އިނގިރޭސިވިލާތުގައި އެކަނިވެރި މީހުނަށް ހާއްސަކޮށްގެން މިނިސްޓަރަކު ހަމަޖައްސައިފި އެވެ. އެކަނިވެރިންނަށް މިނިސްޓަރަކު ހަމަޖެއްސީ އެ ގައުމުގެ ބޮޑު ވަޒީރު ތްރޭސާ މޭ ގެ ހާއްސަ ސިޔާސަތެއްގެ ދަށުންނެވެ.
މި މިނިސްޓަރު އުފައްދަން ހިޔާލުދިނީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއިން އަނިޔާވެރިކޮށް 2016 އަހަރު މަރާލި އިނގެރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޖޯ ކޯޒް އެވެ. ޖޯ ވެސް ވަނީ އޭނާގެ ހަޔާތުގައި އެކަނިވެރި ދުވަސްތަކެއް ތަހައްމަލުކޮށްފަ އެވެ.
ބޮޑު ވަޒީރު މޭ ރަސްމީކޮށް އެ މާގަމަށް މިނިސްޓަރަކު ހަމަޖެއްސެވީ ޖޯ ގެ މަރުގެ ހަނދާނުގައި އިއްޔެ ބޭއްވި ހާއްސަ ހަފުލާއެއް ގެ ތެރެއިންނެވެ. މޭ ބުނެފައިވާނީ މި މިނިސްޓަރު ހަމަޖެއްސީ ޖޯ ގެ ލެގަސީ ދެމެހެއްޓުމަށްޓަކަ އެވެ. މި މަގާމަށް ހަމަޖައްސާފައިވާނީ އިނގެރޭސިވިލާތުގެ މިހާރު ސްޕޯޓްސް އަދި ސިވިލް ސޮސައިޓީގެ މިނިސްޓަރުކަން ކުރައްވަމުންގެންދާ ޓްރޭސީ ކްރައުޗް އެވެ.
ބޮޑު ވަޒީރު މޭ ވިދާޅުވީ އެ ގައުމުގައި އަޅާލާނެ އެއްވެސް މީހެއް ނެތް އުމުރުން ދުވަސްވީ މީހުންނާއި، އައިލާތަށް ގެއްލިފައި ތިބި ކުދި ބޮޑު އެތައް ބަޔަކު އުޅެމުންދާ ކަމަށެވެ. އަދި އެމީހުނަށް ހާއްސަކޮށް މިނިސްޓަރަކު ހަމަޖެހިގެންދިޔުމުން އެ މީހުންގެ އުދާސްތައް އެހެން މީހުނާއި ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެ ގައުމުގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެކަނިވެރިކަން ތަހައްމަލުކުރާ ނުވަ މިލިއަނަށްވުރެ ގިނަ މީހުން އެ ގައުމުގައި ދިރިއުޅެމުން އެބަދެ އެވެ. އަދި އޭގެ ތެރެއިން އުމުރުން ދުވަސްވީ 200 ހާސް މީހުން، އެ މީހުންގެ އައިލާގެ އެއްވެސް މީހަކާއި މުއާމަލާތް ނުކުރާތާއި މަހަކަށްވުރެ ގިނަ ދުވަސްވެފައިވެ އެވެ.