ރިޕޯޓް

މައުމޫންގެ މިސްރާބު، ތިން ލީޑަރުންގެ ވިސްނުމާ ދުރަށްތަ؟

ސަރުކާރު "ވައްޓާލަން" ދެއްކި ވާހަކަ "އޮއްބާލާފައި" އިދިކޮޅު ފަރާތްތަކުން މިހާރު މިސްރާބު ޖަހާފައި ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށް ވޯޓުން ރައީސް އަބްދުﷲ ޔާމީން ބައްލި ކުރައްވާށެވެ. ރިޔާސީ އިންތިހާބުގެ ކުރިން މިނިވަން ވާނެ ކަމުގެ އުންމީދުގައި އަދިވެސް ހުންނެވި ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މަސައްކަތް ކުރަމުން އަންނަނީ ވެރިކަމާ ހަމަޔަށް ވަަޑައިގަތުމަށެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން ހުންނެވީ އެ ދެބޭފުޅުންގެ ފިޔަވަޅުން ހިންގަވާ، އެއް ކެނޑިޑޭޓުގެ މަޝްވަރާއިން ނިކުންނަ ނަތީޖާއަކައިގެން ކުރިޔަށް ދާން ތައްޔާރަށެވެ.

ދެން ހުންނެވީ އިސްލާހީ މަސައްކަތައިގެން ނިކުމެވަޑައިގަތުމަށް، ސަރުކާރަށް ކުރި ތާއިދު އަނބުރާ ގެންދެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެވެ. އެހެން އިދިކޮޅު ލީޑަރުންނާ ހިލާފަށް ރައީސް މައުމޫން އުޅުއްވަނީ އެއް ކެނޑިޑޭޓުގެ ބަހުސްއާ، މާ ދުރުދުރުންނެވެ. އިދިކޮޅާ ގުޅިވަޑައިގަތް ފަހުން ސޯޝަލް މީޑިއާޔާ ވަރަށް ރައްޓެހިކޮށް، އުޅުއްވާ އަދި ކޮންމެ ކަމެއްގައި ހިޔާލުފާޅު ކުރައްވަމުން ގެންދެވި ނަމަވެސް، އެއް ކެނޑިޑޭޓުގެ މައްސަލާގައި ކުޑަ މިނުން ޓްވީޓެއް ވެސް އެމަނިކުފާނު ނުކުރައްވަ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ ވިސްނުންފުޅު އަދިވެސް ހުންނެވީ އިދިކޮޅު ފަރާތްތަކުން ކުރިން ވިސްނުން ގެންގުޅުން ގޮތަށް ރައްޔިތުންގެ މަޖިލީސް މިނިވަންކޮށް އެތަނުގެ ތެރެއިން މަސައްކަތްތަކެއް ކުރެއްވުމަށެވެ.

