަރިކޮށްލާފައި ޔާނާ ނިކަން ބޮޑަށް ހިނިތުންވެލިއެވެ. އެ ހިނިތުންވުން ޒޭންގެ ނުތަނަވަސްކަން ފިލުވާލައިފިއެވެ.

"އައި ރިއަލީ ލަވް ޔޫ" ހިނިއައިސްފައި އިނދެ މަޑުމަޑުން ޒޭން ބުނެލިއެވެ.

މަޑުމަޑުން ކާރު ލޮނުޒިޔާރަތްކޮޅު ތިނެސްކަން ގާ ފެންނަ ހިސާބުގައި މަޑުކޮއްލިއެވެ. ޔާނާ ހައިރާން ކަމާއިއެކު ޒޭންއަށް ބަލާލަމުން އެ ހިސާބަށް މަޑުކުރީ ކިހިނެއްވެގެންތޯ ސުވާލުކުރިއެވެ. ޒޭން ހިނި އައިސްފައި އޭނާގެ ވައަތްތިލަ ޔާނާއަށް ދިއްކޮއްލިއެވެ. އެ އަތްތިލައިގެ ތެރެއަށް ޔާނާގެ އަތްތިލަ ލުމާއެކު ބާރުކޮއްލިއެވެ.

"ޔޫ އާ ދި މޮސްޓް އެމޭޒިންގ ވޮމެން އައި ހޭވް މެޓް އިން މައި ލައިފް. އައި ލަވް ޔޫ ސޯ މަޗް. ޔާން! އައި ރިއަލީ ލަވް ޔޫ އަ ލޮޓް. އަހަރެން މާލެ އައީ ޒަވާޖީ ހަޔާތެއް ފަށާކަށްނޫން. އެހެންނަމަވެސް އަހަރެންގެ ވިސްނުން އެ ދިމާއަށް ގެންދިޔައީ ޔާން"

ޔާނާދެކެ ލޯބިވާވަރު ޒޭން ހާމަކުރަމުންދިޔައެވެ. އޭރު މި ވާންއުޅެނީ ކިހިނެއްކަމެއް ނޭނގިފައި އެހެންނަމަވެސް ޒޭންގެ ޖުމްލަތަކުން ހިތްފުރެމުންދާތީ ހިނިއައިސްފައި ޔާނާ އިނީއެވެ. ކުއްލިއަކަށް ޒޭންގެ މައުޟޫޢު ޒަވާޖީ ހަޔާތެއް ފެށުމާ ދިމާއަށް މިސްރާބުޖެހީ ކީއްވެބާއޭ ޔާނާ ހިތައްއެރިއެވެ.

"ޔާން! އަހަރެންގެ ލޯބިވާ ބައްޕަ މަންމައާއެކު އައު ދިރިއުޅުމެއް އުޅުމަށް ފުރަތަމަ ފިޔަވަޅު ނެގީ މާލޭގެ މި ސަރަޙައްދުގައި، މި ކާރުގެ ތެރޭ ތިބެ... މިރޭ... އަހަރެން ވެސް މި އުޅެނީ އެފަދަ ފިޔަވަޅެއް ނަގަން، މާތް މަޤްޞަދަކާއެކު، ޔާން! މިވަގުތު އަހަރެން ޔާންއާއެކު ވިޔަސް މާދަންވާނެ ގޮތެއް ނޭނގެ، އެކަމަކު ޔަގީންވާ އެކަމެއް އެބައޮތް، އެއީ އަހަރެން ޔާންދެކެ އަބަދުވެސް ލޯބިވާނަންކަން، އެ ލޯބި ގެއްލިގެން ނުދާނެކަން، އަހަރެން ބޭނުންވަނީ އަހަރެން ދުނިޔޭގައި އުޅޭ ހުރިހާދުވަހަކު އަހަރެންގެ ބައިވެރިއެއްކަމުގައި ޔާން ވާން، އައިމިނަތް ޔާނާ އަޒާން އަހަރެން އަޙުމަދު ޒޭން ހައިކަލް އާއި ކައިވެނީގެ މަތިވެރި ގުޅުމުން ގުޅެން ޤަބޫލުތަ؟ ވިލް ޔޫ މެރީ މީ... ފޯ ރިއަލް! އިންޝާﷲ! ފޯ އިޓާނިޓީ! ޓިލް ޑެތް ޑޫ އަސް ޕާޓް" ޔާނާގެ އަތުގައި ހިފަހައްޓާލައިގެން އޭނާއާ ހަތަރު ބައްދަލުކޮށްގެން އިނދެ ޒޭން އެހިއެވެ.

