އިދިކޮޅު ފަރާތްތައް

މަޖިލީހުގައި ހިމެނޭ އިދިކޮޅު މެންބަރުން މައުމޫނު އަރިހަށް

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގައި ތިއްބެވި މަޖިލީސް ތަމްސީލް ކުރައްވާ މެންބަރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ބައްދަލު ކުރެއްވުމަށް އެމަނިކުފާނު ދިރިއުޅުއްވާ އެނދެރިމާ ގެއަށް ވަޑައިގެންފި އެވެ.

އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް މަޖިލީސް މެންބަރުން މައުމޫނާ ބައްދަލު ކުރެއްވުމަށް ވަޑައިގަތީ، 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި މައްސަލާގައި ހަތަރު ލީޑަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ލިޔުނު ސިޓީއެއް އެ ކޯޓަށް ހުށަހެޅުމަށް ފަހު އެވެ.

އެ މެންބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިތުރު މެންބަރުުންތަކެއް ވެސް ވަނީ ރައީސް މައުމޫނާ ބައްދަލު ކުރެއްވުމަށް އެ ގެއަށް ވަޑައިގެންފަ އެވެ.

ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން، މަޑުއްވަރީ ދާއިރާގެ މެންބަރުކަމުން ވަކިކޮށްފައިވާ ކަމަށް ކަނޑައަޅާފައިވާ މުހައްމަދު އަމީތު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ސިޓީ ހުށަހެޅުމަށްފަހު ރައީސް މައުމޫންއަށް އޭގެ އަޕްޑޭޓް ދެއްވާފައިވާ ކަމަށެވެ. ރައީސް މައުމޫންއަށް އަޕްޑޭޓް ދެއްވީ، އެންދެރިމާގޭގައި މެންބަރުންނާއި ލީޑަރުންގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ކަމަށެވެ.

އެ މެންބަރުން ރައީސް މައުމޫންއާ ބައްދަލު ކުރައްވާއިރު އާ އަހަރުގެ އަމާޒަކަށް މައުމޫން ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީސް މިނިވަން ކުރުމާއި ގޮނޑި ގެއްލިފައިވަ ކަމަށް ކަނޑައަޅާފައި ހުރި މެންބަރުންގެ މެންބަރުކަން ކަށަވަރުކޮށްދީ، ގޮނޑިތައް ހިމާޔަތް ކުރުމެވެ. ނަމަވެސް އެކަން ކުރައްވާނެ ގޮތުގެ ތަފްސީލެއް މައުމޫން މިހާތަނަށް ވިދާޅުވެފައެއް ނުވެ އެވެ.