ރިޕޯޓް

އިންޑިއާއަށް ކަލްޗަރަލް ސެންޓަރެއް، ރާާއްޖެއަކަށް އެއްޗެއް ނެތް!

  • ކަލްޗްރަލް ސެންޓަރުގެ ހުއްދައަށް އެދުނުތާ 3 އަހަރު
  • އިންޑިއާ ކަންބޮޑުވުމަކީ އިސްލާމް ކިޔަވައިދޭތީ ކަމަށްވޭ
  • ރާއްޖޭގައި އިންޑިއާގެ ކަލްޗްރަލް ސެންޓަރު ފުޅާކޮށް ހިންގާ

އިންޑިއާއިން އެދިގެން ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ބައިނަލް އަގުވާމީ "ޔޯގާ ދުވަސް" ރާއްޖޭގައި ކުލަ ގަދަކޮށް ފާހަގަކުރެ އެވެ. އިންޑިއާއިން އުފަންވި އެ ހަރަކާތް ދިރުވައި އާލާކުރުމަށް ރާއްޖޭގައި ކްލާސްތައް ވެސް ހިންގައެވެ. އިންޑިއާގެ މިއުޒިކްގެ ހާއްސަ ކަންތައްތަކުގެ ތެރެއިން ތަބުލާވެސް ދަސްކޮށްދެ އެވެ. ކަަތަކު ޑާންސް ވެސް މެއެވެ. މިހުރިހާ ކަމެއް ވެސް ކުރަނީ ރާއްޖޭގައި ގާއިމްކޮށްފައިވާ "އިންޑިއަން ކަލްޗަރަލް ސެންޓާ" ގެ ފަރާތުންނެވެ.

އިންޑިއާގެ ގަައުމީ އެއް ބަސް ކަމަށްވާ ހިންދީ ބަހުގެ ދުވަސް ވެސް މި އަހަރު ރާއްޖޭގައި ކުލަ ގަދަކޮށް ފާހަގަ ކުރިއެވެ.

އިންޑިއާ މީހުންނަށް ރާއްޖޭގައި ސެންޓަރު ހުޅުވައިގެެން މިހުރިހާ ކަމެއް ކުރެވޭ އިރު އެ ގައުމުގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް އަޅަން އެދި އެގައުމަށް ފޮނުވި "ރިކުއެސްޓް" އޮތީ މަތާރަންފިލާ މަތީގަ އެވެ. އިންޑިއާގެ ދެކުނުގެ ކެރެލާ ސްޓޭޓްގެ ވެރިރަށް ތުރިވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ބުނީ އެ ރަށުގައި ކަލްޗަރަލް ސެންޓަރެއް އެޅުމުގެ ހުއްދައަށް 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެދިފައިވާ ކަމަށެވެ.

"ދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އެ ހުއްދައަށް އަޅުގަނޑުމެން އެދިފައި ވާނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު،" ތިރުވަނަންތަ ޕޫރަމްގައި ހުންނަވާ ރާއްޖޭގެ ކޮންސުލް އަލީ އާދަމް (އަލިބެ) "އަވަސް" އަށް މިއަދު ވިދާޅުވިއެވެ.

އަލިބެ ވިދާޅުވި ގޮތުގައި ކަލްޗަރަލް ސެންޓަރެއް އެޅުމުގެ ހުއްދަ ނުލިބި ލަސްވާ ސަބަބެއް ސީދާ އެނގިވަޑައި ނުގަންނަވަ އެވެ.

ނަމަވެސް އެ ފަދަ ސެންޓަރެއް އެޅުމުގެ މުހިއްމުކަން އިންތިހާއަށް ބޮޑެވެ. އެފަދަ ސެންޓަރެއް ގާއިމް ކުރަން މުހިއްމު ވަނީ ތިރުވަނަންތަޕޫރަމްގައި ރާއްޖޭގެ ގިނަ ބަޔަކު ދިރިއުޅޭ އިރު، ގިނަ އަދަދެއްގެ ދިވެހި ކުދިން އެތަނުގައި ކިޔަވަމުން އަންނާތީ އެވެ.

"މިތަނުން ކިޔަވާ ކުދިން އެނބުރި ރާއްޖެއަށް ގޮސް ވަޒީފާތަކަށް ނުކުންނަ އިރު، ދިވެހި އިސްލާމް ވެސް ކިޔެވިފައި ހުންނަން ޖެހޭ. އެހެންވީމާ އަޅުގަނޑުމެން ބޭނުންވޭ މިތަނުގައި ކިޔަވާ ކުދިންނަށް އެ ދެމާއްދާ ކިޔެވުމުގެ ފުރުސަތު ދޭން،" އަލިބެ ވިދާޅުވި އެވެ. -- އިސްލާމްއާ ދިވެހި ކިޔަވައިދެވެން އޮތީ ސެންޓަރު އަޅައިގެނެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ގާއިމް ކުރަން ހުއްދަ ނުދީ އިންޑިއާ ސަރުކާރުން ލަސް ކުރަނީ އެފަދަ ސެންޓަރެއްގައި އިސްލާމް ކިޔަވައިދޭން ރާއްޖޭން ހުށަހަޅާފައި ވާތީ އެވެ. އެގޮތުން ރާއްޖޭގައި އިސްލާމް ކިޔަވައިދޭ މަންހަޖާ މެދު އިންޑިއާ ސަރުކާރަަށް އިތުބާރެއް ނެތީ އެވެ. އެއީ އެ މާއްދާ ކިޔަވައި ދިނުުމުގެ ތެރެއިން ހަރުކަށި ގޮތްތައް ފެތުރިދާނެތީ ކަމަށް ބަލައިގެނެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އިސްލާމީ ގައުމުތަކުގެ ތެރެއިން އެންމެ މޮޑަރޭޓް ގޮތްތައް ގެންގުޅެނީ ވެސް ރާއްޖެއިން. އެހެންވީމާ ގަބޫލެއް ނުކުރެވޭ އެފަދަ ކަންބޮޑުވުމެެއް އޮވެދާނެ ކަމަކަށް،" ސެންޓަރު އަޅަން ހުއްދަ ނުދީ ލަސް ކުރަނީ އެ މައްސަލައިގައި ކަން އެނގިފައިވާ ކަމަށް ދެންނެވުމުން އަލިބެ ވިދާޅުވިއެވެ.

