ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަވަހާރަ ކޮށްލަން ބަޔަކު މަސައްކަތްކުރި ހާދިސާއެއް 2015 ވަނަ އަަހަރު ހިނގިއެވެ. ރައީސް އިންނެވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވައި ވެސް ލިއެވެ. އޭގެ ފަހުން މާލެ ތެރެއިން އައީއީޑީތައް ފެނުމާއި ފަޅުރަށެއްގެ އުރަފަށުން ހަތިޔާރުތަކެއް ފެނުން ފަދަ އެތައް ކަމެއް ހިނގި އެވެ.
ގައުމެއްގެ ވެރިޔަކު އިންނެވި އުޅަނދަށް ހަމަލާއެއް ދިނުމުގައި ބަޔަކު ކާމިޔާބު ހޯދުމަކީ ސަލާމަތީ ގޮތުން ބަލާ ނަމަ ވަރަށް ބޮޑު ބާގަނޑެކެވެ. މީހުންގެ ފުރާނައާއި މުދާ ރައްކާތެރި ކުރުމުގައި ސަލާމަތީ ބާރުތަކުގެ ގާބިލުކަމާ މެދު ސުވާލު އުފައްދަން އެއަށް ވުރެެ ދެން ރަނގަޅު ސަބަބެއް ނޯންނާ އެވެ. އެހެނީ ވެރިން ހިމާޔަތް ކުރުމަކީ ދުނިޔޭގެ ގައުމުތަކުގައި ހާއްސަކޮށް ރާއްޖޭގައި ސަލާމަތީ ބާރުތަކުގެ ހަމަ އެކަނި ޒިންމާއޭ ހީވާ ވަރަށް އެބާރުތަކުން ސަމާލުވާ ކަމެކެވެ. ކުރުކޮށް ބުނާ ނަމަ ރާއްޖޭގައި މީހުންގެ ސަލާމަތާ މެދު ސުވާލު އުފައްދަން އެންމެ ޖާއިޒް ވަރަކީ އެޔެވެ.
އެހުރިހާ ކަމެއް ހިނގި އިރު އެމެރިކާއިން ރާއްޖެއާ ބެހޭ ޓްރެވެލް އެޑްވައިޒަރީއެއް ނުރެ އެެވެ. އެކަމަކު އޭރުވެސް ރާއްޖެއަށް އެމެރިކާގެ ޓޫރިސްޓުން އާދެއެވެ.
ނަމަވެސް މިމަހުގެ 10 ވަނަ ދުވަހު އެމެރިކާއިން ވަނީ ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވާން އެމެރިކާ ރައްޔިތުންނަށް އަންގާފަ އެެވެ. އެގޮތުން ރައްކާތެރި ކަމަށް ސަމާލުކަންދޭ މިންވަރު އިތުރު ކުރަން އަންގައި ޓްރެވެލް އެޑްވައިޒަރީ؛ ލެވެލް ޓޫއަށް ބަދަލު ކޮށްފައެވެ.
ރާއްޖެއަށް ދަތުރުކުުރުމުގައި އިތުރަށް ސަމާލުކަންދޭން އެންގި ސަބަބެއް ކަމަށް ބުނެފައި ވަނީ ޓެރަރިސްޓް ގްރޫޕަކުން ރާއްޖޭގައި ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމެވެ. އެގޮތުން ބުނެފައި ވަނީ ކުޑަ ކުޑަ އިންޒާރަކާ އެކުގައި ނުވަތަ އިންޒާރަކާ ނުލައި ވެސް ހަމަލާއެއް ދީފާނެ ކަމަށެވެ. ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ ތަންތަން ވެސް އެމެރިކާއިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ފާހަގަކޮށްފައި ވަނީ ޓުއަރިސްޓުން ގޮސް އުޅޭ ތަންތަނާއި ޓްރާންސްޕޯޓް ހަބްތަކާއި ޝޮޕިން މޯލް ތަކާއި ސަރުކާރުގެ އިދާރާތަކެވެ.
"އެކަހެރި ރަށެއްގައި ވެސް ހަމަލާއެއް ދީފާނެ އެވެ. އޭރުން އިދާރާތަކުން އެކަމަށް އިޖާބަދޭން ހޭދަވާ ވަގުތު އިތުރު ވާނެ އެވެ،" އެމެރިކާގެ ޓްރެވެލް އެޑްވައިޒަރީގައި ބުނެފައި ވެއެވެ.
