ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން 14 ބުރީގެ އޮފީސް އިމާރާތެއް އަޅަނީ

Jan 15, 2018

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މާލޭގައި 14 ބުރީގެ އިމާރާތެއް އަޅައިދޭން ޝައުގުވެރިވާ ފަރާތެއް ހޯދަން އިއުލާނު ކޮށްފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި 2،500 އަކަފޫޓުގެ ބިމެއްގައި އަޅާ 14 ބުރީގެ އިމާރާތުގެ ބޮޑު ބައެއް ހާއްސަ ކުރާނީ އޮފީސްތަކަށެވެ. މި އިމާރާތުގައި ޖުމްލަ 30،000 އަކަފޫޓުގެ އޮފީސް ސްޕޭސް ހުންނާނެ ކަމަށް ބޭންކުން ބުނެފައިވެ އެވެ. ނަމަވެސް، އެ އޮފީސް އަޅާ ސަރަހައްދެއް އެ ބޭންކުން ނުބުނެ އެވެ.

އެ ބޭންކުން ބުނި ގޮތުގައި އޮފީސް އިމާރާތް ކުރުމުގެ ކުރިން، އިމާރާތް ކުރާ ސަރަހައްދުގައި ހުރި ދެ ބުރީގެ، ވަރަށް ގިނަ ދުވަސްވީ އިމާރާތެއް ތަޅާލާނެ އެވެ.

މި ކަމަށް ކުރިމަތިލާ ފަރާތަކުން މަސައްކަތުގެ ސައިޓު ތައްޔާރު ކުރުމާއި މެކޭނިކަލް އަދި ކަރަންޓާއި ފިނިޝިންގް މަސައްކަތްތައް ވެސް ފުރިހަމަކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މި އިމާރާތުގެ މަސައްކަތް ނިންމަން ޖެހެނީ ދެ އަހަރު ދުވަސް ތެރޭގަ އެވެ. އަދި އިމާރާތް އަޅަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 31 ގެ ކުރިން ޝައުގުވެރިކަން ފާޅު ކުރަން ޖެހެ އެވެ.