"2018 ވަނަ އަހަރު އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަމަކަށްވާނީ، މާތް ﷲ ގެ ވާގިފުޅާއެކު ރައްޔިތުންގެ މަޖިލިސް މިނިވަން ކުރުން، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ އެންމެހައި އިއްޒަތްތެރި މެންބަރުންގެ މެންބަރުކަން ކަށަވަރުކޮށްދީ، އެބޭފުޅުންގެ ގޮނޑިކޮޅުތައް ހިމާޔަތްކުރުން، ހަމައެއާއެކު، ޝަރްއީ އުސޫލުތަކާ ގާނޫނީ ހަމަތަކާ ހިލާފަށް ޝަރީއަތް ހިންގައި، ނުހައްގުން ހުކުމްކުރެވި ޖަލުގައި ހުކުމްތައް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ އެކިއެކި ސިޔާސީ ލީޑަރުން މިނިވަންކޮށް، އެބޭފުޅުންނަށް ގައުމީ ހަޔާތުގައި މިނިވަންކަމާއެކު ހަރަކާތްތެރިވެ ވަޑައިގަތުމުގެ ފުރުސަތު ހޯދައިދިން،" އާ އަހަރަށް ރައީސް މައުމޫން މިސްރާބު ހުރި ގޮތް ހާމަ ކުރައްވަމުން އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ މެޖޯރިޓީ އަނބުރާ ހޯދާ، ތިން ވަނަ ބާރު އިދިކޮޅު އަތްދަށަށް ގެނެވޭނެ ކަމުގެ ވާހަކަތައް އިދިކޮޅު އެހެން ލިޑަރުން ހުއްޓާލާފައި ވަނިކޮށް ރައީސް މައުމޫން ގޮތްދޫ ނުކުރައްވާ އެ ލީޑަރުންގެ އާ ވިސްނުންތަކާ ހިލާފަށް އަދިވެސް މަޖިލީސް ހޯދަން އުޅުއްވަނީ ކީއްވެ ހެއްޔެވެ؟ ރައީސް މައުމޫންއާ ގުޅިގެން އިދިކޮޅު ލީޑަރުންނަށް ވެސް މަޖިލީސް މިހާރު އޮތް ހާލަތުން އަރައިގަނެ، އިދިކޮޅު އަޑު ގަދަ ކުރެވޭނެ ފޯމިއުލާއެއް ހޯދޭނެ ހެއްޔެވެ؟ ރައީސް ނަޝީދުގެ އާ "ސައިންސް" ވެސް އީޖާދު ކުރަން ޖެހުނީ އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި އިތުރު ގޮތެއް ދެން ނެތީމާ ކަމަށް އެމަނިކުފާނު ވެސް ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ތުލުސްދޫ ދާއިރާގެ މެންބަރުކަން "ގެއްލިފައިވާ" ކަމަށް އިލެކްޝަނުން ނިންމި މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ވިދާޅުވަނީ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓްގެ މަޝްވަރާ ކުރި ނަމަވެސް، މަޖިލިސް ކަސްދޮޅުން ނައްޓައި އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަކީ އުންމީދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ އިސްލާހީ މަސައްކަތަށް އޮތް ބޮޑު މަގެއް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން 12 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަކަށް، އެއީ ގާނޫން އަސާސީގައި ވަރަށް ސާފުކޮށް ބަޔާން އެބަ ކުރޭ މަޖިލީސް މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓުން ކަން، ގޮނޑި ގެއްލިފައިވާ ނަމަ އެ ކޯޓުން ނެރުނު ހުކުމުގައި ސާފުކޮށް އޮންނާނެ ގެއްލިއްޖެއޭ ނުވަތަ ނޫނޭ، ނަމަވެސް މިއީ ކަމާ ނުބެހޭ އިލެކްޝަން ކޮމިޝަނަކުން އަމިއްލައަށް ނިންމާ، އަޅުގަނޑުމެން އެއްވެސް މެންބަރަކަށް އެނގުމަކާ ނުލާ ކުރާ ކަމެއް، އެހެންވެ އަޅުގަނޑުމެންނަކީ އަދިވެސް މަޖިލީސް މެންބަރުން، މަޖިލީހުގެ މެޖޯރިޓީ އޮތީވެސް އިދިކޮޅުގައި،" ވައްޑޭ ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސްގެ މަގާމަށް ވެސް ފުރުއްވާ، ވައްޑޭ ވިދާޅުވި ގޮތުގައި އެކަންކަން އެނގި ހުރެވެސް ސަރުކާރާއި ކަމާ ބެހޭ ފަރާތްތަކުން އަމަލު ކުރަމުން އަންނަނީ ގާނޫނާ ހިލާފަށެވެ. އަދި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭއިރު މަޖިލީހަށް ވަނުމަށް ހުރަސް އެޅުމަކީ ވެސް ކަނޑައެޅިގެން ގާނޫނާ ހިލާފު ކަމެކެވެ. އެހެންކަމުން އެކަންކަމަށް ހައްލެއް ހޯދާ މަޖިލީސް މިނިވަން ކުރަން ތިބި ދައުލަތުގެ ފަރާތްތަކަށް ބާރު އަޅާ، އަދުލްއިންސާފުގެ ދައިރާ މެދުވެރިކޮށް ވެސް މައްސަލަތަކަށް ގާނޫނީ ހުދޫދުގެ ތެރެއިން ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވައްޑޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މައްސޫލިއްޔަތުތަކާ ވާޖިބުތައް އަދާ ކުރުމަށް ފުރުސަތު ނުލިބޭ ހާލަތުތައް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ކޮށްދޭން ޖެހެ ކަމެއް މިއީ މަޖިލީސް މިނިވަން ކުރުމަކީ، ބައި އިލެކްޝަންތަކެއް އިއުލާން ވެސް ކުރާކަށް ނުޖެހޭނެ، އެއީ އީސީން އަމިއްލައަށް ކަނޑައަޅާއިގެން އެއް ދާއިރާއަކަށް ދެ މެންބަރަކު ނުލެވޭނެ، މިއީ އެ ކޮމިޝަނުން މާފަށް އެދެން ޖެހޭކަންކަން،" ވައްޑޭ ވިދާޅުވި އެވެ.

