ދުނިޔެ

ޗައިނާއާ ދެކޮޅު މުޒާހަރާ ކުރި ދަރިވަރުންގެ ލީޑަރަށް އިތުރު ހުކުމެއް

ހޮންކޮންގްގައި ޗައިނާ ސަރުކާރާ ދެކޮޅަށް 2014 ވަނަ އަހަރު ޔުނިވާސިޓީ ދަރިވަރުން ކުރި ވަރުގަދަ މުޒާހަރާތަކުގައި އިސްކޮށް އުޅުނު ޖޯޝުއާ ވޮންގްއަށް އަނެއްކާވެސް ޖަލު ހުކުމެއް އިއްވައިފި އެވެ.

ވޮންއަށް ކުރިން އިއްވާފައިވާ ދެމަސް ދުވަހަށް ވުރެ ދިގު ޖަލު ހުކުމް ތަންފީޒު ކުރުން ލަސްކޮށްފައި ވަނިކޮށް އޭނާއަށް މިއަދު އިއްވީ ތިން މަަސް ދުވަހުގެ ޖަލު ހުކުމެކެވެ. ވޮންގް ތިން މަސްދުވަަހަށް ޖަލަށްލާން ހުކުމް ކުރީ ކޯޓު އަމުރަކަށް ތަބާ ނުވިކަމުގެ ކުށުގައެވެ. އެއީ 2014 ވަނަ އަހަރު އޭނާއާއި އިތުރު އެތައް ސަތޭކަ ދަރިވަރުންނެއް ހިންގި "އޮކިއުޕައި ހޮންގްކޮންގް" ހަރަކާތުގައި މޮންގް ކޮކް ނަމަކަށް ކިޔާ ސަރަހައްދެއް ދޫކޮށް ދިއުމަށް ކޯޓުން ކުރި އަމުރަކަށް ތަބާ ނުވީމައެވެ.

ވޮންގް އާއެކު އެހަރަކާތުގައި އިސްކޮށް އުޅުނު ރަފައެލް ވޮން ހޯ މިން އަށް ވެސް ޖޯޝުއާ ވޮންއާ އެކު ހުކުމެއްް ކުރިއެވެ. ހުކުމް ކުރީ އޭނާ ހަތަރު މަހާއި 15 ދުވަހަށް ޖަލަށްލުމަށެވެ. ދަރިވަރުންގެ އެހެން ލީޑަރެއް ކަމަށްވާ ލެސްޓާ ޝުމްއާއި އިތުތު 13 ދަރިވަރަކަށް ވެސް މިއަދު ހުކުމް ކުރިއެވެ.

ތަންފީޒު ކުރުން ލަސްކުރާ ގޮތަށް އެމީހުންނަށް ކޮށްފައި ވަނީ އެއް މަހާއި ދެމަހާ ދެމެދުގެ ހުކުމްތަކެކެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން 10000 ހޮންގްކޮންގް ޑޮލަރާއި 15000 ޑޮލަރާއި ދެމެދުގެ އަދަދުތަކުން ޖޫރިމަނާ ކުރުމަަށް ވެސް ހުކުމްކުރިއެވެ.

ހޮންގްކޮންގްއަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލައި 2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ މަދަނީ ބަސްނޭހުން 79 ދުވަހަށް ދެމިގެން ދިޔައެވެެ. އެހަރަކާތުގައި މުޅި ހޮންގްކޮންގް ހުއްޓުމަކަށް ގެނައެވެ. އެހަރާކާތް ފެށީ ހޮންކޮންގްއަށް ސިޔާސީ ގޮތުން ބަދަލުތައް ގެނަޔަ ނުދޭން ޗައިނާ ސަރފުކާރުން ފިޔަވަޅުތަކެއް އެޅުމުންނެވެ. ޓައިވާނެކޭ އެއް ފަދައިން ހޮންކޮންގް އަކީ ވެސް ޗަައިނާގެ ބައެއްގެ ގޮތުގައި ގަދަކަމުން ދަމަހައްޓަމުން އަންނަ ސަރަހައްދެކެވެ.