ވާހަކަ

މިންނުގެ ޑައިރީ

(14 ޖެނުއަރީ 2018 އާ ގުޅޭ) -- ދޮރުންވަދެގެން އަންނަ ދެ މީހުން ފެނުމުން އޭނަގެ ލޮލަށް ގަބޫލުކުރަންދަތިވިއެވެ. އިށީނދެގެން އިން ސޯފާއިން ކުއްލިއަކަށް އަޒާންއަށް ތެދުވެވުނެވެ. ޝަމްލާއަށް ވެސް ތެދުވެވުނީ އަޒާންއަށް ވީގޮތުންނެވެ. އޭނަގެ މޫނުމަތިން ހީވަނީ ބިރުވެރި މަންޒަރެއް ފެނިފައިހުރިހެންނެވެ.

"ބައްޕާ!... މީ ޒޭން" ޔާނާ ބުނެލިއެވެ. އެ ދެމީހުންނަށް ވެސް އަޒާންއަށް ވެފައިހުރިގޮތް ފެނުނެވެ.

ދަރިފުޅަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އަޒާންގެ ނަޒަރު ޒޭންއަށް ހުއްޓުނެވެ. ހަމަ އެހިނދު ޔާނާގެ އަތުގައި އޮތް ހުދު އޯކިޑު މާ ކޯނި ޝަމްލާއަށް ދިއްކޮށްލިތަން އަޒާނަށް ފެނުނެވެ. އެ އޯކިޑު މާކޯންޏާއި ޔާނާ އަޅައިގެން ހުރި ހެދުމުގެ އިތުރުން ޔާނާއާއެކު ހުރި ޒުވާނާގެ ސިފަ ހައިކަލްއާ ވައްތަރުވުމުން އަޒާންގެ މުޅި ނަފުސު ސިހުނީ ދުވަހަކު ވެސް ނުސިހޭވަރަށެވެ. މާޒީގެ ހަނދާންތަކުން މަންޒަރެއް ލޯ ކުރިމަތީ ކުލަވަގެން ދިޔަ ކަހަލައެވެ. އަޒާންގެ ފައިދަށުން ބިންގަނޑަށް ލޮޅުން އެރި ކަހަލައެވެ. މީހާ އަރިއަޅާލަފާނޭތީ ހުރި ދިމާގައި ފައިތިލަ ސާބިތުކޮށްލިއިރު ދެއަތްތިލަ މުއްކަވާލެވިއްޖެއެވެ. ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލައިގެން ހުރިއިރު ކަތުރުކަށިގަނޑަށް ވާންވެލާފައި ހުއްޓެވެ. އެސްފިޔަޖަހާލަން ހަނދާނެއް ވެސް ނެތެވެ.

