ކައިވެންޏެއް ކުރަން ރާވާއިރު ރީތި ތާރީހެއް ހޯދުމަކީ މިހާރުގެ ޓްރެންޑެވެ. ދިވެހި ޒުވާނުންގެ މެދުގައި ވެސް މިކަން އޮތީ ހަމަ މިގޮތަށެވެ.
އެގޮތުން އެންމެ ގިނަ ބަޔަކަށް މިއަހަރު ކައިވެނި ކުރަން އެންމެ ކަމުދާ ތާރީހު ކަމުގައިވާ 18/8/18 ގައި ފުރަތަމަ އޮތީ ކައިވެނި ނުކޮށްދޭ ގޮތަށެވެ. ފެމިލީ ކޯޓުން އޭރު މިގޮތައް ނިންމީ އެ ތާރީހަކީ ހޮނިހިރު ދުވަހަކަށްވެފައި، ސަރުކާރު ބަންދު ދުވަހަކަށް ވެސް ވުމުން އެވެ.
ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން ފެމިލީ ކޯޓުން މި ނިންމުމަށް ބަދަލު ގެނެސް ނިންމީ އެ ތާރީހުގައި ކައިވެނި ކުރަން އުޒުރުވެރި ސަބަބެއް އޮވެއްޖެނަމަ އެކަން ލިޔުމަކުން ކޯޓަށް ހުށަހެޅުމުން ކައިވެނި ކޮށްދޭ ގޮތަށެވެ.
މިއަހަރު ކައިވެނި ކުރަން ރީތި އެހެން ތާރީހުތަކަށް ބަލާލާއިރު، 18/9/9 (އާދިއްތަ ދުވަސް) ފާހަގަކޮށްލެވެ އެވެ. މި ތާރީހު ރީތިވާ ސަބަބަކީ 9 އަކާއި 9 އެއް އެއްކުރީމަ އަންނަ އަދަދަކީ 18 އަށް ވުމެވެ.
ހަމަ މިގޮތަށް 18/02/16، އަދި 18/8/10 އަކީވެސް އެއްކޮށްފިނަމަ 18 އަންނާނެ ތާރީހުތަކެވެ. މި ދެ ދުވަހަކީ ހުކުރު ދުވަހެކެވެ. 18/04/18 އަކީވެސް ހަމަ މިކަހަލަ ތާރީހެކެވެ. އެހެންނަމަވެސް މި ތާރީހަކީ ހޮނިހިރު ދުވަހަކަށްވުމުން ކޯޓުން ކައިވެންޏެއް ނުކޮށްދޭނެ އެވެ.
ހަމަ މިގޮތައް ގުނަ ކޮށްގެން 18 ގެނެވޭ ކަހަލަ ތާރީހުތަކުގައި ކައިވެނިކުރަން ސަޅިވާނެ އެވެ. މިސާލަކަށް 18/2/9 (އާދިއްތަ ދުވަސް)، 18/2/6 (އަންގާރަ ދުވަސް) ކަހަލަ ތާރީހުތަކެވެ.
ފާސޭހައިން ހަދާންކުރަން ބޭނުންވާ ތާރީހެއްގައި ކައިވެނި ކުރަން ބޭނުން ނަމަ 18/1/18، 18/2/18 ކަހަލަ ތާރީހުތަކުގައި ކައިވެނި ކުރަން ހަމަ ސަޅިވާނެ އެވެ. މިއަހަރު ކައިވެނިކޮށް ނުދެވޭ ތާރީހުތަކުގެ ގޮތުގައި ފެމިލީ ކޯޓުން ނިންމާފައިވާނީ ހޮނިހިރު ދުވަސްތަކުގެ އިތުރުން އަންނަ ރަމަޟާން މަހުގެ ފުރަތަމަ ދެ ދުވަހާއި، ފިތުރު އީދުގެ ހަތަރު ދުވަހުގެ އިތުރުން އަޟްހާ އީދުގެ ހަތަރު ދުވަހެވެ.