ލައިފްސްޓައިލް

ހިނީގެ ދުއްތުރާއިން ސަލާމަތްވާން ކުރަންވީ މިކަންތައްތައް!

ކިތައްމެ ކުޑަ ސުއިޕަކަސް ހިންޔަކީ އޭގެ އުނދަގޫ ޖެހިޖެއްޔާ ރެކެން އުނދަގޫ އެއްޗެކެވެ. ގޭގޭގެ ތަޅުންމައްޗާއި، ބަދިގެޔާއި، ކޮޓަރިތަކާއި، އެތަން މިތަނުގައި ބައެއް ފަހަރު ހިނީގެ އުނގަދޫ ނިކަން ބޮޑެވެ.

ހާހެއްހާ ހަނގުރާމަވެރިންގެ ފައުޖެއް ގޮވައިގެން މި ސޮރުމެން ބޭންޖަހާފައި ގޮއްސަ އެންމެ ގިނައިން ހަމަލާދޭނީ ގޭގައި ތައްޔާރުކޮށްފައި ހުންނަ މީރު ކާނާ އަށެވެ. ކާއެއްޗެއް ފެނުމުން އަހަރެމެން ދެ ލޯ ބޮޑުވާ ބީދައިންނެވެ. މި ސޮރުމެއް އަންނަ ދިމާލެއްވެސް ނޭނގޭނެ އެވެ. ގިނަ ފަހަރަށް އަހަރެމެންނަށް ރޭކާލާނީވެސް ކާނާ ކޮޅު ފަތަހަކުރާ ފަހުންނެވެ.

އަދި އިނގޭތަ؟ ހިނީގެ ރާނީއަކަށް އެއް ފަހަރާ މިލައަނުން ދަރިން ވިހާލެވެ އެވެ. އެހެންކަމުން ކިތައްމެ ގިނަ ހިންޔެއް މެރިޔަސް، އޭގެ ކިބައިން ފަސޭހައިން ސަލާމަތެއް ނުވެވޭނެ އެވެ. ދެންޖޭހޭނީ ހަނގުރާމައެއް ފަށާށެވެ.

ހިނިން ސަލާމަތްވުމަށް މާބޮޑު ހަރަދެއް ނުކޮށް ގޭގައި އާންމުކޮށް ބޭނުންކުރާ ބައެއް ތަކެތި ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ފަސޭހައިން އެ ސޮރުމެން ކިބައިން ސަލާމަތްވެވިދާނެ އެވެ. އެގޮތުން ދެވިދާނެ ހަތަރު އެޓޭކެއް ހިއްސާކޮށްލާނަމެވެ.

ވިނެގާ

ވިނެގާ އަކީ "ހޯމް ރެމެޑީސް" ގެ ރަސްގެފާނެވެ. އެހެންކަމުން ގޭގައި އަބަދުވެސް ވިނެގާ ފުޅިއެއް ހުރުން މުހިންމެވެ.
ވިނެގާ އާއި ފެނާ ހަމައެއް މިންވަރަކަށް އެއްކުރުމަށްފަހު، ބަދިގޭގެ ކަބަނޑުތަކާއި މޭޒުފަދަ ތަންތަނާއި އަދި އެންމެ ގިނައިން ހިނި ފެންނަ ތަންތަނުގައި އުނގުޅާށެވެ. ވިނެގާ ވަހަކީ ހިނި ނިކަން ރުޅި އަންނަ ވަހެކެވެ. ވިނެގާގެ ވަސްޖެހުމުން ހިނިތައް ފިލާނެ އެވެ.

ލުނބޯ އަދި އޮރެންޖު ތޮށި

ލުނބޯ އަދި އޮރެންޖު ތޮށި ނެއްޓުމަށްފަހު ހިނި ގާތްވާ ތަންތަނުގައި ބަހައްޓާށެވެ. މި ތަކެތީގެ ތޮށީގައި ހިނި ކާ ބާވަތުގެ "ފަންގައި" ގެ ނުބައި ވަތްތަރުތައް އެކުލެވެ އެވެ. އެހެންކަމުން ހިނިތައް ބަލާނީ މިއާ ވީހާވެސް ދުރުން އުޅެވޭތޯ އެވެ. ކިއުކަންބާގެ ތޮށިވެސް މިގޮތައް ބޭނުންކުރެވިދާނެ އެވެ.

ފުއް

ފުށާކީވެސް ހަމަ ހިނިތައް ކަނޑިއާއި ކަނޑިވާ އެއްޗެކެވެ. ހިނި ގާތްވާހެން ހީވާ ތަންތަނަށް ފުއްކޮޅެއް އަޅާލާފައި ބަހައްޓަބަލާށެވެ. ތަފާތު ފެންނާނެ އެވެ.

ލޮނު

އާންމުގޮތެއްގައި ހިނީގެ ފައުޖުތައް ގޭތެރޭގައި ދަތުރުކުރާ މިސްރާބުތަކަށް ލޮނު ކޮޅެއް އަޅާލުމަށްފަހު ދެން ވާގޮތެއް ބަލާލަބަލާށެވެ. ލޮނު ކޮޅުތައްވާނީ އެ ތަކެތީގެ ދަތުރުމަތީގެ ތޫފާނަކަށެވެ. ދެންޖެހޭނީ އެ ސޮރުމެންނަށް އަނބުރާދާންށެވެ.

އަޖުމަ ބަލާލުމަށް މި ހިއްސާކޮށްލި ކަންތައްތަައް ތިބޭފުޅުން ގޭގައި ކޮށްލައްވާށެވެ. ނަސްރު ލިބޭނެކަމަށް އުއްމީދުކުރަމެވެ.