އަޒާންގެ ސިކުނޑީގައި ހަޤީޤީ މަންޒަރު ތިލަވެ ސިފަވެގެން އައެވެ. އެންމެ ފުރަތަމަ ހައިކަލްއާ ބައްދަލުވި ތަނާއި ވަގުތެވެ. އެރޭ މިންނުގެ ރީތިކަން ޚުދު އަޒާންގެ އަމިއްލަ ނަފްސު ބެހިގެން ހިނގައިދާނޭކަމުގެ ބިރު އޭނާއަށް އޮތެވެ. ޒުވާން ހިތްތައް ދީވާނާ ކުރާފަދަ ރީތިކަމެވެ. ހަނދުވަރުގެ ރިހިއަލިން ފެންވަރައިގެން އަރާ ހުރި ކަނޑުޕަރީއެއް ފަދައެވެ. އަޅައިގެން ހުރީ ވިލުނޫކުލައިގެ ހެދުމެކެވެ. ރިއްސާއި ހުދުމުތީގެ މިނަލުން ހެދުން ވަނީ ޖަރީކުރެވިފައެވެ. މިންނުގެ ކޮންމެ ހަރަކާތަކަށް އެ ލުއިލުއި ފޮތީގެ ހެދުމުގެ ބައިތައް ބަނޑިބަނޑިލައްވާލައެވެ. މިންނުގެ ޚާއްޞަ ބައިވެރިޔާ ކަމުގައިވާ ދޯޕަށްޓާ ކަރަށް އެއްލާފައި އޮތް އިރު ތިރިއަށް އެލިފައި އޮތް ބައި ވެސް ވަނީ ރިހިވެލިފޮތިންނާއި ނޫކުލައާއި ހުދުކުލައިގެ މިނަލުން ޒީނަތްތެރި ކޮށްފައެވެ. އެ ރީތިކަން އިތުރަށް ފުރިހަމަކޮށްދިނީ މިންނުގެ ކަޅުކަން ގަދަ ފަށުވިކޮޅެއްހާ ފަން ދިގު އިސްތަށިގަނޑު ނިއުޅާލާފައި އޮތުމުންނެވެ. ހުރިހާ ކަމެއް އެހާ ފުރިހަމައެވެ. ނަމަވެސް ކުރިމަތީގައި ހުރީ މިންނުއެއް ނޫނެވެ. އެ ހެދުމުގައި ހަމަ އެގޮތަށް ޒީނަތްތެރިވެގެން ހުރީ އަޒާންގެ އަމިއްލަ ދަރިފުޅު، ޔާނާއެވެ. އެކަމަކު އަޒާންއާއި މިންނުއާ ގުޅިފައިވާ އެ ހަނދާންތަކަކީ އެ ދަރިފުޅު ދުނިޔެއަށް އަންނާނޭކަމެއް ވެސް ނޭނގޭ ޒަމާނެއްގައި ހިނގައިފައި އޮތް ކަމެކެވެ. މާޒީ ތަކުރާރުވާނީ ވެސް އެ މާޒީ އެނގޭ މީހެއްގެ ފަރާތުންނެވެ. ވީއިރު އެހާ ފުރިހަމައަށް އެކަން ކުރާން އެނގޭނީ ޚުދު މިލްނާއަށެވެ. އަމިއްލަގެ ޟަމީރުގެ އަޑު މުޅި ނަފްސަށް ވެރިވެގެން ދިޔައެވެ. އެހިނދު ހަނދާނަށް އައީ ޝަމްލާ ގާތު ޔާނާ ކޮބާތޯ އެހުމުން ދިން ޖަވާބެވެ. ޔާނާވީ ކައިވެނި ޕާޓީއަކަށް ގޮސްކަމެވެ. އެނބުރި އަންނާނީ އަޒާންއާ ބައްދަލުކުރާން ޒޭން ގޮވައިގެން ކަމެވެ. މިލްނާ ވެސް އެވަރަށް ތާއްޔާރުވީ ކައިވެނި ހަފްލާއަކަށް ދާށެވެ.

"ބައްޕާ!... މީ ޒޭން... އަޅުގަނޑު ބުނީމެއްނު ބައްޕައާ ބައްދަލުކުރާން ގޮވައިގެންނޭ އަންނާނީ" އަނެއްކާ ވެސް ޒޭންއަށް އިޝާރާތް ކުރަމުން ޔާނާ ބުނެލިއެވެ.

"ހެލޯ ސަރ" އަޒާންއަށް ހިނިތުންވެލަމުން ސަލާމަށް ޒޭންގެ އަތްދިއްކޮއްލިއެވެ. ހާސްވެފައި ހުރި މީހަކު ފަދައިން އަޒާންގެ ފިނިވެފައި އޮތް އަތުން ޒޭންއާ ސަލާމްކޮއްލިއެވެ.

"ހައިކަލް.... ހައިކަލް ދަންނަންތަ..." އަޒާން ތުރުތުރު އަޅައަޅާ އޮތް އަޑަކުން އަހާލިއެވެ.

"އަޅުގަނޑުގެ ބައްޕަ އެއީ" ޒޭން ވާހަކަ ދެއްކީ ވަރަށް ވިސްނާފައެވެ.

އަޒާނަށް އަދިވެސް ޒޭންއާ ދިމާއަށް ބަލަން ހުރެވުނީއެވެ. މެހެމާންދާރީ އަދާކުރުމުގެ އެއްވެސް ޢަމަލެއް އަޒާންގެ ފަރާތުން ނުފެންނާތީ ޝަމްލާ ހުރީ އަޖައިބުވެފައެވެ. އެހެންވެ އަޒާން ނުބުނި ކަމުގައި ވިޔަސް ޒޭންގެ ގާތުގައި އިށީންނަން ޝަމްލާ ބުނެ ސޯފާ ދައްކާލިއެވެ. އަދި ޒޭންއަށް ދިނުމަށްޓަކައި އެއްޗެއް ބަލާ ބަދިގެ ފަރާތަށް ދިޔައެވެ. އެވަގުތުގެ ބޭނުން ހިފަމުން ޒޭން އޭނާގެ ފަޓުލޫނު ޖީބުގައި އޮތް ހިމަ ދިގު ސިޓީއުރަ ނަގާ އަޒާނަށް ދިއްކޮއްލިއެވެ.

