ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކަށް އުފާވެރި ޚަބަރެއް އެބައޮތެވެ. އަހަރުގެ ފުރަތަމަ ފިލްމަކަށް ޕްރޮޑަކްޝަނުން ހަދާ "ވަކިން ލޯބިން" ގެ ޓިކެޓް އޮންލައިންކޮށް ބުކް ކޮށްލެވޭ ގޮތް މިހާރު ވަނީ ހަދައިދީފައެވެ. މިހާރު ޓިކެޓް ކިޔޫއެއްގައި ޖެހެންދާކަށް ނުޖެހޭނެ އެވެ.
ފިލްމުގެ ޕްރޮޑިއުސާ މުހައްމަދު އަލީ (މޮގާ) ބުނި ގޮތުގައި ޓިކެޓް ބުކް ކުރަން ބޭނުންވާ ފަރާތްތަކުން "ވަކިން ލޯބިން" ގެ ރަސްމީ ފޭސްބުކް ޕޭޖަށް، ނަމާއި ފޯނު ނަންބަރާއި އަދި ޓިކެޓް ބޭނުންވާ ތާރީޙު ލިޔެފައި އިންބޮކްސް ކޮށްލުމުން ފަސޭހަ ކަމާއެކު ޓިކެޓް ބުކް ކޮށްދޭނެ ކަމަށެވެ.
"[ފިލްމުގެ] ޕޭޖަށް އިންބޮކްސް ކޮށްލުމުން އަޅުގަނޑުމެން ޓިކެޓް ބުކް ކޮށްދެމުން ގެންދާނަން. ޓިކެޓް ވިއްކަން ފަށާނީ އަންނަ މަހު ފަހަކުން ފެށިގެން އޮލިމްޕަހުން." ބެލުންތެރިންނާ ހަމައަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ބުންޏެވެ.
"ވަކިން ލޯބިން" ޑައިރެކްޓް ކުރަނީ އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޗިއްޕެއަށް އެ އެވޯޑު ލިބުނީ ވެސް ޑާކްރެއިންގެ ފިލްމެއް ކަމަށްވާ "ވާށޭ މަށާއެކީ" އިންނެވެ.
"ވަކިން ލޯބިން" ސްކްރީންޕްލޭ ލިޔެފައި މި ފަހަރުގެ އެވޯޑްސްގައި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑު ޑާކްރެއިންގެ "ހުޅުދާން" ފިލްމުން ހޯދި އައިޝަތު ފުއާދު ތައުފީގެވެ.
ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ އެވޯޑްސްގައި އެންމެ މޮޅު ބަތަލްގެ އެވޯޑު ހޯދި ޖުމައްޔިލް ނިމާލް (ޖުމަލް)، އަދި އެންމެ މޮޅު ބަތަލާގެ މަޤާމު ހޯދި މަރިޔަމް މަޖުދާ (މަޖޫ) އެވެ. އަދި މި ދެ ތަރިންނާއެކު ހާއްސަ ރޯލަކުން "މަލިކާ" އިން ތައާރަފުވި ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެންދާނެ އެވެ.
"ވަކިން ލޯބިން" ގެ އޮންލައިން ބުކިން ފަށާފައިވާއިރު މި ފިލްމުގެ ޕްރޮމޯޝަން ލަވަ "ޕަރީ" ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. ޝައްމުގެ އަޑުން ކިޔާފައިވާ އެ ލަވައިގެ އިތުރުން އަމިއްލަ ރާގު އިތުރު ހަތަރު ލަވަ މި ފިލްމުގައި ހިމެނޭނެ އެވެ. އޭގެ ތެރެއިން އެއް ލަަވަ މިހާރު ވަނީ އާންމުންނާ ހަމައަށް ދޫކޮށްލާފަ އެވެ. އެއީ ފަތޯގެ އަޑުން ކިޔާފައިވާ "ބީވީމާ" އެވެ.
ޒުވާން ދެމަފިރިއެއްގެ ކައިވެނި، ވަރި ފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ދައްކުވާއިދޭ މި ފިލްމު ރިލީޒް ކުރާނީ އަންނަ މާޗް މަހު ފަހެއްގަ އެވެ.