ހަމަލާއެއްގެ ނުރައްކާ ކުޑަ ކުރަން އަޅަން ވީ ފިޔަވަޅުތަކެއް ވެސް ސްޓޭޓް ޑިޕާޓްމެންޓުން ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ރާއްޖޭގެ ނޫސްތަކުން ޝާއިިއުކުރާ ހަބަރުތައް ކިއުމާއި ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަމަށް ސަމާލުވުން ހިމެނެ އެވެ. އަދި ހުޅަނގުގެ މީހުން ޒިޔާރަތްކުރާ ތަންތަނުގައި ތިބޭ އިރު ވަކިން ބޮޑަށް ސަމާލުވެ ތިބުމަށް ވެސް ވަނީ ލަފާ ދީފައެވެ.
ރާއްޖޭގައި މާބޮޑެތި ހާދިސާތަކެއް ނުހިނގާ ދުވަސްވަރެއްގައި މިފަދަ އެޑްވައިޒަރީއެއް ނެރުނު އިރު، އެމެރިކާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އޮތީ އިތުރުވެފަ އެވެ. ސަރުކާރުން ވަނީ އެކަމުގެ އުފާ ފާޅުކޮށް މެޑެލް ވެސް ޖަހާފަ އެވެ.
އެމެރިކާއިން ބުނާހާ ގޮތެއް ހަދައިގެން ބުނާހާ މީހެއްގެ މައުލޫމާތު ދީގެން، ބައެއް މީހުން ހައްޔަރުކޮށް އެމެރިކާއާ ހަވާލު ވެސް ކޮށްގެން އުޅޭ ރާއްޖެއާ މެދު މިހެން އެޑްވައިޒަރީ ނެރުނީ ސަރުކާރާ ވާހަކަ ވެސް ނުދައްކަ އެވެ.
ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރް (އެންސީޓީސީ) އިން ހޯމަ ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެމެރިކާގެ ޓްރެވެލް އެޑްވައިޒަރީގައި ބުނެފައިވާ ބިރުވެރިކަމެއް ރާއްޖޭގައި އޮތް ވާހަކަ އެ ގައުމުން ރާއްޖެއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ މިހާރު ވެސް އެމެރިކާއާ ވާހަކަ ދައްކަމުން އެ ޓްރެވަލް އެޑްވައިޒަރީ ނެރުނީ އެފަދަ އެއްވެސް އާދަޔާ ހިލާފު މައުލޫމާތެއް ލިބިގެންތޯ ނުވަތަ ކޮން ގޮތަކުން ވެރިފައި ކުރެވިފައި ހުރި މައުލޫމާތުތަކެއްތޯ ބަލަމުން، މިހާތަނަށް ގަބޫލު ކުރެވެނީ އެއީ ސޯޝަލް މީޑިއާގައި ދެކެވިފައި ހުރި ވާހަކަތަކާއި ބައެއް ފަރާތްްތަކުން އެކި މަގަސަދުގައި ދައްކާފައި ހުންނަ ވާހަކަތަކުގެ މައްޗައް ބިނާކޮށް ނިންމިފައި ހުރި ނިންމުންތަކެއް ކަން،" އާދަމް ޝަރީފް ހޯމަދުވަހު ވިދާޅުވި އެވެ.
މިނިސްޓަރުގެ އެ ވާހަކަފުޅުން އެނގެނީ އެމެރިކާގެ އެނިނުންމާ، ބޭރުގެ ހަނގުރާމަ ތަކަށް ރާއްޖޭން ދާ މީހުންނާ ބެހޭ ގޮތުން ހޯމަ ދުވަހު ހާމަ ކުރި ތަފާސް ހިސާބުތަކާ ވެސް ގުޅުމެއް ނެތް ކަމެވެ.
ރާއްޖެއަށް އެމެރިކާ މީހުން ދަތުރުކުރާ މިންވަރު އިތުރުވި ދަނޑިވަޅާ ދިމާކޮށް ދިން އެ އިރުޝާދާއި އިންޒާރަކީ އެހެން ކޮންމެވެސް ކަމަކާ މެދު ހިތްހަމަ ނުޖެހިގެން އެޅި ފިޔަވަޅެއްތޯ ސުވާލު އުފެދެނީ މިކަންކަމާ ހެދިއެވެ. އެގޮތުން ބަލާ ނަމަ ރާއްޖެއާ އެމެރިކާއާ ދެމެދު ކައިރި މާޒީއެއްގައި ހިޔާލު ތަފާތުވެފައި ވަނީ އެންމެ ކަމެއްގަ އެވެ. އެއީ މުސްލިމުންގެ ތިން ވަނަ ހަރަމް ފުޅު އެ ބިމެއްގައިވާ ޤުދުސުއް ޝަރީފަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިި ގަނެ އެރަށަށް އެމްބަސީ ބަދަލު ކުރަން އެމެރިކާއިން ނިންމި ނިންމުމެވެ.