"މީ ޔާނާ ބައްޕަގެ އެއްޗެއް ކަމަށް އަޅުގަނޑުގެ މަންމަގެ ފަރާތުން އެނގުނީ" އަޒާންއަށް ބަލަންހުރެ ޒޭން ބުނެލިއެވެ.

ޒޭންގެ ޖުމްލައިން އަޒާންއަށް ހައިރާންކަން ލިބުނެވެ. އެހެންނަމަވެސް އެ ސިޓީއުރައިގައި އޭނާ ހިފައިފިއެވެ. އެތެރެ ބަލާލިއިރު އޭގައި ސިޓީއެއް ނެތެވެ. އެހެންނަމަވެސް ސިޓީއުރައިގެ ފުލުގައި އެއްޗެއް އޮތެވެ. އެހެންވެ އަޒާން އެ ސިޓީއުރަ ވައަތުގެ ތެރެއަށް އަރިކޮއްލިއެވެ. އެއާއެކު ރިހި ފަށަކާއި ރިހި އަނގޮއްޓިއެއް ސިޓީއުރައިގެ ތެރެއިން އެ އަތުގެ ތެރެއަށް ވެއްޓުނެވެ. އެހިނދު އަޒާންއަށް އޭނަގެ އަތުގައި އޮތް ރިހި އަނގޮއްޓިއަށާއި ފަށަށް ބަލާލެވުނެވެ. އެއާއެކު މީހާގެ ދެލޯބޮޑުވެ އަނގަހުޅުވުނެވެ. ކުއްލިއަކަށް އަތްފޮޅާލީ ބިރުގަންނަ ޒާތުގެ އެއްޗެއް އަތަށް އެރުމުން ސިހިގެންދާ މީހަކު ފަދައިންނެވެ. އެ ރިހިފަށްވެއްޓުނީ އަޒާންގެ ކުރިމައްޗަށް ހުރި ބިއްލޫރި ކުޑަ މޭޒު މައްޗަށެވެ. ފަށާއި އަނގޮއްޓި ވެއްޓި އަޒާންގެ ކުރިމަތީގައި ހުރި ބިއްލޫރި ކުޑަ މޭޒުގެ މަތީ ޖެހުނު އަޑު ގޮވިއެވެ. އަދި ހަމައެވަގުތު އަނގޮއްޓި މޭޒުމަތީ ބުރުއަޅާލާފައި ފަށާއެކު ޓައިލްސްތަކުގެ މައްޗަށް ވެއްޓުނެވެ.

"ޒޭންގެ މަންމައަކީ ކާކު؟" އަޖައިބުވެ އަންތަރީސްވެފައި ހުރެ އަޒާނަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ.

"މިލްނާ! މިންނު! ޒޭންގެ މަންމައަކީ މިންނު..." ޔާނާ ވެއްޓުނު ރިހި ފަށާއި އަނގޮއްޓި ނަގަމުން އަޒާން ކުރި ސުވާލަށް ޖަވާބު ދިނީ ވަކިވަކިން ބަސްތައް އަތުރާލާ އުސޫލުން ހުއްޓަ ހުއްޓާފައެވެ.

އަޒާންއަށް ހީވީ މީހަކު އޭނަގެ މޭ ފަޅާ އަތްކޮއްޕާލި ގޮތަށް ތެޅިތެޅި އޮތް ހިތުގައި ހިފާ ބާރުކޮއްލި ހެންނެވެ. ލަމުން ދިޔަ ނޭވާ ހޮޅީގައި ތާށިވެ ކޮށިއަރާ ގޮތްވިއެވެ. އޭނައަށް ކުރެވެމުން އައީ ހީ ހަޤީޤަތަކަށް ވެއްޖެކަމުގައި ޔަގީންކުރިއެވެ. މާޒީ ހަނދާންކުރުވަން ހުރިހާ ކުޅިގަނޑެއް ކުޅެމުން އަންނަނީ އެކަމުގެ ފަހަތުގައި މިލްނާ ހުރެކަމެވެ.

