ބޮލީވުޑް

"ހަމާރީ އަދޫރީ ކަހާނީ" ލޯތްބާއި ޖަޒުބާތުން ފުރިފައި

May 5, 2015

ޑައިރެކްޓަރު މޯހިތު ސޫރީގެ އާ ފިލްމު "ހަމާރީ އަދޫރީ ކަހާނީ"ގެ ބަތަލެއްގެ ރޯލުން އިމްރާން ހާޝިމީ ފެނިގެންދާނެކަން އިއުލާނުކުރުމާ އެކު ހުރިހާ އެންމެންނަށް ހީކުރެވުނީ އޭނާގެ އިޝްގީކަން މި ފިލްމުން ވެސް ފެނިގެންދާނެ ކަމަށެވެ. ނަމަވެސް ފިލްމްގެ ޓްރެއިލާއާ އިއްޔެ ނެރުމާ އެކު އެންމެން އުންމީދު ކުރި ކަހަލަ މީހަކަށް އިމްރާން މިފަހަރު ނުވާނެކަން މި ވަނީ ޔަގީންވެފަ އެވެ.

ބަތަލާ ވިދްޔާ ބާލަން މިފިލްމުގައި ފެނިގެންދާނީ ނެޝަނަލް އެވޯޑް ލިބިފައިވާ އެކްޓަރު ރާޖްކުމާރް ރާއޯގެ އަންހެނުންގެ ރޯލުންނެވެ.

ޓްރެއިލާ ފެށެނީ ވީދިފައިވާ ހެދުމެއް ލައިގެން އިސްތަށިގަނޑާއި ތުބުޅި ވެސް ދިގުކޮށްލައިގެން މަސްތުގެ ހާލަތުގައި ހުންނަ ހަރީ (ރާޖްކުމާރް ރާއޯ) "އަހަރެން މީ ކަލޭގެ ފިރިމީހާ" އޭ ކިޔައި ހަޅޭލަވަމުން ގޭޓުން ބޭރަށް ނިކުތުމުންނެވެ. އަދިވިދްޔާ ގަދައަޅާ މަސައްކަތް ކުރަނީ ފިރިމީހާ ކޮންމެ ގޮތަކުން ވެސް ހުއްޓުވާށެވެ. ނަމަވެސް ހަރީ ބޭރަަށް ނިކުތުމާ އެކު އިންތިޒާރުގައި މަގުމަތީގައި ތިބި ޕޮލިހުން، އޭނާ ޖިޕަށް އަރުވައިގެން ނައްޓާލީ އެވެ. ފުލުހުން ހުއްޓުވަން ޖިޕްގެ ފަހަތުން ވިދްޔާ ދުއްވައިގަތް ނަމަވެސް ބިންމައްޗަށް ވެއްޓެ އެވެ. ތެދުވެ ދެކޮޅު ބަލައިލިރު ވިދުޔާއަށް ފެންނަނީ އަގު ބޮޑު ކާރެއްގެ ތެރޭގައި ޒުވާން އިމްރާން ވިދްޔާގެ ހަރަކާތްތަކަށް ކަޅި ޖަހާ ނުލައިބަލަން އިންނަތަނެވެ. މުއްސަނދި ނަމަވެސް އިމްރާނަށް ވިދްޔާ ކަމުދިޔައީ އެވެ. އިމްރާންގެ ދައުވަތަށް ވިދްޔާ ވެސް އޭނާ އެކު ގޮސް މުޅިން އާ ހަޔާތެއް ދެ މީހުން އެކުގައި ފެށުމަށް މަސައްކަތްކުރެ އެވެ.

ވިދްޔާ މި ފިލްމުގެ ދައްކުވައިދީފައިވާ މޮޅު އެކްޓިންއަށް ތައުރީފު ހައްގެވެ. ތިން މިނިޓްގެ ޓްރެއިލާއިން ފެނިގެންދާ ކޮންމެ މަންޒަރެއްގައި ވެސް މިކަން ވަރަށް ރަނގަޅަށް ސާބިތުވެ އެވެ. ހަމައެއާއެކު ރާޖްކުމާރު ދައްކުވައިދީފައިވާ އެކްޓިންވެސް ވަކި ދެރައެއް ނޫނެވެ. އިމްރާންގެ އެކްޓިންއާއި މެދު ހަމަބުނެވޭނީ ވިދްޔާ އާއި ރާޖްކުމާރު ފަދަ އެކްޓަރުންނާއި އެއް ފެންވަރެއްގެ މޮޅު އެކްޓިންއެއް ދައްކައިދިނުމަށް ވަނީ ވަރަށް ބުރަ މަސައްކަތެއް ކޮށްފަ އެވެ. އިމްރާް ފެނިގެންދާ މަންޒަރުތަކުން އޭނާގެ ބެސްޓް ޝޮޓް ދީފައިވާކަން ވަރަށް ރަނގަޅަށް އެނގެ އެވެ.

އެންމެފަހުން ޓްރެއިލާ ނިމުމަކާ ކައިރިވާއިރު، ކޮންމެ މީހެއްގެ ލޮލުންވެސް ކަރުނަ ހިލޭނެ ކަން ޔަގީނެވެ. މިއީ އެހާވެސް ލޯބިގެ އަސަރުތައް ގަދަ ފިލްމެކެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯޒްގެ މިފިލްމް ޕްރޮޑިއުސްކޮށްފައިވަނީ ވިޝޭޝް ފިލްމްސް އިންނެވެ.

މިފިލްމުގެ ވާހަކަ ލިޔެފައިވަނީ މަޝްހޫރު ޕްރޮޑިއުސަރު މަހޭޝް ބަޓް އެވެ. ބުނެވޭގޮތުގައި މިއީ މަހޭޝް ބަޓްގެ މަންމާ އާއި ބައްޕަގެ ލޯބީގެ ވާހަކައިގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މިފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 12ވަނަ ދުވަހު އެވެ.

މިއީ 2013 ވަނަ އަހަރު ނިކުތް ފިލްމު "ގަންޗައްކަރް" އަށްފަހު ވިދްޔާ އާއި އިމްރާން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ފިލްމްގެ ޓްރެއިލާއާ އެކު ބޮލީވުޑްގެ ތައުރީފް އަންނަނީ މިހާރު ވެސް މި ފިލްމަށް އޮހެމުންނެވެ. އެ މީހުން ވެސް ބުނަނީ މިއީ ލޯތްބާއި ޖަޒުބާތު އެންމެ ފުންމިނަށް ގެނެސްދީފައިވާ ފިލްމެއް ކަމަށެވެ.

ފިލްމުގެ ޓްރެއިލާ: