އުތުރު ކޮރެއާ އިން މި ވަނީ އެމީހުންގެ ލީޑަރަށް ފުރައްސާރަކޮށް ސޮނީ ޕިކްޗާސް އިން އުފެއްދި ފިލްމު "ދަ އިންޓަވިއު" ހުއްޓުމަކަށް ގެނެސްފަ އެވެ. ހެކަރުންގެ ޓީމެއް މެދުވެރިކޮށް ސޮނީ އަށާއި އެމެރިކާގެ ސިނަމާތައް ހިންގާ ފަރާތްތަކަށް ދިން އިންޒާރުތަކަކަށް ފަހު އެވެ.
އެހެންވީމަ ޖޭމްސް ފްރޭންކޯ އާއި ސެތު ރޯގެން ލީޑު ރޯލު ކުޅެފައިވާ މި ފިލްމުގެ މައްސަލަ އުތުރު ކޮރެއާ އިން މިހާ ބޮޑުކޮށްލީ ކީއްވެ ހެއްޔެވެ؟ މި ފިލްމު އެ ގައުމުން ސިފަކޮށްފައި ވަނީ "ހަނގުރާމައިގެ އަމަލެއް" ގެ ގޮތުގަ އެވެ.
ސޮނީ ހެކުކުރުމުގެ ކުރިން ފިލްމުގެ މައްސަލަ އެމެރިކާގެ ސަރުކާރަށް ވެސް ހުށަހެޅި އެވެ. އަދި އދ. އަށް ވެސް މި ފިލްމުގެ މައްސަލަ ހުށަހެޅި އެވެ.
އެންމެފަހުން އެއްވެސް ބަޔަކު އަޅާނުލުމުން އުތުރު ކޮރެއާ އިން ދިނީ އެންމެ ފަހުގެ އިންޒާރެވެ.
"އެމެރިކާ އިން މި ފިލްމަށް ފުރުސަތު ދީފި ނަމަ އޭގެ ހިތި އެމީހުންނަށް ފެންނާނެ،" އުތުރު ކޮރެއާ އިން ބުނެފައިވެ އެވެ.
"އަހަރެމެންގެ ލީޑަރަށާއި ރައްޔިތުންނަށް ފުރައްސާރަކުރި މި ކުށްވެރިންތައް ކޮންމެ ފަދަ ތަނެއްގައި ފިލައި ތިއްބަސް ގާނޫނާ އެއްގޮތަށް އެމީހުންނަށް އަދަބު ދޭނަން."
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަކީ އާދައިގެ ލީޑަރެއް ނޫންކަން އޭނާ މި ވަނީ އެންމެފަހުން ސާބިތުކޮށްދީފަ އެވެ.
ސޮނީ އަށް ހަމަލާ ދިނީ މިދިޔަ ނޮވެމްބަރު މަހު އެވެ. ހެކަރުންގެ ޓީމުން ވަނީ މިލިއަން ޑޮލަރުގެ ގެއްލުން އެ ކުންފުންޏަށް ދިނުމަށް ފަހު ފިލްމު ވެސް ހުއްޓުވައިފަ އެވެ.
އެހެންވީމަ، ކިމް ޖޮން-އުންގެ ބައްޕާފުޅު އަދި ކުރީގެ ލީޑަރު ކިމް ޖޮން-އިލް އަށް ހޮލީވުޑްގެ ފިލްމުތައް ކަމުދިޔަ ކަމުގައި ވީ ނަމަވެސް ޒުވާން ލީޑަރަކަށް ހޮލީވުޑް ކަމުދާ ގޮތެއް ނުވިއެއް ނޫން ހެއްޔެވެ؟
ބެލެވޭ ގޮތުގައި ފިލްމުގެ މައްސަލަ ބޮޑަށް ހޫނުވެގެން ދިޔައީ ކިމް ޖޮން-އުން އަވަހާރަކޮށްލުމުގެ ޕްލޭނެއް ފިލްމުގެ ޕްލޮޓްގައި ހިމެނޭތީ އެވެ.
ފިލްމުގައި ޖޭމްސް ފްރޭންކޯ ކުޅެފައި ވަނީ މަޝްހޫރު ނޫސްވެރިއެއްގެ ރޯލެވެ. ކޮމޭޑިއަން ސެތު ރޯގެން ކުޅެފައި ވަނީ މި ނޫސްވެރިޔާގެ ޕްރޮޑިއުސަރުގެ ރޯލެވެ. ދެ މީހުންނަށް ސީއައިއޭގެ ސަމާލުކަން ލިބެނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ހާއްސަ އިންޓަވިއުއެއް ނެގުމަށް އުތުރު ކޮރެއާ އަށް ދާން އުޅޭ ކަމުގެ ޚަބަރު ފެތުރޭ ހިސާބުންނެވެ.
އެއަށް ފަހު ދެން ދައްކުވައި ދެނީ މި ދެ މީހުން ބޭނުންކޮށްގެން ކިމް ޖޮން-އުން އަވަހާރަކޮށްލަން ސީއައިއޭ އިން ކުރާ މަސައްކަތެވެ.
ފިލްމުގައި ކިމް ޖޮން-އުންގެ ރޯލު ކުޅެފައި ވަނީ އެމެރިކާގެ އެކްޓަރެއް ކަމަށްވާ ރެންޑަލް ޕާކް އެވެ.
