ހަބަރު

ލަންކާގެ މަސްބޯޓެއް ބަނޑުން ޖަހާލާފައި އޮއްވާ ފެނިއްޖެ

ބަނޑުން ޖަހާލާފައި އޮތް ސްރީ ލަންކާގެ މަސްބޯޓެއް ރާއްޖޭ ކަނޑުގެ ސަރަހައްދުން ފެނިއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިއަދު 1:15 ހާއިރު ށ. އަތޮޅު 73 މޭލު ބޭރުގައި ބަނޑުން ޖަހާލާފައި އޮތް ލަންކާގެ މަސްބޯޓެއް "މަންފާ" ނަމަކަށް ކިޔާ ބޯޓަކަށް ފެނިފައިވާ ކަމަށެވެ. އަދި މިހާރު އެ ލަންކާގެ ބޯޓު ކަފު ޖަހައިގެން ރ. އަތޮޅު މަޑުއްވަރީއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަޒިމް ވިދާޅުވި އެވެ.

"ލަންކާ ބޯޓު ކަފު ޖަހައިގެން ގެނައުމަށް އެމްއެންޑީއެފްގެ ނޮދާން އޭރިއާގެ ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުން،" އާޒިމް ވިދާޅުވި އެވެ.

ފަހަކަށް އައިސް ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓުތައް ފެންނަ ވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން ދާދި ފަހުން އައި ތޫފާނާއެކު ލަންކާ އާއި އިންޑިޔާގެ މަސްބޯޓުތަކެއް ގެއްލިގެން އުޅޭތީ އިންޑިޔާގެ ވައިގެ އުޅަނދުތައް ރާއްޖެ ސަރަހައްދުގައި ހަރަކާތްތެރިވި އެވެ.