"މިންނުތަ ޒޭންގެ މަންމައަކީ" އަޒާނަށް އަނެއްކާ ވެސް އަހާލެވުނެވެ. ޔާނާގެ ދުލުން އިވުނު އެއްޗެއް އިތުރަށް ޔަގީންކުރަން ބޭނުންވަނީ ކަންނޭނގެއެވެ.

"ލައްބަ، އެއީ ހަމަ އަޅުގަނޑުގެ މަންމަ" ޒޭން މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ.

"އޭނަ ކީއްވެ ނައީ؟... މި ތަނުން ޒޭން ދޭ! ގޮސް އޭނާ ގޮވައިގެން އާދޭ، އަހަންނަށް ހުރިހާ ކަމެއް ވެސް އެނގިއްޖެ. އަހަރެންގެ ގާތަށް ޒޭން ފޮނުވީ އޭނައެއްނު. ތި އުޅެނީކީ ކޮންމެހެން ޔާނާ ކަމުގޮސްގެން އޭނާއާ ގުޅޭކަށްނޫން. ޔާނާއަކީ އަހަރެންގެ ދަރިއެއްކަން އެނގޭތީ އެހެންވެގެން.... އެ ދަރިފުޅުގެ ދިރިއުޅުމާ ކުޅެން ނުހަދާތި. ދޭ މިތަނުން! އަހަރެން ދެން ޒޭންއާ ބައްދަލުކުރާނީ އެ އަންހެން މީހާގެ ހާޟިރުގައި. ދޭ ހަމަމިހާރު އޭނާ ގޮވައިގެން އަންނަން" އަޒާންގެ އަޑުގައިވަނީ ނުރުހުމާއި ހަރުކަށިކަމެވެ. މީ ދުވަހަކުވެސް ޔާނާ ދުށް މަންޒަރެއް ނޫނެވެ. އަޒާން ބާރަށް ބަހެއްބުނާ އަޑު ވެސް އޭނާ ނާހައެވެ. އެގޭތެރޭގައި ދެބަސްވެ ޒުވާބުކޮށް އަޑުގަދަ ކުރާ ތަނެއް ޔާނާގެ އުމުރުން އެއްފަހަރު ވެސް ނުފެނެއެވެ. ނަމަވެސް މިހާރު އޭނާގެ ކުރިމަތީގައި ހުރި އަޒާން ތަފާތެވެ. އިންތިހާ ދަރަޖައިގެ ރުޅިވެރިކަން އެ މޫނުމަތިން ފާޅުވެއެވެ. ތަބަކެއްގައި ކޯކުތައްޓެއް ބަހައްޓައިގެން ސިޓިންރޫމަށް ޝަމްލާއަށް ވެސް ނުކުމެވުނީ ހަމަ އެވަގުތެވެ. އަޒާންގެ ވާހަކަތަކުން ބައެއް އޭނާއަށް ވެސް އިވިގެން ދިޔައެވެ. ހައިރާންކަމާއި ހާސްކަން ޝަމްލާ ވަށާލިއެވެ. އަޒާން އެހާ ރުޅި އަންނަން ޖެހޭ ސަބަބެއް ޝަމްލާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ހުރި ފިޔަވަޅު މަތީ ހުއްޓުން އަރާފައި އޭނާއަށް ވެސް ހުރެވުނީއެވެ.

"މި އޮތީ އަޅުގަނޑުގެ މަންމަ.... އަޅުގަނޑަށް އެނގޭ މަންމައާ ބެހޭގޮތުން ސުވާލުކުރާނެކަން، އެހެންވެ މަންމަ ގޮވައިގެން މިއައީ" ޒޭންގެ އަތުގައި އޮތް މިންނުގެ ޑައިރީ އަޒާނަށް ދިއްކޮއްލިއެވެ.

