ބިޒްނަސް އަދި ސްޕެޝަލް ވިސާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމުތައް، މިއަދުން ފެށިގެން އީމެއިލް މެދުވެރިކޮށް ހުށަހެޅޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަން އިން ހަމަޖައްސައިފި އެވެ.
އިމިގްރޭޝަނުން ބުނީ ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގެ ދަށުން ރާއްޖެ ގެނަން ބޭނުންވާ ބިދޭސީންގެ އެޕްލިކޭޝަން ފޯމާއެކު ލިޔުންތައް އެ ބިދޭސީއަކު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ތާރީހުގެ ފަސް ދުވަސް ކުރިން އިމިގްރޭޝަނަށް މެއިލް ކުރަން ޖެހޭ ކަމަށެވެ. އަދި އެޕްރޫވްވެފައިވާ ކަން ނުވަތަ ނޫންކަން ބަޔާންކޮށް ޖަވާބެއް ވެސް އީމެއިލް މެދުވެރިކޮށް ލިބޭނެ ކަމަށާއި ނަމަވެސް މައުލޫމާތު ފުރިހަމަ ނުވާ ލިޔުންތަކާއި އެޕްލިކޭޝަންތައް ރިޖެކްޓުވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ބިދޭސީން ގެންނަ ވިސާ ހަމަޖެހިފައިވާ ކަމުގެ އީމެއިލް ލިބުނުން އެ މީހާ ރާއްޖެ އައުމުގެ ގަޑިއިރެއް ކުރިން އެކަމާ ގުޅޭ ލިޔުންތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަނަށް ހުށަހަޅާ ވިސާ ފީ ދައްކަން ޖެހޭ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.