މިއަހަރަކީ ދިވެހި ފިލްމީ ދާއިރާއަށް ވަރަށް ބިޒީ އަހަރަކަށްވާނެ އެވެ. މި އަހަރު ދިވެހި ސިނަމާއަށް އަންނާނެކަމަށް ބެލެވޭ ފިލްމުތަކުގެ އަދަދު މިހާރު 20އާ ގާތްކުރެ އެވެ. މި އަދަދަށް މިއަހަރު ފިލްމުތައް ސްކްރީން ކޮށްފިނަމަ ވާނީ ބޮޑު ރެކޯޑަކަށެވެ. އެއީ އަދި މިހާތަނަށް ދިވެހި ސިނާމާގައި މިހާ ގިނަ އަދަދެއްގެ ފިލްމުތަކެއް އެއް އަހަރު ތެރޭގައި ރިލީޒްކޮށްފައި ނުވާތީ އެވެ.
މި ވާހަކަ އެއް ފަރާތްކޮށްފައި ދެން ދައްކަންވީ މި ގިނަ ފިލްމުތައް ކުޅޭނެ ތަރިންގެ ވާހަކަ އެވެ. މިހާ ގިނަ އަދަދެއްގެ ފިލްމުތައް އޮތުމާއެކު ތަރިންނަށް ވެސް ވާނީ ބިޒީ އަހަރަކަށެވެ. ބައެއް ފިލްމުތަކުގެ ޝޫޓިން ކުރިއަށް ދާއިރު، އަނެއް ބައި ފިލްމުތަކުގެ ޝޫޓިންއަށް ދިއުމަށް އަންނަނީ ދަތުރު ހަދަމުންނެވެ.
ކޮންމެ ގޮތެއް ވިޔަސް މި އަހަރު އެންމެ ބިޒީވާނެ ތަރިންނަކީ ކޮބައިތޯ ބަލައިލަން ހިނގާށެވެ. އެ ގޮތުން މި އަހަރު އެންމެ ބިޒާވާނެ ބައެއް ތަރިންގެ ވާހަކަތައް ކިޔާލަން ހިނގާށެވެ.
އައްޒަ
ބިރުވެރި ފިލްމު "4426" ގައި ދެއްކި ކުޅަދާނަ ރޯލާއެކު މަރިޔަމް އައްޒަ އަކީ މިހާރު ދިވެހި ފިލްމީ އުދަރެހުގައި އެންމެ ގަދަޔަށް ވިދާ ތަރި އެވެ. އައްޒަގެ ކާމިޔާބު 3 ފިލްމެއް ފާއިތުވި އަހަރު ދައްކާފައިވާއިރު މި އަހަރުވެސް އެ ވިދާ ތަރި ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ތަރީގެ ވިދުން މި އަހަރު ދެ ގުނަ އަށް އިތުރަށް ގަދަވެގެންދާނެ އެވެ.
އައްޒަގެ އެންމެ އަވަހަށް އޮތް މަސައްކަތަކީ މީގެ 16 އަހަރުކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން އަބްދުﷲ މުއާޒު (މުއާ) އުފައްދާ ފިލްމު "ލީނާ" ގެ މަސައްކަތެވެ. މި ފިލްމުގެ ޝޫޓިންއަށް އައްޒަ މި މަހުގެ ތެރޭގައި ފުރާނެ އެވެ.
"ލީނާ" އަށްފަހު ދެން އޮތީ އައްޒަގެ އައިލީ ޕްރޮޑަކްޝަން، ޔާރާ ޕްރޮޑަކްޝަންގެ ފިލްމެއްގެ އިތުރުން މުހައްމާގެ ފިލްމެއްގެ މަސައްކަތެވެ. މި ދެ ފިލްމާއި ގުޅޭ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައިނުވެ އެވެ.
މީގެ އިތުރުންވެސް ދެ ޕޮރިޖެކްޓެއްގެ ވާހަކަތައް ދެކެވެމުންދާ ކަމަށާއި، ނަމަވެސް މިހާރު 3 ފިލްމެއްގެ މަސައްކަތް ކުރިއަށް އޮތުމުން އެ ޕްރޮޖެކްޓުތަކާއި މެދު ވަކި ގޮތެއް ނިންމަނީ މަސައްކަތް ކުރިއަށް ދާގޮތައް ބަލާފައި ކަމަށް އައްޒަ ބުންޏެވެ.
ބޮޑު ސްކްރީންގައި އައްޒަ ބިޒީވާނެކަން ކަށަވަރުވެފައިވާއިރު، ކުޑަ ސްކްރީނުގައި ވެސް މަސައްކަތެއް އޮތުމާއެކު އައްޒައަށް މަޑު ޖެހިލާނެ ވަގުތެއް ނެތެވެ. މިދިޔަ އަހަރު ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު އައިސް ޓީވީން ގެނެސްދިން އައްޒަގެ ޓޯކް ޝޯ "އަޒޯނާ" ގެ ދެ ވަނަ ސީޒަންވެސް މިއަހަރު ބެލުންތެރިންނާ ހަމައަށް އަަންނާނެވެ.