ޔާނާއަށް ޤަބޫލުކުރަން ދަތިވިއެވެ. ޒޭންގެ އަތުގެ ތެރޭ އޮތް ޔާނާގެ އަތުން ޒޭންގެ އަތަށް ބާރުކޮއްލެވުނެވެ. ޒޭން އޭނަގެ ޖަވާބެއްގެ އިންތިޒާރުގައި އިންކަންވެސް ހަނދާންނެތުނު ކަހަލައެވެ. އުފަލުންނާއި އަންތަރީސްވެގެން އަނގައިގައި އަތްއަޅާލެވުނެވެ. ދެ ލޯ ފެންކަޅިވީ ޒޭންއާ ކައިވެނިކުރަން އޭނާ ވެސް ބޭނުންވެފައިވާކަން އަމިއްލަ ހިތާއި ޟަމީރު ވެސް އެއްބަސްވާތީއެވެ. ޔާނާގެ އަތުގައި ބޮސްދެމުން ޒޭން ދެވަނަ ފަހަރަށް އޭނާއާ ކައިވެނި ކުރާނަންތޯ އަހާލިއެވެ. އެއާއެކު ޔާނާ އަވަސް އަވަހަށް ބޯޖަހާލިއެވެ. އަދި ވައިއަޑަކުން އާނއެކޭ ބުނެލިއެވެ. އާނބަސް ދިނުމާއިއެކު ޔާނާއަށް ދެން ފެނުނީ ޒޭންގެ ޖީންސުގެ ޖީބުން ނެގި ރަތް މަހުމާފޮއްޓަކުން ރަންއަނގޮއްޓިއެއް ނަގާ ޔާނާގެ ކަށިއިނގިލީގައި އަޅުވާލިތަނެވެ. ވަރަށް ރީއްޗެވެ. ވަރަށް ފުރިހަމައެވެ.

"އޯމައިގޯޑް! ޒޭން!... މީ.... މީ... ރޫބީ..." ޔާނާ އަނގޮއްޓިއަށް ބަލަން އިނދެ އެއްޗެއް ބުނަން އެޅުނެވެ. އެހެންނަމަވެސް އޭގެ ކުރިން ޒޭން ވާހަކަދައްކަން ފެށިއެވެ.

"ޔެސް ޔާން! ތީ ހަމަ އެ އަނގޮއްޓި. މަންމަގެ އަތުގައި ބައްޕަ އަޅުވަދިން އަނގޮއްޓި، ޑައިރީގައި މަންމަ ބުނެފައިވާ އޮތް ރޫބީ އަނގޮއްޓި، ބައްޕަ އަހަންނަށް ތި އަނގޮއްޓި ދިނީ، ބުނީ ޔާންއާ ކައިވެނި ކުރާން ގަސްދުކުރާނަމަ މިހާރު އެ އަނގޮއްޓިއާ އެންމެ ގުޅޭނީ ޔާން ކަމުގައި، އަހަރެން އެކަމުގައި ބައްޕައާ އެއްބަސްވަން، ޔާން! އައި ނޯ އިޓްސް އަ ލިޓްލް އޯލްޑް ފެޝަންކަން. އެހެންވިޔަސް ތީ އަހަރެންގެ މަންމަގެ ހަނދާނެއް" ޒޭން ބުނެލިއެވެ.

"ވާއު! ތެންކްޔޫ!... އައި ޓޯޓަލީ ލަވް އިޓް. މީ ޒޭންގެ މަންމަ، މިންނުގެ އަނގޮއްޓިއަށް ވީކަމީ މި އަނގޮއްޓިއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިންކަމެއް، އަހަރެންވެސް ވަޢުދުވަން............މި އަނގޮއްޓި ދުވަހަކުވެސް އަހަންނާ ވަތްކެއް ނުކުރާނަން، އައި ލަވް ޔޫ ޓޫ ޒޭން" ޔާނާ ލޯބިން ފުރިގެންވީ ނަޒަރަކުން ޒޭންއަށް ބަލާލިއެވެ. އިނގިލީގައި އިން އަނގޮއްޓީގައި ފިރުމާލާ އަތްތިލަ މެޔާ ކައިރިކޮށްލައިގެން ޔާނާ އިނެވެ.

