ކުޅިވަރު

ރެއާލް މިހާރުގެ ޓާގެޓަކީ ގަދަ ހަތަރެއް

އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތްދަށުވެ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ސްޕެނިޝް ލީގްގައި ކަނޑައެޅި އަމާޒު ދަށްކޮށް ގަދަ ހަތަރަކުން ޖާގަ ހޯދުމަށް މިހާރު އަމާޒު ހިފައިފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ، ރެއާލްއަށް ވަމުންދާ ގޮތާމެދު، ދޭނެ ތަފްސީލެއް އޭނާގެ އަތަކު ނެތް ކަމަށެވެ. އޭނާ ބުނީ، މެޗުން ބަލިވުން، ރެއާލްއަށް ހައްގު ނުވާ ކަމަށާއި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއްވެސް ތަނަވަސް ކުރި ކަމަށެވެ. އޭނާ ބުނީ، ގޯލް ޖެހުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުޅުންތެރިން ކުރި ކަމަށެވެ.

"އަހަރެމެން ހުރިހާ ކަމެއް ކުރިން، ލަނޑު ނުޖެހުމުގައި ބޯޅަ ގޯލްތެރެއަށް ނުވަދެވުމުގައި، ދޭނެ ތަފްސީލެއް އަހަރެން އަތަކު ނެތް،" ޒިދާން ބުންޏެވެ. "އުނދަގޫ ވަގުތެއްގައި ވާނީ މިހެން، އަދި ކުޅުންތެރިންނަށް ވަރަށް އުނދަގޫ ވަގުތެއް، އަހަރެން އެ މީހުންނަށް ފާޑެއް ނުކިޔާނަން، މިއީ އުނދަގޫ ވަގުތެއް."

ރޭގެ މެޗަކީ، ލީގްގައި، ރެއާލްގެ ދަނޑުގައި، ވިޔަރެއާލް މޮޅުވި ފުރަތަމަ މެޗެވެ. މެޗުން ބަލިވުމުން، ރެއާލްގެ އަމާޒު މިހާރު ވަނީ ބަދަލުވެފައެވެ. އެ ޓީމުގެ މިހާރުގެ އަމާޒަކީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގް ޖާގަ އެއް ހޯދުމެވެ. މިޑްފީލްޑާ ޓޯނީ ކްރޫޒް ބުނީ، ރެއާލް މިހާރު އޮތް ހާލަތާ ވިސްނައި ސީޒަންގައި ބާކީ އޮތް ބައިގައި ހާސިލުވާން އޮތް މިންވަރު ހާސިލު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ތާވަލުގެ އެއް ވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އާ ރެއާލް މެޑްރިޑާ ދެމެދު 16 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ.

"16 ޕޮއިންޓަކީ ވަރަށް ދުރު، އަދި މިއީ މިހާރު އެކަމާ ވިސްނަންވީ ވަގުތެއް ނޫން، މިހާރު ވިސްނަންވީ ކުރިއަށް އޮތް މެޗާ މެދު،" ކްރޫޒް ބުންޏެވެ. "އަހަރެމެން ޖެހޭނެ އަލުން ޕޮއިންޓް ހޯދަން ފަށަން އޭރުން ގަދަ ހަތަރެއްގެ ތެރޭގައި އޮވެ ލީގް ނިންމާލުމުގެ ފުރުސަތު ލިބިގެންދާނެ."