ފަސް ފިލްމެއްގެ މަސައްކަތާއި ރިއަލިޓީ ޝޯއެއްގެ މަސައްކަތްތަކާއެކު އައްޒަ ވެގެންދާނީ މި އަހަރު ދިވެހި ފިލްމީ އުދަރެހުގައި އެންމެ ބިޒީވާނެ އެއް ތަރިއަށެވެ.
ދޮން އައްޔަ
އަލީ އާޒިމް (ދޮން އައްޔަ) އަކީ މިހާރު ދިވެހި ފިލްމީ އުދަރެހުގައި ބާރަށް ފިޔަޖަހަމުން އަންނަ ތަރިއެކެވެ. މިފަހުން ނިކުތް ގިނަ ފިލްމުތަކުން އޭނާ ފެނިގެން ގޮސްފައިވެ އެވެ. މިދިޔަ އަހަރު ނިކުތް އެންމެ ބޮޑު ދެމި ފިލްމުކަމަށްވާ "ބޮސް" އަދި "ހައްދު" ގައި އޭނާ ކުޅެފައިވާ ރޯލުން ގިނަ ބައެއްގެ ލޯބި ހޯދާފައިވެ އެވެ.
އައްޔަގެ ޖުމްލަ 6 ފިލްމެއްގެ މަސައްކަތް މި އަހަރަށް ތާވަލުކުރެވިފަ އެބަ އޮތެވެ. އެގޮތުން އެންމެ އަވަހަށް ފެންނާނީ މި އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޔޫސުފް ޝަފީޢު (ޔޫއްޕެ) ލިޔެ ޑައިރެކްޓުކުރާ ފިލްމު "ދެވަންސޫރަ" އިންނެވެ. މިއީ މިއަހަރު ރިލީޒްކުރާ ފުރަތަމަ ފިލްމެވެ. ކްރައިމް ތްރިލާ މި ފިލްމުން އައްޔަގެ ތަފާތު ރޯލެއް ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ މަހު ހައެއް ގަ އެވެ.
އައްޔަ މިހާރު ހުރީ އޭނާގެ ކުރިއަށް އޮތް ފިލްމެއް ކަމަށްވާ "40 ޕްލަސް" ގެ ޝޫޓިންއަށް ތ. ބުރުނީގަ އެވެ. މި ފިލްމަކީ މި ދިޔަ އަހަރު އެޅުވީ "ނޯޓީ 40" ގެ ސީގުއެލް ފިލްމެކެވެ. "ނޯޓީ 40" އިންވެސް އައްޔަ ފެނިގެން ގޮސްފައިވެ އެވެ.
"ނޯޓީ ޕްލަސް" ގެ ޝޫޓިން ނިންމާލުމަށްފަހު އައްޔަ ދެން ފުރާނީ މިހާރު ވަރަށް ގަދައަށް ދިވެހި ސިނަމާގައި ވާހަކަދެކެވެމުންދާ ފިލްމު "ލީނާ" ގެ ޝޫޓިން އަށެވެ. މި ފިލްމުގައި އައްޔަ ފެނިގެންދާނީ ކޮން ރޯލަކުންކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
މުހައްމަދު ފައިސަލް ޑައިރެކްޓުކުރާ "ހައްޔަރު" ފިލްމުންވެސް އައްޔަ ފެނިގެންދާނެ އެވެ. މީގެ އިތުރުން އަދި ތަފްސީލު ހާމަކޮށްފައިނުވާ ޔާރާ ޕްރޮޑަކްޝަންގެ ފިލްމަކުންވެސް އައްޔަ އަށް ފުރުސަތު ލިބިފައިވެ އެވެ.
ޖުމަލް
މިދިޔަ އަހަރު ދިވެހި ފިލްމް އެވޯޑްސް އިން އެންމެ މޮޅު ބަތަލްއަށް ހޮވުނު ޖުމަޔިލް ނިމާލް (ޖުމަލް) ގެ ވެސް ތިން ފިލްމެއްގެ މަސައްކަތް މި އަހަރަށް ތާވަލުކުރެވިފަ އެބަ އޮތެވެ.
އެގޮތުން ޖުމަލް މިހާރު ތައްޔާރުވަމުންދަނީ މިއަހަރު ނިކުންނާނެ އޭނާގެ ފުރަތަމަ ފިލްމު، ޑާކްރެއިންގެ "ވަކިން ލޯބިން" އަށެވެ. ފިލްމުގައި ޖުމަލް ފެނިގެންދާނީ މަޖޫ އާއެކޮށެވެ. މިއީ އެ ދެ މީހުން އެއްކޮށް ފެންނާނެ ތިން ވަނަ ފިލްމެވެ.
