ޑެންގީ

ޑެންގީ ޖެހިގެން ރިޕޯޓު ކުރުން އިތުރުވެއްޖެ

Jan 17, 2018

ޑެންގީ ހުން ޖެހިގެން މި އަހަރުގެ މިހާތަނަށް ރިޕޯޓް ކުރި މިންވަރު 2017 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އިތުރު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ ރާއްޖޭގައި ޑެންގީ ހުން ހަލުއި ކަމާއެކު ފެތުރޭ ދުވަސްވަރެކެވެ. ޑެންގީ ހުން ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ހެލްތު މިނިސްޓްރީން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި މަދިރިއަށް ހޭލުންތެރި ކުރުމާބެހޭ ކެމްޕޭނެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފަ އެވެ. ފާއިތުވި ދެ އަހަރު ރާއްޖޭގައި 2000 އަށް ވުރެ ގިނަ މީހުންނަށް ޑެންގީ ހުން ޖެހިފައިވެ އެވެ.

އެޗްޕީއޭއިން ބުނީ، މިއަހަރު ފާއިތުވި ދުވަސްތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދު ނިސްބަތުން އިތުރުވެފައިވީ ނަމަވެސް ބަލި ފެތުރެމުންދަނީ މުޅި ރާއްޖޭގައި ނޫން ކަމަށާއި ކޭސްތަކުގެ އަދަދު އިތުރުވެފައިވަނީ ވަކި ރަށްތަކެއްގައި ހުން ފެތުރި އެ ރަށްރަށުގެ ގިނަ ބަޔަކަށް ހުން ޖެހެމުންދާތީ ކަމަށެވެ. ހުން ފެތުރެމުންދާ ރަށްތަށުގެ ތަފްސީލެއް ހެލްތުން ހާމައެއް ނުކުރެ އެވެ. އަދި މިހާތަނަށް ރިޕޯޓު ކުރި ކޭސްތަކުގެ އަދަދުވެސް ނުބުނެ އެވެ.

ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު ޑެންގީހުން އާދަޔާ ހިލާފަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ފެތުރޭތީ މިހާރު ހެލްތު މިނިސްޓްރީން ކުރިއަށްގެންދާ ކެމްޕޭނުގައި ވެސް ގިނައިން ބަލި ފެތުރޭ ރަށްރަށަށް ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

"ސީދާ ވަކި ރަށަކަށް އަމާޒުކޮށްގެނެއް ނޫން ކެމްޕޭން ހިންގަނީ. ހަމަ މުޅި ރާއްޖެއަށް. އެހެން ނަމަވެސް ބޮޑަށް ބަލި ފެތުރޭ ރަށްރަށަށް މައުލޫމާތު ދިނުމުގައި އިސްކަމެއް ދޭނެ،" އެޗްޕީއޭއިން ބުންޏެވެ.

ޑެންގީ ހުމުން ރައްކާތެރި ވުމަށް

  • ފެން ހަރުލާ ތަންތަން ބަލާ ހަފުތާއަކު އެއްފަހަރު އެ ތަންތަނުން ފެން ހުސް ކުރުން
  • މަގުމައްޗާއި ވައިގޮޅި ފަދަ ތަންތަނަށް ކުންޏާއި ފެން ނޭޅުން
  • މަދިރި ލޯޝަނާއި، ސްޕްރޭ އަދި މޮސްކިޓޯ ރިޕެލެންޓު ބޭނުން ކުރުން
  • އިރު އޮއްސޭ ވަގުތާއި އިރު އަރާވަގުތު ދޮރުތަކާއި ކުޑަދޮތުތައް ލެއްޕުން
  • ޑަސްބިން ފަދަ ތަކެތި މަތި ޖަހައި ބަންދުކޮށްފައި ބެހެއްޓުން

ނުރައްކާތެރި މިންވަރަށް ބަލި ފެތުރުނަ ނުދިނުމަށް މަދިރިން ރައްކާތެރިވެ ތިބުމަށާއި ހުމުގެ އަލާމާތްތަކާ ބެހޭ މައުލޫމާތު ހޯދައި ހޭލުންތެރިވެ ތިބުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.