ލައިފްސްޓައިލް

ލައިގެން ހުރީ ކޯއްޗެއް؟ މި ސުވާލު މުހިންމެއް ނޫން!

ރޭޕްގެ ލާއިންސާނީ އަނިޔާ އެތައް ބަޔަކާ ކުރިމަތިވަމުން ދާއިރު، ކޮންމެ ދުވަހަކު އެ މީހުން އެތައް ވޭނެއް ތަހައްމަލު ކުރަމުންދެ އެވެ. މި ވޭންތައް ތަހައްމަލު ކުރަމުންދާ ދަނޑިވަޅުގައި އެ މީހުނަށް މުޖުތަމައުގެ ފަރާތުން ތަފާތު އެތައް ސުވާލުތަކެއް ވެސް އަމާޒު ވެގެންދެ އެވެ.

އެގޮތުން އެފަދަ މީހުނަށް އެންމެ ގިނައިން އަމާޒުވާ އެއް ސުވާލަކީ "ލައިގެން ހުރީ ކޯއްޗެއް؟" ހެއްޔޭ އެވެ؟ ރޭޕް ކުރަން ޖެހެނީ އަންހެނުން ލާފައި ތިބޭ ހެދުމުގެ ސަބަބުން ކަމަށް ދެކޭ ބަޔަކު ވެސް އެބަ ތިއްބެވެ. މިފަހުން ރާއްޖޭގައި ފެންމަތިވި ރޭޕްގެ މައްސަލަތަކާ އެކުވެސް ޝުއޫރުފާޅުކުރި ބައެއް މީހުން ކުށްވެރި ކުރީ އަންހެން ކުއްޖާ ލައިގެން ހުރި ހެދުމެވެ.

މިއަދު މުޖުތަމައުގައި ބައެއް މީހުނަށް ހީވެފައި އޮންނަނީ ރޭޕްގެ ޝިކާރައަކަށްވަނީ އެ ވަގުތެއްގައި އެ މީހަކު ލައިގެން ހުންނަ ހެދުމެއްގެ ސަބަބުން ކަމަށެވެ. އެ ވިސްނުން ދިވެހިންގެ ތެރޭގައި ވެސް އޮތީ ހަމަ އެހެން އެވެ. ނިވާކަން ކުޑަ ހެދުން ލާނަމަ ރޭޕްފަދަ އަނިޔާތަކާއި ކުރިމަތިލާންޖެހޭ ކަމަށް ބައެއް މީހުން ދެކެ އެވެ. އެހެންވެ އެ ސުވާލު ހަމަ އަމާޒު ވަނީ އެވެ.

ނަމަވެސް ބެލްޖިއަމްގެ ބްރުސެލްސްގައި ބޭއްވި އެގްޒިބިޝަނަކުން އެއީ އެއްވެސް ތާކުންތާކު ނުޖެހޭ އުޒުރުވެރި ސުވާލެއްކަން ވަނީ ސާބިތުކޮށްދީފަ އެވެ. ބްރުސެލްސްގެ ސެންޓާ ކޮމިނިއުކޭޓް މެރިޓައިމް އިން "މީއީ އަހަރެންގެ ކުށެއްތަ؟" އެ ނަމުގައި ބޭއްވި މި އެގްޒިބިޝަންގައި ރޭޕްގެ ޝިކާރައަކަށްވި މީހުން، އެ އަނިޔާ ލިބުނު ވަގުތު ލާފަ ހުރި ހެދުންތައްވަނީ ދައްކާލާފަ އެވެ.

ދައްކާލަން ބަހައްޓާފައިވާ ހެދުންތަކުގެ ތެރޭގައި ނިދަންލާ ހެދުން ނޫނީ ޕިޖާމާ އާއި ޓްރެކްޝޫޓާއި، އަދި ކުޑަ ކުއްޖެއްގެ ޓީޝާޓެއް ވެސް ހިމެނެ އެވެ. އެ އެގްޒަބިޝަންގައި އެފަދަ ހެދުންތައް ދައްކާލަމުން ސުވާލު އުފައްދާފައި ވަނީ އެފަދަ ހެދުންތަކެއް ލައިގެން ހުރުމުން ރޭޕުކުރަންޖެހޭ ހެއްޔެވެ؟ އެ ހެދުންތަކުގެ ތެރޭގައި ނިވާކަން ކުޑަ ހެދުންތައް ހުރީ ވަރަށް ވެސް މަދުން އެވެ. އަދި ރޭޕްކުރި ވަގުތު ނިވާކަން ކުޑަ ހެދުން ލައިގެން ތިބީ ވަރަށް ވެސް މަދު ހާލަތެއްގައިކަން އެ އެގްޒިބިޝަންގައި ހުރި ހެދުންތަކުން އެނގެ އެވެ.

އެ ހަރަކާތް ހިންގާ ފަރާތުން ބުނީ އެ ހަރާކާތުގެ މަގުސަދަކީ މީހަކު ލާ ހެދުމެއްގެ ސަބަބުން ރޭޕްކުރަނީއޭ ބުނެ މުޖުތަމަޢުގައި ދައްކަމުންދާ ވާހަކަތައް ހުއްޓުވައި، މީހުން އެކަމަށް ހޭލުންތެރި ކުރުން ކަމަށެވެ.

"އެ ސުވާލަކީ އަނިޔާ ލިބުނު ފަރާތް ކުށްވެރިކުރުމަށް ކުރާ ސުވާލެއް،" އެގްޒިބިޝަން ރޭވި ފަރާތުން ބުންޏެވެ. -- ބީބީސީ