މީގެ އިތުރުން ހަމަ ޑާކްރެއިންގެ އިތުރު ފިލްމެއްގެ މަސައްކަތް ޖުމަލް ދަނީ ކުރަމުންނެވެ. އެއީ ޑާކްރެއިންގެ ރަސްމީ ތާރީހު އޭޕްރީލް ފަހެއްގައި ރިލީޒް ކުރަމަށް ހަމަޖެހިފައިވާ "ގޮއްރާޅު" ފިލްމުގެ މަސައްކަތެވެ. ރަސްމީކޮށް އަދި އިއުލާން ކޮށްފައި ނުވާ އިތުރު ފިލްމެއްވެސް ވަނީ އޭނާއަށް ލިބިފަ އެވެ.
ރިޝްމީ
ސާކް ފިލްމު ފެސްޓިވަލް 2017 ގައި އެންމެ މޮޅު ބަތަލާގެ ޝަރަފު ހޯދީ އައިޝަތު ރިޝްމީ އަށްވެސް މި އަހަރަކީ ބިޒީ އަހަރެކެވެ. ފިލްމު "ވިޝްކާ" ގެ ކަމީޔާބީއާކު އޭނާ މިހާރު ދަނީ ހަމަ އެކަހަލަ ވަރުގަދަ ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.
އައިލީ ޕްރޮޑަކްޝަން "ޔާރާ ޕްރޮޑަކްޝަން" ފިލްމެއްގެ މަސައްތަކެއްވެސް ކުރިއަށް އޮތްއިރު ރިޝްމީއަށް އިތުރު ދެ ފިލްމަކުން ވަނީ ފުރުސަތު ލިބިފަ އެވެ. އެ ފިލްމުތައް އަދި ރަސްމީކޮށް ލޯންޗުކޮށްފައެއް ނުވެ އެވެ.
އަޒޫ
ދިވެހި ސިނަމާގައި މިހާރު ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ފާތުމަތު އަޒީފާ (އަޒޫ) އޭނާގެ ރޯލުތަކުން ގިނަ ބައެއްގެ ސަމާލުކަން ދަމައިގަންނަމުން އަންނަ ތަރިއެކެވެ. މިދިޔަ އަހަރު އެޅުވި އެންމެ ކާމިޔާބު ފިލްމުތަށް ކަމަށްވާ "ނޯޓީ 40" އަދި "ބޮސް" ގައި އަޒޫ ދައްކައިދިން އެކްޓިންނަށް ގިނަ ބައެއް ތައުރީފު ލިބުނެވެ.
އެންމެފަހުން ބޭއްވި ދިވެހި ފިލްމު އެވޯޑްސްގައި ކުރު ފިލްމުގެ ކެޓަގަރީން އަޒޫ އަށް ވަނީ އެންމެ މޮޅު އެކްޓްރެސް އަދި އެންމެ މޮޅު ސަޕޯޓިގް އެކްޓްރެސްގެ އެވޯޑުވެސް ލިބިފަ އެވެ.
މިއަހަރު ނިކުންނާ އަޒޫގެ ފުރަތަމަ ފިލްމަކަށްވާނީ މި އަންނަ މަހު ހައެއްގައި އަޅުވާ ފިލްމު "ދެވަންސޫރަ" އެވެ. މިއީ މި އަހަރު ފުރަތަމަ ފިލްމަށްވާއިރު، މި ފިލްމުގައި އަނެއްކާވެސް އަޒޫގެ ތަފާތު ރޯލެއް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.
އަޒޫ މިހާރު ހުރީ މި އަހަރު ނިކުންނާނެ އޭނާގެ ދެ ވަނަ ފިލްމު "ނޯޓީ ޕްލަސް" ގެ ޝޫޓިންއަށް ތ. ބުރުނީގަ އެވެ. މިދިޔަ އަހަރުގެ ކާމިޔާބީތަކާއެކު އަޒޫގެ އިތުރު ފިލްމުތަކެއް މި އަހަރު ފެންނާނެ ކަމަށް އުއްމީދުކުރެވެ އެވެ.
ގިނަ ފިލްމުތަކެއް ތާވަލުކުރެވިފައި ހުރުމާއެކު ގިނަ އަދަދެއްގެ ތަރިންގެ މަސައްކަތްތައް މި އަހަރު ފެނިގެންދާނެ ކަމަށް ބެލެވެ އެވެ. ދާއިރާއަށް މުޅިން އާ ތަރިންތަކެއްވެސް މި އަހަރު ތައާރަފުވެސް ވާނެ އެވެ. މިއާއެކު މިއަހަރު ވެގެންދާނީ ދިވެހި ސިނާމާގައި ވާދަވެރި އަހަރަކަށެވެ.