އެމެރިކާގެ ނިންމުން ކުށްވެރިކުރަން އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސް ކުރަން އުޅެގެން އެކަން ނުވީ އެ ގައުމުން ވީޓޯ ކުރުމުންނެވެ. އެހެންވެ އަރަބި ގައުމުތަކުން ދެން ގަރާރު ވެއްދީ އާއްމު މަޖިލީހަށެވެ. އެކަމުގައި ރާއްޖޭން އިސް ދައުރެއް އަދާކޮށް ގަރާރު ކޯސްޕޮންސާ ކުރިއެވެ.
އެމެރިކާއިން އެދުވަހު ބުނަމުން ދިޔައީ "އެމެރިކާއާ ދެކޮޅަށް ވޯޓްލާ ގައުމުތަކުގެ ނަން ނޯޓް ކުރާނެ" ކަމަށެވެ. އެ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އެގައުމުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވި އެވެ.
"އެމީހުން އެތައް މިލިޔަންް ޑޮލަރެއް، އެތައް ބިލިޔަން ޑޮލަރެއް ވެސް ނަގާ. އަދި އެމީހުން އަހަރެންނާ ދެކޮޅަށް ވޯޓު ދޭނެ. އެމީހުން އަހަރެމެންނާ ދެކޮޅަށް ވޯޓު ލިޔަދީ. އަހަރެމެންނަށް ބޮޑު އެއްޗެއް ސަލާމަތް ކުރެވޭނެ. އަހަރެމެން އަޅައެއް ނުލާނަން،" ޓްރަމްޕް އޭރު ވިދާޅުވިއެވެ.
އެހެންވީމާ ރާއްޖެއާ މެދު ނެރުނު ޓްރެވެލް އެޑްވައިޒަރީއަކީ އަދަބު ދިނުމުގެ ފިޔަވަޅެއް ނޫންތޯ ސުވާލު އުފެދެ އެވެ. އެހެން އެކަން ވެއްޖެ ނަމަ އަދި ވަރަށް ފަސޭހައިން އެޅިދާނެ އެހެން ފިޔަވަޅެއްވެސް އެބަ އޮތެވެ.
އިގުތިސޯދާއި ވިޔަފާރީގެ ދާއިރާއިން އެމެރިކާއާ ރާއްޖެއާ ދެމެދު އޮތް އެންމެ މުހިއްމު އެއްބަސްވުމަކީ ޖެނެރަލައިޒްޑް ސިސްސްޓަމް އޮފް ޕްރިފަރެންސަސް ޕްރޮގްރާމް (ޖީއެސްޕީ) ގައި ބައިވެރިވުމުގެ އެއްބަސްވުމެވެ. ޖީއެސްޕީ ޕްރޮގްރާމުން ލިބޭ ފުރުސަތަކީ އެމެރިކާއިން ކަނޑައަޅާ އުފެއްދުންތަކެއް ޑިއުޓީއަކާ ނުލައި އެގައުމަށް އެކްސްޕޯޓް ކުރުމެވެ.
އެ ޕްރޮގްރާމަށް އެމެރިކާ ޕާލަމެންޓުން އެންމެ ފަހުން ރުހުން ދީފައި ވަނީ 2015 ވަނަ އަހަރު އެވެ. އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާ އެކަން ތަސްދީގު ކުރެއްވީ އެއަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމްގެ މުއްދަތު މިދިޔަ ޑިސެމްބަރުމަހުގެ 31 ވަނަަ ދުވަހު ވަނީ ހަމަވެފަ އެވެ. އެމެރިކާ ޕާލަމެންޓުން އޭގެ ފަހުން އަދި އެކަމާ މެދު ގޮތެއް ނުނިންމަ އެވެ.
ކަން މިހެން ހުރި އިރު އެމެރިކާ ޕާލަމެންޓުގެ ދެ ގޭގައި ވެސް މެޖޯރިޓީ އޮތީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށެވެ. އަދަބު ދިނުމުގެ އެހެން ފިޔަަވަޅެއްގެ ގޮތުގައި އެ ޕްރޮގްރާމް ހުއްޓައިލުމަކީ ވެސް ވެދާނެ ކަމެކެވެ. އެހެނީ އެ ޕްރޮގްރާމްގައި ބައިވެރިވާ ގިނަ ގައުމުތަކަކުން ވަނީ ގުދުސް ގަރާރަށް ވޯޓުދީފަ އެވެ. އޭގެ ތެރޭގައި އަވަށްޓެރި ސްރީލަންކާ ވެސް ހިމެނެ އެވެ.