ސާފް ސުޒުކީ ކަޕް

ސާފް ޗެމްޕިއަންޝިޕް ޑިސެމްބަރު މަހު ޓްރިވެންޑްރަމްގައި

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ޑިސެމްބަރު މަހު، އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭއްވުމަށް ސާފް އިން ނިންމާފައިވާކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ކަށަވަރުކޮށްދީފި އެވެ.

އެފްއޭއެމް އިން މިއަދު ބުނި ގޮތުގައި ސާފްގެ ރައީސް އާއި މެމްބަރު އެސޯސިއޭޝަންތަކާދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު، ޑިސެމްބަރު މަހު ޓްރިވެންޑްރަމްގައި މުބާރާތް ބޭއްވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

މި އަހަރު ޖޫން ޗެމްޕިއަންޝިޕް ޖޫން މަހު ބޭއްވުމަށް ބޭނުންވާ ކަމަށް އިންޑިއާ އިން ކުރިން ބުނުމުން، ރަމަޟާން މަހާ މުބާރާތް ދިމާވާނެތީ ރާއްޖޭން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޑިސެމްބަރު މަހު މުބާރާތް ބޭއްވުމަށް އެންމެ ބޮޑަށް މަސައްކަތްކުރީ ވެސް ރާއްޖޭންނެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޓްރިވެންޑްރަމްގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭއިރު، އެއީ ރާއްޖެ އަށް ލިބޭނެ އެޑްވާންޓޭޖެއް ކަމަށެވެ.

"ޓްރިވެންޑްރަމްގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭއިރު، އަޅުގަނޑުމެން އުުންމީދުކުރަނީ ރާއްޖެ އަށް އަނބުރާ ތަށި ގެނައުމަށް ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ސަޕޯޓް ލިބޭނެ ކަމަށް،" ބައްސާމް ވިދާޅުވި އެވެ.

ސާކު ސަރަހައްދުގެ އަށް ގައުމުގެ މެދުގައި ކުޅެވޭ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ އަފްގާނިސްތާނެވެ.