ކަން މިހެން އޮތް ނަމަވެސް ހަގީގަތަކީ މަޖިލީހުގެ ރައީސް މުހައްމަދު މަސީހު މަގާމުން ދުރު ކުރުމަށް ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އަދި އެހެން އިދިކޮޅު ލީޑަރުން އިސްކޮށް ހުންނަވައިގެން ގިނަ މެންބަރުންތަކެއް "އަނބުރާލާ" މެޖޯރިޓީ ހޯދި އެވެ. ނަމަވެސް އެއާ ގުޅިގެން އައި ސުޕްރީމް ކޯޓުގެ ރޫލިންއަށް ފަހު ގޮނޑި ގެއްލިދާނެ ކަމުގެ ބިރު ބާކީ ތިބި މެންބަރުންގެ ހިތްތަކަށް ވަދެ، އިދިކޮޅަށް އޮތް ހުރިހާ ދޮރުތައްބަންދުވީ އެވެ. ތިން ވަނަ ބާރު ޕެރެލައިޒްވެ، އިދިކޮޅު އަޑު މުޅިން ކެނޑުނީ އެވެ. އިދިކޮޅު ލީޑަރުން މަޖިލީހަށް ކުރި ފޯކަސް އެހެން ދިމާލަށް އަނބުރާލަން ޖެހުނީ އެހާ ހިސާބުންނެވެ.

އެހެން ނަމަވެސް ރައީސް ނަޝީދާއި ގާސިމް އަދި އިމްރާން އެއް ގަލަކަށް އަރާ މައްސަލައެއްގައި އެ ބޭފުޅުންގެ ވިސްނުންތަކާ ދުރަށް ވަޑައިގެން، ރައީސް މައުމޫން މަޖިލީހަށް މިސްރާބު ޖަހަން ޖެހިވަޑައިގަންނަވާނެ ސަބަބެއް ވެސް އޮންނާނެ އެވެ. އިދިކޮޅު އެއް ކެނޑިޑޭޓަކު ހޮވަން އެއްބަސްވެ، އިދިކޮޅު ލީޑަރުންގެ ބޭނުންތަކަށް ވާސިލުވެވެން މަގު ފަހިވެފައި ވަނިކޮށް މަޖިލީސް ހޯދުމަށް އޮތް މަގުން އެމަނިކުފާނު ހިންގަވަނީ ކީއްވެ ހެއްޔެވެ؟

