ހިތުގެ ބަލިތައް ރާއްޖޭގައިވެސް މިހާރު އަންނަނީ އާންމުވަމުންނެވެ. ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހިގެން ފަރުވާދޭ މީހުންގެ އަދަދު ދަނީީ އިތުރުވަމުންނެވެ. ގޮތް ނޭނގޭ ކުއްލި މަރުތައްވެސް ގިނަވެއްޖެ އެވެ. ޅަ އުމުރުގައި މިފަދަ ގޮތް ނޭނގޭ މަރުތައް ކުރިމަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
އިނގެރޭސިވިލާތުގެ ކޭމްބްރިޖް ޔުނިވާސިޓީއިން ހެދި ދިރާސާއަކުން ހާމަވި ގޮތުގައި ހިތުގެ ތަފާތު ބަލިތަކާއި ހަނގުރާމަކުރުމަށް ކާށި ތެލަކީ ރަނގަޅު އެއްޗެކެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުން ކޮންމެ ހަފްތާއަކު އެއް ދުވަހު ކާށި ތެޔޮ ބޭނުންކުރާނަމަ ހަތަރު ހަފްތާ ތެރޭގައި ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ނުރައްކަލުން ދުރުކޮށްދޭނެ އެވެ.
ކާށި ތެލަކީ އެތައް ގޮތަކުން ފައިދާތަކެއް ކުރާ އެއްޗެއްކަން ދިރާސާތަކުން ޔަގީންކޮށްދެ އެވެ. ކާނާގެ ގޮތުގައި އާއި އެކި ކަހަލަ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު އެއްޗެހީގައި ކާށި ތެޔޮ ބޭނުންކުރާކަން މިއީ އޭގެ ހެއްކެކެވެ.
ބީބީސީ 2 އިން ގެނެސްދޭ "ޓްރަސްޓް މީ. އައިމް އަ ޑޮކްޓާރ" ގައި ތަޖުރިބާކުރި ދެ ޕްރޮފެސަރުން މި ދިރާސާ ހެދީ 94 ވޮލަންޓިއަރުން ބޭނުންކޮށްގެންނެވެ. އުމުރުން 50 އާއި 75 އަހަރާއި ދެމެދުގެ މި މީހުންގެ ތެރެއިން އެކަކުވެސް ދިރާސާގެ ކުރިން ހިތުގެ އެއްވެސް ކަހަލަ ބައްޔެއް ތަހައްމަލުކޮށްފައެއް ނުވެ އެވެ.
އެ ހުރިހާ މީހުން ތިން ގުރޫޕަށް ބަހާއި ކޮންމެ ގުރޫޕެއްގެ މީހުނަށް ތަފާތު ތިން ވައްތަރެއްގެ ތެލެއް ބޯންދިނެވެ. އެއް ގުރޫޕަށް 50 ގުރާމު (ތިން ސައި ސަމްސާ) ގެ ކާށި ތެލާއި، އަނެއް ގުރޫޕަަށް ހަމަ އެ މިންވަރަށް ވާޖިން އޮލިވް އޮއިލް އަދި ތިން ވަނަ ގުރޫޕަށް ލޮނު ނުހުންނަ ބަޓަރު ކޮންމެ ދުވަހަކު ހަތަރު ހަފްތާ ވަންދެން ބޯންދިނެވެ. ހަތަރު ހަފްތާފަހުން މިއިން ކޮންމެ މީހެއްގެ ކޮލެސްޓްރޯލް ލެވެލް ހުރި ވަރު ވަކިވަކިން ބެލި އެވެ. ނަތީޖާ ވަރަށް ހައިރާން ކުރަނިވި އެވެ.
ބަޓަރު ބުއިން މީހުންގެ "އެލްޑީއެލް ކޮލެސްޓްރޯލް" (ގެއްލުންދޭ ކޮލެސްޓްރޯލްގެ ވައްތަރު) އެވުރެޖުކޮށް 10 އިންސައްތަ އިތުރުވެފައިވެ އެވެ. އޮލިވް އޮއިލް ބޮއުނު މީހުންގެ "އެލްޑީއެލް ކޮލެސްޓްރޯލް" ލެވެލް ކުޑަކޮށް ދަށްވެފައިވާއިރު، އެ މީހުންގެ "އެޗްޑީއެލް ކޮލެސްޓްރޯލް" (ފައިދާކުރާ ކޮލެސްޓްރޯލްގެ ވައްތަރު) ލެވެލް މަތިވެފައިވެ އެވެ.
"އެޗްޑީއެލް ކޮލެސްޓްރޯލް" (ފައިދާކުރާ ކޮލެސްޓްރޯލްގެ ވައްތަރު) ލެވެލް އެންމެ މަތީ ކާށި ތެޔޮ ބޭނުންކުރި މީހުންގެ އެވެ. އެގޮތުން އެވްރެޖުކޮށް 15 އިންސައްތައި ކުރިއެރުމެއް ފެނިފައިވެ އެވެ. މި ނަތީޖާއާއެކު ޕްރޮފެސަރުންނަށް ގަބޫލުކުރެވުނީ "ސުޕަފުޑް" އެއް ގޮތައް ލޭބަލް ކޮށްފައިވާ ކާށީގެ ތެލަކީ ހިތުގެ ބަލިތަކުން އިންސާނާ ދުރުކޮށްދިނުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެއް ކަމަށެވެ. ހިތުގެ ބަލިތައް އާންމުކޮށް ޖެހެނީ ކޮލެސްޓްރޯލް ލެވެލް މަތިވުމުގެ ސަބަބުންނެވެ.
މި ދިރާސާ ހެދި ޕްރޮފެސަަރުންގެ ޓީމުން ބުނީ މިއީ ކުރު މުއްދަތެއްގެ ތެރޭގައި ހެދި ދިރާސާއަކަށް ވުމުން، އެއްވެސް މީހަކު ކުއްލިއަކަށް އެ މީހެއް ކެއުން ގެއްގުޅޭ މިންގަނޑުތަކަށް މި ދިރާސާގެ މައްޗަށް ބިނާކޮށް ބޮޑެތި ބަދަލު ގެންނަ ނުފެންނަކަަށެވެ. ކާށި ތެލުން ފައިދާ ކުރާނެކަން ޔަގީންކަމަށާއި ނަމަވެސް އެ މީހަކު ބޭނުން ކުރަންޖެހޭ ތެލުގެ ބާވަތެއް އިނގޭނީ މިހާގެ ސިއްހީ ހާލަތު އެވަގުތެއްގައި ހުރި ގޮތައް ބެލި، ޓެސްޓުކުރެވިގެން ކަމަށް އެ ޓީމުން ބުންޏެވެ.