"ނައު އިޒް ދި ޓައިމް... ދެން އިތުރަށް ލަސްކުރާކަށް ބޭނުމެއްނޫން. މަޑުކުރުމުގެ ބޭނުމެއް ވެސް ނެތް. އަހަރެން ގަސްދުކުރަނީ މާދަމާ ޔާންގެ ބައްޕަގެ ގާތަށް ގޮސް ޔާންގެ ކައިވެންޏަށް އެދެން، އެދޭނީ ޚުދު އަހަރެން. އެނގޭ ބޮޑު ދުވަހަކަށް ވެގެން ދާނެކަން، ބައްޕައާ ބައްދަލުވެފައި ހުރިއްޔާ އަހަރެން ފެނުމުން ޔާންގެ ބައްޕައަށް ނޭނގިއެއް ނުހުންނާނެ. ކަންތައްވާނީ ކިހިނެއްކަމެއް ބުނާކަށް އެއްގޮތަކަށް ވެސް ނޭނގެ. އެކަމަކު ޔާންގެ ބައްޕައަށް ވެސް ވާން އޮތް ކަމެއް ނުހުއްޓުވޭނެ. އަހަންނާއި ޔާނާ ބައްދަލުކުރުވީ މާ ބާރުވެރި ފަރާތަކުން" ޒޭން ބުނެލިއެވެ.

* * * * *

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ އަޒާން އިރުއިރުކޮޅާ ގަޑިއަށް ބަލާލައެވެ. އޭނަ އިނީ ޔާނާގެ ޚަބަރެއް ނުވެގެންނެވެ. އެހެންނަމަވެސް އެއީ މީގެ ކުރިން އޭނަ އުޅުނު ގޮތެއްނޫނެވެ. ދަރިފުޅަށް އޭނަ ފުރިހަމަ އިތުބާރުކުރެއެވެ. ގެއަށް ވަންނަން ކަނޑައާޅާފައިވާ ގަނޑިއަށް ގެއަށްވަދެއެވެ. އަޒާންއަށް އެއްވެސް ކަމަކު ޝަކުވާކުރާކަށް ނުޖައްސައެވެ. ހުރިހާ ވެސް މައްސަލަކީ އޭނަގެ ހަނދާންކުރަން ބޭނުންނުވާ މާޒީއެވެ. އޭނަގެ ދިރިއުޅުން ހަލާކުކޮއްލަން މަސައްކަތް ކުރަމުން ދަނީ މިންނުކަމަށް ހީވާހީވުމެވެ. ނުވައެއް ޖަހަންވާއިރަށް އަނެއްކާ ނީދެވިގެން ޔާނާއަށް އަޒާން ގުޅައިފިއެވެ. ނަސީބަކުން އޭރު ޔާނާ ގޭދޮރުން ވަދެގެން އަންނަނީއެވެ.

"އެމަންޖެއަށްތަ ތިހާ ވަރަކުން ތިގުޅަނީ" އަޒާންގެ ހަރަކާތްތަކަށް ބަލަންއިން ޝަމްލާ އަހާލިއެވެ.

"އަޅުގަނޑު މިހުރީ... ލަހެއްނުވަމެއްނު، އަނެއްކާ ބައްޕަ ކަމަކުތަ ތި ގުޅަނީ" ޔާނާ ބަދިގެއަށް ވަންނަމުން ބުނެލިއެވެ. އޭރު އޭނާގެ އަތުގައި ފޯނު އޮތެވެ.

"ދަރިފުޅު މިހާރު މާގިނައިން ބޭރުގަ އުޅެނީ.... ދެން ވެސް އާދޭ އަވަހަށް ކާން" ޔާނާއަށް ބަލާލަމުން ޝަކުވާގެ ރާގެއްގައި އަޒާން ބުނެލިއެވެ.

