ކުޅިވަރު

ބާސާއަށްވުރެ ރެއާލްއާ މިހާރު ގާތީ ރެލިގޭޝަން

ރެއާލް ސޮސިއެދާދުގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެފްސީ ބާސެލޯނާއިން، ވާދަވެރި ރެއާލް މެޑްރިޑްގެ މައްޗަށް 19 ޕޮއިންޓްގެ ބޮޑު ލިޑެއް ނަގައިފި އެވެ. އެޔާއެކު، ބާސެލޯނާއަށް ވުރެ ރެއާލް މިހާރު ގާތްވަނީ ރެލިގޭޝަނެވެ.

ބާސާ އާއި ރެއާލްއާ ދެމެދު 19 ޕޮއިންޓްގެ ބޮޑު ފަރަގެއް އޮތް އިރު، ރެލިގޭޝަން ޒޯނާ، ރެއާލްއާ ދެމެދު ހުރީ 16 ޕޮއިންޓްގެ ތަފާތެވެ.

ސޮސިއެދާދުގެ އަނީޓޯ ސްޓޭޑިއަމްގައި ބާސާ މި މޮޅުވީ 11 އަހަރު ފަހުންނެވެ. އެންމެ ފަހުން އެ ސްޓޭޑިއަމްގައި ބާސާ މޮޅުވީ 2007 ވަނަ އަހަރު އެވެ. ރޭގެ މެޗުގައި، ބާސާގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ލުއިސް ސުއަރޭޒް އެވެ. ބާސާ މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ.

މެޗުގައި، ސޮސިއެދާދުން، ދެ ލަނޑުގެ ލިޑެއް ނެގި އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ވިލިއަން ހޯޒޭ އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ހުއާންމީ އެވެ. އޭނާ ލަނޑު ޖެހީ 34 ވަނަ މިނެޓްގަ އެވެ. ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ފަސް މިނެޓް ފަހުންނެވެ. އެ ޓީމަށް ލަނޑު ޖަހައި ހިތްހަމަޖެހުން ހޯދައިދިނީ، ޕައުލީނިއޯ އެވެ.

ސުއަރޭޒްގެ ލަނޑުތައް ކާމިޔާބު ކުރީ މެޗުގެ، ދެ ވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 50 ވަނަ މިނެޓްގައެވެ. ދެ ވަނަ ލަނޑު 71 ވަނަ މިނެޓްގައެވެ. ހަތަރު ވަނަ ލަނޑު 85 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލިއޮނަލް މެސީ އެވެ.

ލީގްގައި، ބާސެލޯނާ އަށް ގެއްލުނީ އެންމެ ހަ ޕޮއިންޓެވެ. ޔޫރަޕްގެ ގަދަ ފަސް ލީގްގެ ޓީމުތަކުގެ ތެރެއިން، މި ސީޒަންގައި އެއްވެސް މެޗަކުން ބަލި ނުވާ ހަމައެކަނި ޓީމަކީ ބާސެލޯނާ އެވެ. މި ސީޒަންގައި ވަރުގަދަ ކޮށް ފެންނަ، އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ ވެސް މިހާރު ވަނީ ދެ މެޗުން ބަލިވެފައެވެ. އެއީ ޕްރިމިއާ ލީގްގެ އެއް މެޗުންނާއި ޗެމްޕިއަންސް ލީގްގެ މެޗަކުންނެވެ.

މެޗަށް ފަހު، ވާހަކަ ދައްކަމުން، ބާސާގެ ކޯޗް އެރުނަސްޓޯ ވަލްވެރުޑޭ ބުނީ، ރެއާލް އާ ދެމެދު 19 ޕޮއިންޓްގެ ބޮޑު ލީޑެއް އޮތަސް އެ ޓީމާ މެދު ސަމާލުކަން ކުޑަ ނުކުރާނެ ކަމަށެވެ.