އިންޑިއާއިން އަބަދުވެސް ބޮޑާ ހާކާ އެއް ކަމަކީ "އިންޑިއާ ފަސްޓް ޕޮލިސި" ރާއްޖެއިން ފުރިހަމައަށް ތަންްފީޒު ނުކުރުމެވެ. އެކަމުގެ ކަށަވަރުކަން ރާއްޖެއިން އަބަދުވެސް އޮންނަނީ ދޭން ޖެހިފައެވެ.

ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަނީ މިދިޔަ ހަފުތާގައި އެ ގައުމަށް ވަޑައިގެން އެކަމުގެ ކަށަވަރުކަން އަނެއްކާ ވެސް ދެއްވާފައެވެ. މިފަހަރު އެކަށަވަރުކަން ދޭން ޖެހުނީ ޗައިިނާ އާއި ރާއްޖޭން ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން އެ ސިޔާސަތާ ފުށު އަރާ ކަމުގެ ވަހުމެއް އިންޑިއާއަށް ވެގެނެވެ.

މިތަނުން ކިޔަވާ ކުދިން އެނބުރި ރާއްޖެއަށް ގޮސް ވަޒީފާތަކަށް ނުކުންނަ އިރު، ދިވެހި އިސްލާމް ވެސް ކިޔެވިފައި ހުންނަން ޖެހޭ. އެހެންވީމާ އަޅުގަނޑުމެން ބޭނުންވޭ މިތަނުގައި ކިޔަވާ ކުދިންނަށް އެ ދެމާއްދާ ކިޔެވުމުގެ ފުރުސަތު ދޭން،
އަލީ އާދަމް، ޓްރެވިންޑްރަމްގައި ހުންނަ ކޮންސުލް

ރާއްޖޭން "އިންޑިއާ ފަސްޓް ޕޮލިސީ" އެއް ގެންގުޅެންޏާ ސްރީލަންކާ ފަދަ ރާއްޖޭގެ އެހެން އަވަށްޓެރިންނަށް އެ ދެވެނީ އެއަށް ވުރެ ދަށު ދަރަޖައެކެވެ. އެކަމަކު އެފަދަ ހާއްސަ މަގާމެއް ރާއްޖެއިން ނުދޭ ލަންކާގައި ވެސް ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް އެބަ ހުއްޓެވެ. އެތަނުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް މިހާރު އިސްލާމް އާއި ދިވެހިވެސް ކިޔަވާ ދެވެއެވެ. ރޯދަ މަހު އެކުގައި ތަރާވީހު ނަމާދު ކޮށްލުމާއި އީދު ފަދަ ދުވަސްތައް ފާހަގަ ކޮށްލުމުގެ ފުރުސަތު ވެސް ވަނީ ލިބިފައެވެ.

ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް އެޅުމުގެ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މެލޭޝިއާއިން ވެސް ވަނީ ދާދި ފަހުން ސޮއިކޮށްފަ އެވެ. އެހެންވީމާ އުއްމީދު ކުރެވެނީ އިންޑިއާގައި އުޅޭ ދިވެހިންނަށް ވެސް އެންމެން އެއްވެލައިގެން ދިވެހި ވަންތަ އިހުތިފާލުތައް ބާއްވައި ލުމުގެ ފުރުސަތު ދެން ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ކަލްޗަރަލް ސެންޓަރެއް އަޅަން ރާއްޖޭން ހުއްދަ އަށް އެދި އެކަމަށް ހުއްދަ ނުދެވި ލަސްވެއްޖެ ކަމަށް އިންޑިއާ ސަރުކާރުން އަދި ގަބޫލެއް ނުކުރެ އެވެ. އެމީހުން ދެކޭ ގޮތުގައި އެއީ އަދި މަޝްވަރާ ކުރުމުގެ މަރުހަލާގައި އޮތް ކަމެކެވެ.

އެކަމަކު ތިން އަހަރު ދުވަހަކީ އެވަރު ކަމަކަށް މަޝްވަރާ ކުރަން ހަމަ ބޭނުންވާހާ ދިގު މުއްދަތެއްތޯ ސުވާލު އުފެދެ އެވެ.