"ތީ ކީއްކުރާއެއްޗެއް؟ އޭނާ ކިޔާދީފަ ދޯ އޮތީ މިގެއަށް އައިސް ކަންތައްކުރާނޭ ގޮތް... އޭނަގެ ބޭނުމަކީ އަހަރެން އުފަލުގަ އުޅުނަ ނުދިނުންތަ، ދޭ!... ހަމަމިހާރު މި ގެއިން ނުކުމޭ.... އޭނާ ގާތު ބުނޭ ތި ކުރަންއުޅޭ ކަމެއް ނުވާނެއޭ... ތި ކުޅޭ ކުޅިގަނޑު ހުއްޓާލާށޭ. ރޭވި ރޭވުން ކާމިޔާބުވިޔަކަ އަހަރެން ނުދޭނަން. ޒޭންއަކީ އޭނާގެ ދަރިއެއްކަން ކުރިން އެނގުނުނަމަ މިގެއަށް ނުވެސް ވައްދާނަން. ޔާނާގެ މަތިން ހަނދާންނައްތާލާ. ގޮސް އެ އަންހެނާ ގާތު ބުނާތި އަހަރެން އޭރުއްސުރެ ކައިވެނިކޮށްގެން އަހަރެންގެ އަންހެނުންނާއެކީ ދިރިއުޅެނީ ވަރަށް އުފަލުގައޭ. ވަރަށް ހަމަޖެހިގެންނޭ... އަހަރެންނަށް ކައިވެނި ކުރެވުނުކަން އެއީ ނަސީބެކޭ. ފައިސާއިން ލޯތްބެއް ނުލިބޭނެއޭ... އެހެންވީމަ ކުރީން ގެއްލުނު ލޯތްބެއް މިހާރު ހޯދަން ހިތުގައި ވެސް ނުލާށޭ. އަދި ބުނާތި އަޒާން އުޅެނީ ކުރީގެ އާދައިގެ ދިރިއުޅުމޭ، ފައިސާއަށް ގަނެލެވޭ އަންހެނެއްގެ ކޮންއަގެއްހޭ..." އަޒާންގެ ހަރުކަށިބަސްތައް މެދުކަނޑާލީ ޒޭންގެ އަޑަށެވެ.

"ދެންހެޔޮ... ދެންހެޔޮ... ތީ ޔާންގެ ބައްޕައަށް ނުވިނަމަ..."ޒޭންގެ އަޑު ބާރުވެފައި ހަރުކައްޓެވެ. ޚުދު އަޒާން ވެސް ޒޭންގެ ހަޅޭކާއެކު ސިހޭގޮތް ވިއެވެ. ނަމަވެސް އޭނާގެ ހިތުގައި ރޯވެފައިވާ އަލިފާންގަނޑަށް ބަދަލެއް ނައެވެ.

"ތިމާއަށްވުރެ އުމުރުން ދޮށީ މީހުންނާ ޤަދަރުކުޑަކޮށް ޒުވާބުކުރަން ވެސް ޒޭންގެ މަންމަތަ ދަސްކޮއްދިނީ" އަޒާންގެ ހިތުގައި އެތަކެއް އަހަރުތަކެއްވަންދެން ހިނގަމުންދިޔަ ނަފުރަތު ޒޭންއަށް ބޭރުކުރަމުން ދިޔައީ ހަމައެކަނި މިންނު ހައިކަލްއާއި ގުޅުނުކަން އެނގުނީމައެވެ. އަޒާން ބޭނުންނުވިޔަސް ހަޤީޤަތަކީ ހައިކަލްއަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ޒުވާނެއްކަމުގައި އޭނާއަށް ޤަބޫލުކުރެވުމެވެ. އޭނާ ފަދަ ޒުވާނަކު މިންނުގެ ގާތުގައި އުޅޭކަން އެނގުނީއްސުރެ އަޒާންގެ ވަނީ ނުތަނަވަސްވެފައެވެ. އެހެންވިޔަސް އޭނާ ބޭނުންވީ ހަސަދައާއި ޝައްކުގެ ބަލިން ސަލާމަތްވުމަށެވެ. ލޯބިވާ މިންނުއަށް އިތުބާރު ކުރާށެވެ. ނަމަވެސް އަންހެނުންގެ މަތިން ފޫހި ކުރުވީ މިންނުއެވެ.

"ބައްޕާ!" ޔާނާވެސް ހިތްހަމަނުޖެހުނުލެއް ބޮޑުކަމުން ބާރަށް ގޮވާލިއެވެ.