ނަން ހާމަ ނުކުރާ ގޮތަށް ޝަރުތުކޮށް ރައީސް މައުމޫންއާ އެކު ކުރިން ވަރަށް އަރިސްކޮށް މަސަައްކަތް ކުރެއްވި ބޭފުޅަކު "އަވަސް"އަށް ވިދާޅުވީ ރައީސް މައުމޫންގެ ފޯކަސް އެއް ކެނޑިޑޭޓަކާ ދިމާލަށް އަނބުރާ ނުލައްވަނީ އޭގެން އެމަނިކުފާނަށް ސިޔާސީ ގޮތުން ހާސިލްވާނެ މާ ބޮޑު ފައިދާއެއް މިވަގުތަށް ނުފެންނާތީ އެވެ. އެމްޑީޕީ އާއި ޖޭޕީއަށް ތާއީދު ކުރާ އެތަށް ހާސް އާންމު މެންބަރުން އެ ޕާޓީތަކުގައި ތިބި އިރު ރައީސް މައުމޫންއަށް އޮތީ ކިހާ ސަޕޯޓެއް ކަމެއް ސީދާ ނަމްބަރުން ޖަހަން އެމަނިކުފާނަށް ވެސް ދެނެގަންނަން ދަތިތަކެއް ހުންނާނެ އެވެ. އަދި އެއް ކެނޑިޑޭޓަކަށް ހަދަން ރައީސް މައުމޫން އެންމެ ބޭނުންފުޅުވާނީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ކަމަށް ވުން ގާތް ކަމަށާއި ނަމަވެސް ފާރިސް ބަންދުގައި ހުރުމުން ރައީސް މައުމޫންގެ ފޯކަސް މިވަގުތަށް ހުރީ ފާރިސް މިނިވަން ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް މައުމޫން ޕީޕީއެމްގަ ހުރި އިރު ބޭނުން އެއްޗެއް ހަދާލުމުގެ ފުރުސަތު އެބައޮތް، އިދިކޮޅުގައި ތިބީ ތިން ޕާޓީއާ އެއް ލީޑަރަކު، ޕާޓީތަކުން ޑިމޮކްރައިޓިކް އުސޫލުން ޕްރައިމެރީ ބޭއްވުނަސް ރައީސް މައުމޫންއަށް މާބޮޑު ފައިދާއެއް ވާކަށް ނެތް، އެއް ކެނޑިޑޭޓު މައްސަލާގައި ނޫސްވެރިޔަކު ސުވާލު ކުރުމުން ވެސް ވިދާޅުވީ އަދި އެއް ކެނޑިޑޭޓަކު ނެރެން އަވަސް ކަމަށް، ދެން ވާހަކަ އަނބުރާލީ ފަރިސްއާ ދިމާލަށް، މިއީ އޭގެ އެންމެ ބޮޑުު ހެކި،" އޭނާ ވިދާޅުވި އެވެ.

މިކަންކަމަށް ވިސްނާއިރު، ރައީސް މައުމޫން މިވަގުތު ބޭރުގެ ފަރާތްތަކާ ބައްދަލު ކުރައްވާ ފާރިސް މިނިވަން ކުރުމަށް މަސައްކަތްކޮށް، އެއް ކެނޑިޑޭޓުގެ ވާހަކަ ނުދައްކަވަނީ ކީއްވެގެން ކަމާމެދު ބައެއް ކަންކަން ސާފުވެ އެވެ. ނަމަވެސް އިދިކޮޅުން ބުނާ ގޮތުން އެ ކޯލިޝަނެއް ގުޑުވާ ނުލެވޭހާ ވަރަށް އޮތީ ބަދަހިކޮށެވެ. އަދި އެއް ކެންޑިޑޭޓްގެ މަޝްވަރާތަކުގައި ހުދު މައުމޫންގެ ފަރާތްޕުޅުން ވެސް މަންދޫބެއް ބައިވެރިވެ އެވެ. ރައީސް މައުމޫންގެ ސީދާ ވިސްނުމެއް ހާމަވާނީ މި މަޝްވަރާތަކުގެ ނަތީޖާއިން ކަމަށްވުން ގާތެވެ.