މިއަހަރު ދިވެހި ސިނާމާއަށް ގިނަ ފިލްމުތަކެއް ތާވަލުކޮށްފައި އޮތް އިރު އެ ލިސްޓްގެ އެންމެ ކުރިން ޖާގަ ހޯދާ ފިލްމަކަށް ވާނީ "ދެވަންސޫރަ" އެވެ. އެ ފިލްމް ރިލީޒްކުރުމަށް ކުރަންޖެހޭ އެންމެފަހުގެ ތައްޔާރީތައް ރެޔާ ދުވާލު އެދަނީ ކުރިއަށެވެ.
ބޮޑު ގަތުލެއްގެ ހަގީގަތް ހޯދުމަށް ބަޔަކު ކުރާ މަސައްކަތް ދައްކުވާއިދޭ ސަސްޕެންސް ތްރިލާ މި ފިލްމުވެގެންދާނީ ވަރަށް ހާއްސަ ފިލްމަކަށެވެ. މި ފިލްމުގެ ތަފާތު ރޯލުތަކުން 21 ތަރިން ފެނިގެންދާނެ އެވެ.
މިދިޔަ އަހަރު އެޅުވި "ނޯޓީ 40" އަށްފަހު ޔޫއްޕެ ޑައިރެކްޓުކުރި މި ފިލްމުގައި، ޔޫއްޕެގެ މުހިއްމު ރޯލެއްވެސް ފެނިގެންދާނެ އެވެ. މި ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ ފާތުމަތު އާޒިފާ (އަޒޫ)، މުހައްމަދު ފައިސަލް، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު ސައީދު، އަލީ ޝަޒްލީމް، އިބްރާހީމް ޖިހާދު (ޖިމީ)، އަލީ އާޒިމް (ދޮން އައްޔަ)، ޖާދުﷲ އިސްމާއީލް (ޖާދު)، އަދި އަހުމަދު އީސަ (އާނަންދު) ފަދަ ތަރިން އެވެ. އަދި އަލަށް މި ދާއިރާއަށް ތައާރަފުވާ ދެ ތަރިޔަކުވެސް ފެނިގެންދާނެ އެވެެ.
ފިލްމުގެ އެއް ލީޑް އެކްޓަރު، ފައިސަލް "އަވަސް"އަށް ބުނީ މި ފިލްމުގެ ވާހަކައަކީ ވަރަށް ބުރަ މަސައްކަތްކޮށްގެން ތައްޔާރުކޮށްފައި އޮތް ވަރުގަދަ ވާހަކައަކަށް ވާނެ ކަމަށެވެ.
"މިއީ ޔޫއްޕެގެ ފޭވަރިޓް ޖޯންރާއަށް ތައްޔާރުކުރާ ފިލްމެއް. ޔޫއްޕެ ވަރަށް ހާއްސަ އިސްކަމެއް ދީގެން މި ފިލްމު ތައްޔާރުކޮށްފަ މި އޮތީ." މި ފިލްމު ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް ބުނަމުން ފައިސަލް ބުންޏެވެ. "ޔޫއްޕެ ހިތް ހަމަޖެހޭ ވަރަށް އެކްޓު ނުކުރެވިގެން ބައެއް ތަރިން ބަދަލުކުރަންވެސް ޖެހުން. ވަރަށް މަސައްކަތް މީ."
ފިލްމުގެ ކާސްޓުންގެވެސް ވަރަށް ފުރިހަމަ މަސައްކަތެއް ފެނިގެންދާނެ ކަމަށް ފައިސަލް ބުންޏެވެ. "ހުރިހާ ތަރިންވެސް ވަރަށް ޗެލެންޗިން ރޯލުތަކަކުން ފެނިގެންދާނީ."
މި ފިލްމު ބަލަން ކެއްމަދުވެފައި ތިބި ފަރާތަތްކަށް މިހާރު ފިލްމުގެ ޓިކެޓް އޮލިމްޕަހުން ލިބެންހުންނާނެ އެވެ. ފިލްމު ރިލީޒްކުރާނީ އަންނަ މަހު 6 ގަ އެވެ.