ދުނިޔެ

ސޮނީ ހެކްކުރީ އުތުރު ކޮރެއާ އިން: އެފްބީއައި

ވޮޝިންޓަން (19 ޑިސެމްބަރު) – ސޮނީ ޕިކްޗާސް އަށް މިދިޔަ ނޮވެމްބަރު މަހު ހެކަރުންގެ ބަޔަކު ދިން ހަމަލާގެ ފަހަތުގައި އޮތީ އުތުރު ކޮރެއާ ކަމަށާއި އެމީހުން ސޮނީ އަށް ހަމަލާ ދީފައި ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ފުރައްސާރަކޮށްފައިވާ ފިލްމު "ދަ އިންޓަވިއު" ގެ މައްސަލައިގައި ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައިއިން) ބުނެފި އެވެ.

ހާއްސަ ތަހުގީގަކަށް ފަހު އެފްބީއައި އިން ބުނެފައި ވަނީ ހެކަރުންގެ ޓީމުގެ ފިޔަވަޅުތައް ގޮސް ނިމެނީ އަދި ގުޅެނީ އުތުރު ކޮރެއާއާ ކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

ނަމަވެސް އުތުރު ކޮރެއާ އިން އެއްވެސް ސިފައެއްގައި މިކަމަށް އެއްބަސްވެފައެއް ނުވެ އެވެ. ކުރެވޭ ތުހުމަތުތަކާ ގުޅިގެން ވާހަކަ ވެސް ދައްކާފައެއް ނުވެ އެވެ.

ނަމަވެސް ވަނީ ސޮނީ ހެކުކުރި މީހުންނަށް ހިތްވަރު ދީފަ އެވެ.

ސޮނީ ޕިކްޗާސްގެ މައި ސާވާތައް ހެކުކޮށް އާ ފިލްމުތަކާއި ސިއްރު އީމެއިލްތަކާއި އެހެން މުހިންމު ލިޔެކިޔުންތައް އިންޓަނެޓަށް ލީކުކޮށްލާފައި ވަނީ "ދަ އިންޓަވިއު" ނުދެއްކުމަށް އުތުރު ކޮރެއާ އިން އިންޒާރު ދީފައި ވަނިކޮށެވެ. އެ ފިލްމު ނުހުއްޓުވައިފި ނަމަ ބަދަލު ހިފާނެ ކަމުގެ އިންޒާރު ކިމް ޖޮން-އުންގެ ސަރުކާރުން ދީފައި ވަނިކޮށެވެ.

އުތުރު ކޮރެއާ އިން މި ފިލްމު ސިފަކޮށްފައި ވަނީ "ހަނގުރާމައިގެ އަމަލެއް" ގެ ގޮތުގަ އެވެ. އެ ފިލްމުގައި ދައްކުވައި ދެނީ އުތުރު ކޮރެއާގެ ލީޑަރު މަރާލަން އެމެރިކާ އިން ހިންގާ ހަރަކާތެކެވެ. ފިލްމަކީ ކޮމެޑީ ފިލްމެކެވެ.

"އިންޓަވިއު" ގެ މައްސަލާގައި ސޮނީ އަށް ލިބުނު އިންޒާރުތަކާ ގުޅިގެން ގިނަ ބަޔަކު ފިލްމު ދެއްކުމަށް ދެކޮޅު ހެދުމުން ފިލްމުގެ ޝޯތައް ވަނީ ކެންސަލްކޮށްފަ އެވެ. ހެކަރުން ވަނީ އެކަމަށް ޝުކުރު އަދާކޮށް އެއްވެސް ސިފައެއްގައި މި ފިލްމު ނުނެރުމަށް ވެސް ސޮނީ އަށް ފަހުން އިންޒާރު ދީފަ އެވެ.

ފިލްމު ދެއްކުމަށް ސިނަމާތަކުން ދެކޮޅު ހެދީ ސިނަމާތަކަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ހެކަރުން ދިނުމާ ގުޅިގެންނެވެ.

މި ފިލްމަކީ ސޮނީން 40 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ޕްރޮމޯޝަނަލް ބަޖެޓާ އެކު މި އަދަދު 70 މިލިއަން ޑޮލަރަށް އަރަ އެވެ.