"މަންމާ!... ބަލާލަބާ!" ޔާނާ ޝަމްލާއަށް ގޮވާލަމުން އޭނާގެ އަތްތިލައިގެ ނުފުށް ދައްކާލިއެވެ. ޝަމްލާއަށް ޔާނާގެ ކަށިއިނގިލީގައި އިން އަނގުބޮޑު އަނގޮއްޓިފެނުމުން އަޖައިބުވެގެން ގޮސް އަނގައަށް ލާން ނެގި ބަތްސުވާ މަތިންވެސް ހަނދާންނެތުނު ކަހަލައެވެ. ޔާނާއަށް އޭނަގެ މަންމަ ޝަމްލާއަށް އޭނަގެ އަތްފެނުމުން ދެންވާނެ ގޮތްވެސް އިނގެއެވެ.

"ތީ ކާކު ދިން އެއްޗެއް؟ ޒޭންތަ؟" ޝަމްލާ އަވަސް އަވަހަށް އަހާލިއެވެ.

"ކޯޗެއްތަ؟ ބައްޕައަށް ވެސް ދައްކާލަބަލަ" އަޒާން ވެސް ޝަމްލާގެ ޝައުގުވެރިކަން ހޯދި އެއްޗެއް ބެލުމަށް އުޅުނެވެ. ޔާނާ އޭނަގެ އަތްތިލަ އަޒާންއަށް ދައްކާލީ އުފަލުންނެވެ. އޭރު އޭނާގެ ބައްތިރީސް ދަތް ސޭލް އަޅުވާލާފައި އޮތް ކަހަލައެވެ.

"އަޅުގަނޑު ވަރަށް މުހިންމު ވާހަކައެއް ބުނަންވެފަ އެބައޮތް" ޔާނާ ބުނެލިއެވެ. ޔާނާގެ އެ ޖުމްލައިން އަޒާންގެ ހިތަށް އެތަށް ސުވާލެއް އިތުރުވެގެން ދިޔައެވެ. ދަރިފުޅު ބުނެދާނޭ އެއްޗަކާމެދު މިހާރު އަޒާން ޖެހިލުންވެއެވެ.

"އަނެއްކާ މަންމައަށް މި ހީވަނީ ރަނގަޅަށްތަ؟" ޝަމްލާ ކުރިއަށްވުރެ ބޮޑަށް ހިނިއައިސްފައި އަހާލިއެވެ.

"ބައްޕާ! ޒޭން އަޅުގަނޑުގާ ކައިވެނިކުރަން ބޭނުންވޭ. ބުނީ ބައްޕަގެ ގާތުން ހުއްދައަށް އެދެން މާދަމާ މި ގެއަށް އަންނާނަމޯ، ބައްޕަ ޤަބޫލިއްޔާ ވަރަށް އަވަހަށް ރަންކިޔަން ވެސް ފޮނުވާނަމޯ.....ބައްޕަ ޤަބޫލު ދޯ" އަޒާންއަށް ބަލަން އިނދެ ޔާނާ ބުނެލިއެވެ.

"ޒޭންއަކީ ރަނގަޅު ކުއްޖެއްތަ؟، މަންމަމެންނާ ބައްދަލުކޮއްދޭށޭ މި ބުނަނީ އެހެންވެއޭ... ދަރިފުޅަށް ޒޭން ވަރަށް ކަމުދޭ ދޯ" އަޒާން އެއްޗެއް ނުބުނަނިސް ޝަމްލާ ވާހަކަ ދައްކަންފެށިއެވެ.

"އާން މަންމާ!، އަޅުގަނޑަށް ވަރަށް ކަމުދޭ، ޒޭންއަކީ ގޯސް މީހެއްނޫން. މާދަމާ މަންމައާއި ބައްޕައާ މީޓުކުރަން އައީމަ އެނގޭނެ އޭނާއަކީ ވަރަށް ރަނގަޅު މީހެއްކަން" ޒޭންދެކެވާ ލޯބި މައިންބަފައިންގެ ކުރިމަތީ ޒޭން ވާހަކަދެއްކުމަށް ޔާނާގެ ހިތްވަރަކަށް ވިއެވެ.

"މިހާރު ތިހިސާބަށް ވެސް ކަންތައް ދިޔައީތަ؟ ތިފަދަ ނިންމުމެއް ނިންމަން އަދި އަވަސްހެން ބައްޕައަށް ހީވަނީ.... ޒޭންއާ ދިމާވީ އިހަކަށްދުވަހުއެއް ނޫންތަ؟" އަޒާން މާ ހިތްހަމަޖެހޭގޮތެއް ނުވިއެވެ. (ނުނިމޭ)