"މިބުނީނު ދެންހެވޭ... އަހަރެންގެ މަންމައާ ދިމާއަށް ދެން އެންމެ އެއްޗެއް ވެސް ބުނެގެންނުވާނެ، އެ މަންމަ ދުނިޔެއަކު ނެތޭ، މަންމަ ނިޔާވިތާ ދެ އަހަރުވެއްޖެ...." މިފަހަރު ޒޭންގެ އަޑުގައިވަނީ މޮޅިވެރިކަމާއި މަޑުމައިތިރިކަމެވެ.

އަޒާން އެއްޗެއް ބުނަން ހުޅުވާލި އަނގައިން ނުކުތީ އާޙުގެ އަޑެވެ. ހީވީ ބާރު އިސްޕީޑުގައި ދުއްވާފައި އަންނަނިކޮށް ކުއްލިއަކަށް ކުރިމަތިން ފާޅުވި ފަރުބަދައެއްގައި ޖެހި މީހާ މަތަވީ ހެންނެވެ. މުޅި މީހާއަށް އަނެއްކާ ވެސް ސިހުންލިބުނީއެވެ. ހައިރާންކުރުވަނިވިގޮތަކަށް ޒޭންއަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު ޔާނާ ވާހަކަދެއްކިއެވެ.

"ދެޓްސް ދި ޓްރުތް ބައްޕާ... މިންނުއެއް މިހާރަކުނެތް މި ދުނިޔެއަކު. ޝީޒް ގޯން" ހިތްދަތިކަން ޔާނާގެ މޫނުން ވެސް ފާޅުވެގެން ދިޔައެވެ.

އެ އަޑު އިވި އަޒާންގެ ހިތަށް ތޫނު ތަދެއް އިހްސާސް ކުރެވިގެންދިޔައެވެ. އެއާއެކު އައިސްފައި ހުރި ގަދަ ރުޅީގެ ސަބަބުން ރަތްކަން ވެރިވެފައިވާ ދެ ލޮލަށް ކަރުނަ ޖަމާންފެށިއެވެ. އެންމެ ހިނދުކޮޅަކަށް ވެސް އެތަނުގައި މަޑުކުރާކަށް އަޒާން ބޭނުމެއްނުވިއެވެ. އަވަސް ހިނގުމުގައި ހަލުވިކޮށް އަޒާން އައިސް ކޮޓަރިއަށްވަދެ ބާރަށް ދޮރުޖަހާ ތަޅުލިއެވެ. ގަބުވެފައި އިރުކޮޅަކު ދޮރުފަތުގައި ލައްގަނެވިގެން އަޒާނަށް ހުރެވުނެވެ. ތުރުތުރު އަޅާލި ދެ ތުންފަތުގެ ދޭތެރެއިން ސިއްރެއް ބުނެލާ ފަދަ ވައިއަޑުން މިންނުގެ ނަން ނުކުތެވެ. އިތުރަށް އޭނަގެ ހިތަށް ކެތެއްނުކުރެވުނެވެ. މުޅި މީހާ ވެސް ހީވަނީ ރޫޅެން އުޅުނުހެނެވެ. ދެކަކޫމައްޗަށް ވެއްޓުނު ގޮތަށް ކަރުނަތައް އެ ދެލޮލުން ހިފެހެއްޓުމެއްނެތި ފައިބަން ފަށައިފިއެވެ. އެ ބަލި ހިތަށް ލިބުނު ހިތްދަތިކަމުގެ ސަބަބުން ގިސްލާ ރޮވެނީއެވެ. އެ ހަނދާނުން މިންނުގެ ނަން ދުވަހަކުވެސް ނުފޮހެވޭނެކަން އެނގޭތީއެވެ. މުޅި އުމުރުގަ ވެސް މިންނުދެކެ ވީ ލޯބި އެހެން މީހެއްދެކެ އޭނައަށް ނުވެވޭނެތީއެވެ. ރޮމުން ގޮސް އިސްޖެހުނު އަޒާން ހީވީ ކުރިމައްޗަށް ވެއްޓެން ދިޔަހެނެވެ. ނަމަވެސް އޭނަގެ އެއްއަތް ކާޕެޓުގައި ޖައްސާލިއިރު އަނެއްއަތްވަނީ މޭގައި ޖައްސާ ބާރުކޮއްލެވިފައެވެ. މީހެއްގެ ކައިރީ ނުބުނި ކަމުގައިވިޔަސް އޭނަ މިންނު ދުށުމަށް ބޭނުންވިއެވެ. އެންމެ ފަހަރަކު ނަމަވެސްއެވެ. އެތަކެއް އަހަރުތަކަކަށްފަހު އެއީ މީހެއްގެ އަނތްބަކަށް ވިޔަސްއެވެ. އަދިވެސް އެ ރީތި ދެލޮލާ މޫނު ދުށުމަށް އަޒާންވަނީ ކެތްތެރިކަން ކުޑަވެފައެވެ. އެކަމަކު އޭނާއަށް މިންނު ދެން ދުވަހަކުވެސް ނުފެންނާނެކަން މިއަދު އެނގިއްޖެއެވެ. އެންމެފަހަރަކު އެ ރީތި ސޫރަ ދުށުމަށް ވެސް ނުލިބޭނެއެވެ. އެ ހިތް ހާސްވެ އެވަރަށް ރޮނީ އެހެންވެއެވެ. ގިސްނަލީ އެހެންވެއެވެ. ދެލޯ ފޮހެލުމަކުން އެ ހަނދާންތަކެއް އެ ހިތުން ފިލައިގެނެއް ނުދެއެވެ. އެ ހިތަށް ކުޑަ ވެސް ތަސައްލީއެއްނުލިބެއެވެ. އަޒާން އެހެންހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލަފާނެއެވެ. އެކަމަކު މިންނުގެ ލޯބީގެ މަތިންނެއް އޭނަ ހަނދާނެއްނުނެތޭނެއެވެ. އަނގަމަތީ އަޒާންއަށް އަތްއަޅާލެވުނެވެ. އެ ދުލުން މިންނުގެ ނަން އެއްފަހަރު ވެސް އޭނާ ބޭރުނުކުރީ ޒޭންގެ ކުރިމަތީ އޭނާގެ ހިތް ފަޟީޙަތް ވެދާނޭތީއެވެ. އަޒާންގެ ދުލުން ބޭރުކުރި ހަރުކަށި ބަސްތަކުން އިތުރަށް އޭނާގެ ހިތް ގިސްލަމުންދިޔައެވެ.