މިއުޒިކް ދުނިޔޭގެ މަޝްހޫނު ތަރިންތައް ކަމުގައިވާ އެމިނެމް އާއި ކަންޔޭ ވެސްޓް އަދި ނިކީ މިނާޖު ފަދަ މޫނުތައް ވެސް ފިލްމުން ފެނިގެންދެ އެވެ.
މި ފިލްމަކީ ރޯގެން އާއި ފިލްމުގެ ޑައިރެކްޓަރު އީވާން ގޯލްޑްބާގްގެ ހިޔާލެކެވެ. މި ފިލްމު އުފެއްދުމުގެ ހިޔާލާ އެކު ފިލްމުގައި ސިފަކޮށްދޭނެ ގައުމަކަށް އުތުރު ކޮރެއާ ހޮވިއިރު އެގައުމުގެ ލީޑަރަކީ ކިމް ޖޮން-އިލް އެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ފިލްމުގެ ހިޔާލު އޮތީ ބާއްވައިފަ އެވެ.
އެއަށް ފަހު މި ފިލްމު އުފެއްދުމުގެ ފޯރި ގަދަވެގެން ދިޔައީ ލީޑަރު ކަމަށް ކިމް ޖޮން-އުން ވަޑައިގަތުމާ ގުޅިގެންނެވެ. އެއީ ޖޮން-އުން ޒުވާން ލީޑަރަކަށްވެފައި އެފަދަ ކެރެކްޓާއަކާ އެކު ފިލްމު މާ ބޮޑަށް ވެސް މަޖާވާނެ ކަމަށް ރޯޖެން އާއި ގޯލްޑްބާގަށް ވިސްނުމުންނެވެ.
ފިލްމުގައި ކިމް ޖޮން-އުން ސިފަކޮށްދޭން އެންމެ ފުރަތަމަ އޮރިޖިނަލް ސްކްރިޕްޓްގައި އޮތީ ނިކަން ހަރުކަށި ލީޑަރެއްގެ ގޮތުގަ އެވެ. ނަމަވެސް އޭނާގެ ރޯލަށް ހޮވުނު އެކްޓަރާ އެކު އެ ކެރެކްޓާ އެއްކޮށް ބަދަލުކޮށްލީ އެވެ.
ފަހުން ކިމް ޖޮން-އުން ބަދަލުވެގެން ދިޔައީ ވަރަށް ވެސް ފިނޑި ލީޑަރަކަށެވެ. އަމިއްލަ ނަފުސަށް އިތުބާރުނޯންނަ އަދި އެހާމެ ލަދު ގަންނަ ލީޑަރަކަށެވެ.
ފަހަރެއްގައި އުތުރު ކޮރެއާ އިން މިހާ ބޮޑަށް މި ފިލްމުގެ މައްސަލަ "ހާޑުކޮށްލީ" މި ސަބަބާ ހެދި ކަމަށް ވެދާނެ އެވެ. ކިމް ޖޮން-އުން އަކީ ފިނޑި ލީޑަރެއް ނޫންކަން އެގައުމުން މި ވަނީ އެންމެފަހުން ސާބިތުކޮށްދީފަ އެވެ. އެވެސް ހޮލީވުޑް ޖެހި ޖޯކަކަށް ރުޅިގަދަވެގެންނެވެ.
ފިލްމުގެ އެއް އެކްޓަރު އަދި ޑައިރެކްޓަރު ކަމަށްވާ ރޯޖެން މި ފިލްމުގެ ޕްރޮމޯޝަނުގައި ބުނެފައި ވަނީ އުތުރު ކޮރެއާ އިން ފިލްމާ މެދު ހިތްހަމަނުޖެހިގެން އުޅެނީ މި ފިލްމު އެގައުމަށް އެތެރެވެދާނެތީ ކަމަށެވެ. ރޯޖެން ބުނެފައި ވަނީ ފިލްމު އުތުރު ކޮރެއާ އަށް އެތެރެވާނެ ކަމަށް ބެލެވޭ ކަމަށާއި ފިލްމާ އެކު އުތުރު ކޮރެއާގެ ވެރިކަން އިންގިލާބަކުން ބަދަލުވެގެން ވެސް ހިނގައިދާނެ ކަމަށެވެ.
ރޯޖެން އަކީ ކޮމޭޑިއަން އެކެވެ. އޭނާ ދައްކާނީ އެކަހަލަ ވާހަކަ އެވެ.
ނަމަވެސް މި ފިލްމާއި މި ހުރިހާ ވާހަކައެއް ވެސް އުތުރު ކޮރެއާ އިން ނެގީ ވަރަށް ވެސް ސީރިއަސްކޮށެވެ.
ފިލްމު ބެލި ފާޑުކިޔުންތެރިން ޖުމްލަ ގޮތެއްގައި ފިލްމަށް ތައުރީފުކޮށްފައިވީ ނަމަވެސް ބުނެފައި ވަނީ މި ފިލްމަކީ އުތުރު ކޮރެއާގެ ނިއުކްލިއާ ހަމަލާއެއް އެމެރިކާ އަށް އަމާޒުވެދާނެ ފިލްމެއް ކަމަށެވެ.
ކޮންމެއަކަސް "އިންޓަވިއު" އަށް މި އޮތީ ސުލްހަވެރި ނިމުމެއް އައިސްފަ އެވެ.