ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބޯޑުގައި ހިމެނޭ އާއްމު ހިއްސާދާރުން ތަމްސީލްކުރާ ތިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން، އެ ބޭންކުން މިއަދު ހުޅުވާލައިފި އެވެ.
ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން ބުނި ގޮތުގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 އިން އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އަދި އެ ބޭންކުގެ އިއުލާނުގައި މި މަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ތަފްސީލްކޮށް ބަޔާން ކޮށްފައިވެ އެވެ.
މި މަގާމަށް ކުރިމަތިލާ މީހެއްނަމަ އުމުރުން 30 އަހަރާއި 70 އަހަރުވުމުގެ އިތުރުން، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރެފައިވާ "ފިޓް އެންޑް ޕްރޮޕާ ރިކުއާމެންޓް" ގައި ބުނާ ޝަތުރުތައް ހުންނަން ޖެހޭނެ އެވެ. މީގެ އިތުރުން މި ދާއިރާ އިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހެއް ކަމަށްވާން ޖެހޭނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.
ބީއެމްއެލް ބޯޑަށް އެންމެ ފަހުން ބަދަލު އައިސްފައިވަނީ މިދިޔަ އަހަރެވެ. އެ ފަހަރު ގެނައި ބަދަލުތަކުގެ ތެރޭގައި ދެ އަހަރު ދުވަހު ޗެއާމަންކަން ކުރައްވާފައިވާ، ފަރީހާ ޝަރީފުގެ އިތުރުން، ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވި މުހައްމަދު ޢުމަރު އާއި މުރުތަޟާ މުޙައްމަދު ދީދީ މުއްދަތު ހަމަކޮށް ބޯޑުން ވަކިވުން ހިމެނެ އެވެ.
މިހާރު ބޭންކުގެ ޗެއާޕާސަންއަކީ ސައީދާ އުމަރެވެ. އަދި ސީއީއޯއަކީ އެންޑްރޫ ހީލީ އެވެ. މީގެ އިތުރުގެ ހިމެނިވަޑައިގަންނަވަނީ ޑެޕިއުޓީ ސިއީއޯ މުހައްމަދު ޝަރީފާއި މުހައްމަދު ލުއެއިޒް އަދި އަބްދުލް ހާރިސް އާއި އައިޝަތު އަރްޝާގެ އިތުރުން ރަބީހް މުހައްމަދާއި މުހައްމަދު އަބްދުލް ސައްތާރުގެ އިތުރުން އިބްރާހިމް މުހައްމަދު އަދި އިބްތިޝާމާ އަހުމަދު ސައީދު އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ބޭންކް، ކަމަށްވާ ބީއެމްއެލް އިން ވަނީ ވިދިވިދިގެން ހަތަރުވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް މިންވަރެއް މައްޗަށް ޖައްސާފަ އެވެ. އެ ކުންފުނިން މިދިޔަ އަހަރު ވަނީ 2016 ވަނަ އަހަރުގެ ފައިދާ އިން، 107.6 މިލިއަން ރުފިޔާ ނުވަތަ ހިއްސާއަކަށް 20 ރުފިޔާ ބަހާފަ އެވެ.