އިންތިހާއަށް ހައިރާންވެ ކަންބޮޑުވެފައި ހުރި ޝަމްލާ، އޭނާގެ އަތުގައި އޮތް ތަބަށް ކުޑަމޭޒުމަތީ ބަހައްޓަމުން އަޒާންގެ ފަހަތުން ދާން އުޅުނެވެ. އެވަގުތު ޔާނާ އަވަހަށް ގޮވާލާފައި އޭނަގެ ގާތަށް އައުމަށް ޝަމްލާގެ ގާތުން އެދުނެވެ. ދެވަނަ ފަހަރަށް އަޒާން ދިޔަ ދިމާއަށް ބަލާލުމަށް ފަހު އޭނާ ހުރި ފިޔަވަޅުމަތީ ހުރެ ޔާނާއާ ނަޒަރު ސީދާކޮށްލިއެވެ. އެވަގުތު ޔާނާއަށް ބަލާލަމުން ޒޭންގެ އަތުގައި އޮތް މިންނުގެ ޑައިރީ ޒޭން ދިއްކޮއްލިއެވެ. ޒޭންގެ އެ ބަލާލުމުގައި އެތައް ވާހަކައެއް އެކުލެވިފައި ވިއެވެ. މިންނުގެ ޑައިރީގައި ހިފަމުން ޔާނާ ބޯޖަހާލީ ޒޭން ބުނަން އުޅެނީ ކީކޭކަން އެނގިގެން ޖަވާބުދާރީ ވާ އުސޫލުންނެވެ. އެއާއެކު ޒޭން ހިނގައިގަތީ އެ ގެއަށް ވަން ދޮރުން ނުކުންނާށެވެ. ދެއަތުން މިންނުގެ ޑައިރީ ގެނެސް މެޔާލާ ބޮނޑިކޮށްލައިގެން ޔާނާ ހުރީ ޒޭން ނުކުމެގެން ދިޔަ މަންޒަރު ބަލާށެވެ. އޭރު ވެސް ޝަމްލާ ހުރީ ހިމޭންވެފައެވެ. ބުނަންވީ ކީކޭކަމެއް ވެސް ނޭނގިފައެވެ. މިވަނީ ކީއްކަން އަހާލަން ވެސް ނޭގިފައެވެ. -- (ނުނިމޭ)