ރާއްޖެއަށް ޗުއްޓީގައި އައިސް މޫދަށް ގެނބިގެން މަރުވާ ޓޫރިސްޓުންގެ އަދަދު ދުވަހެއް ދުވަހަކަށް މައްޗަކަށް ދާތީ އެ އަދަދު މަދުކުރަން އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީގެ އިސް ވެރިޔަކު މިއަދު ވިދާޅުވީ ގިނައިން ގެނބެނީ ޗައިނާ އާއި ޗައިނާ ހިމެނޭ ސަރަހައްދުން އަންނަ މީހުން ކަން ފާހަގަ ކުރެވިފައިވާ ކަމަށާއިއެހެންކަމުން ގެނބޭ މީހުންގެ އަދަދު މަދުކުރަން ޗައިނާ އެމްބަސީއާ ގުޅިގެން މިދިޔަ އަހަރު ވެސް މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށެވެ.
"ތިން ފޫޓުގައި ވެސް އެބަހުރި މީހުން ގެނބިފައި. ސުވިމިންޕޫލްގައި ވެސް އެބަހުރި ގެނބިފައި. އެހެންވެ އެމްބަސީއާ ގުޅިގެން ހޭލުންތެރިކަން އިތުރު ކުރަން މަސައްކަތްތައް މި އަހަރު ވެސް އިތުރު ކުރާނެ. މިދިޔަ ތިން މަހަކީ ތާރީހުގައި ވެސް އެންމެ ގިނަ މީހުން ރާއްޖެއަށް އައި މަސް. އެހެންވެ ހާދިސާތައް ރެކޯޑް ކުރެވިފައިވާލެއް ވެސް އިތުރުވެދާނެ،" އޭނާ ވިދާޅުވި އެވެ.
އެމްބަސީއާ ގުޅިގެން ހޭލުންތެރިކަން އިތުރު ކުރަން ކުރާ މަސައްކަތްތައް މި އަހަރު ވެސް އިތުރު ކުރާނެ.ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް
ވޭތުވެދިޔަ ހައެއްކަ މަހަށް ބަލާއިރު ގާތްގަނޑަކަށް ހަތް ޓޫރިސްޓަކު ގެނބިގެން މަރުވެފައިވެ އެވެ. އަދި މީގެތެރޭގައި ވެސް ގިނަ އިން ޗައިނާ މީހުން ހިމެނެ އެވެ.
އޭނާ ވިދާޅުވީ މިފަދަ ހާދިސާތައް ގިނައިން ހިނގަނީ ރިސޯޓުތަކުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނެތުމުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ދުނިޔޭގެ ފެންވަރުން ބަލާނަމަވެސް ރާއްޖޭގެ ރިސޯޓުތައް ވާނެ އެންމެ ފެންވަރު ރަނގަޅު ތަންތަނަށް. ފެންވަރު ހަމައެކަނި މި ރަނގަޅުވަނީ ރޫމްތަކާއި ބެޑްގައި އަޅާ ލިނަން [ބެޑްޝީޓް ފަދަ ތަކެތި] އެކަންޏެއް ނޫން. ސަލާމަތީ ގޮތުންނާއި ގެސްޓުންނަށް ދެވޭ ހިދުމަތުގެ ފެންވަރަށް ބެލި ނަމަވެސް ރަނގަޅު ވާނެ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ފެންވަރުން ވެސް ސޭފްޓީ ސްޓޭންޑަސް އެންމެ ރަނގަޅު ވާނީ ރާއްޖެ ކަމަށެވެ.
"އެކަމަކު ވެސް އެފަދަ ހާދިސާތައް ހިނގާ. ރިސޯޓުތަކުން ވެސް ބްރީފް ކޮށްވެސްދޭ. މެނޭޖުމަންޓް ސިސްޓަމްތަކުގައި ސޭފްޓީ ސްޓޭންޑަސް ނެތްނަމަ މި ފަދަ ހާދިސާތައް ވަރަށް މަތި ވާނެ،"
ރިސޯޓުތަކުގައި ލައިފް ގާޑުން ނާއި ގައިޑުން ނެތް ތަންތަން ލިޔެ ދައްކާފައި ހުންނަ ކަމަށާ، ނަމަވެސް ބައެއް މީހުން އެ ފަދަ ކަންކަމަށް ސަމާލުކަން ނުދެވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ޗައިނާގެ މެދުތެރޭގެ ބައެއް ސަރަހައްދު ތަކަކީ އެއްގޮތަކަށް ވެސް މޫދު ނުފެންނަ ސަރަހައްދުތައް ކަމަށާ، އެހެންކަމުން މި ފަދަ ސަރަހައްދު ތަކުން އަންނަ މީހުނަށް މޫދު ފެނުމުން ފުންމާލާ ކަމަށެވެ.
"މިހާރު ވެސް މޫދަށް އެރޭއިރު ލައިފް ޖެކެޓް އެޅުން ފަދަ ކަންކަމަށް އެޑްވައިޒް ކުރަމުންދޭ. އެހެންވެ މި އަހަރަށް ޕްލޭނެއް އެކުލަވާލައިގެން މި ފަދަ އިންސިޑެންސް [ހާދިސާތައް] ދިމާނުވާނެ ގޮތެއް ރާވަން މި މަސައްކަތް ކުރަނީ،،"