ހަބަރު

ކަސްޓަމާއި ފުލުހުން ގާސިމްގެ ރިސޯޓުތައް ފާސް ކުރަނީ

Jan 17, 2018
19
  • މިއީ ޖެއްސުމުގެ އަމަލެއް ކަމަށް ފެންނަނީ: ގައިސަރު
  • ހުރިހާ ރިސޯޓަކުން ވެސް ދަނީ އެއްބާރުލުން ދެމުން
  • ބަލަނީ ރަލާއި އޫރު މަހުގެ ސްޓޮކާއި ބޭނުން ކުރި ގޮތް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގާ ރިސޯޓުތަކަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ފުލުހުން ހިމެނޭ ޓީމްތަކެއް މިރޭ އަރައި އެ ރިސޯޓްތައް ފާސް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކަސްޓަމްސްއިން ހިންގާ އޮޕަރޭޝަނެއްގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ކަސްޓަމްސްގެ ބަހެއް އެކަމާ ގުޅޭ ގޮތުން ނުލިބުނެވެ. ނަމަވެސް ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި ރިސޯޓްތަކުގެ ތަންތަން ބަލައި ފާސް ކުރަނީ ވެސް ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.

ފާސް ކުރަމުން ދަނީ ރޯޔަލް އައިލެންޑާއި ފަން އައިލެންޑާއި ޕެރަޑައިސް އާއި ހޮލިޑޭ އައިލޭންޑް އަދި ސަން އައިލެންޑެވެ.

އެގޮތުން ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުން ހިމެނޭ ޓީމްތަކުން ގާސިމްގެ ފަސް ރިސޯޓަކަށް އެއްވަގުތެއްގައި އަރައި ގެންދަނީ ފާސް ކުރަމުން އެވެ. އެ ކުންފުނިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ، އެ ޓީމުން ހިންގާ އޮޕަރޭޝަންގައި ބަލަމުން ގެންދަނީ އެ ކުންފުނިން ހިންގާ ރިސޯޓްތަކުގައި އޫރުމަހާއި ރާ ބޭނުން ކުރަމުން ދާ ގޮތް ކަމަށެވެ.

ވިލާގެ ރިސޯޓްތައް މެނޭޖް ކުރެއްވުމުގައި މިހާރު އިސްވެ ހުންނަވާ ގައިސަރު ނަސީމް މިރޭ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ވިލާގެ ހުރިހާ ރިސޯޓަކަށް މިރޭ 7:30 ގައި ފުލުހުންނާއި ކަސްޓަމްސްގެ ޓީމްތައް އެއްފަހަރާ އަރާ ފައިވާ ކަމަށާއި އެ ފަރާތްތަކުން ބޭނުން ވަނީ އެ ރިސޯޓްތަކުގައި ރަލާއި އޫރު މަސް ބޭނުން ކުރާ ގޮތާއި ކުރާ މީހުންނާއި އެތަކެތީގެ ސްޓޮކް ހުރި ވަރެއް ބެލުމަށް ކަމަށާއި އެގޮތުން ބާތަކާއި ސްޓޯރްތައް ބަލަމުން ގެންދާ ކަމަށެވެ. މިހާރުވެސް ހުރިހާ ރިސޯޓެއްގައި އޮޕަރޭޝަން ކުރިޔަށް އެބަދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ އެއްބާރުލުން ދެމުން، އެހެން ނަމަވެސް މިއީ ވަރަށް އާދަޔާހިލާފު ކަމެއްގެ ގޮތުގައި މި ފާހަގަ ވަނީ،" އޭނާ ވިދާޅުވި އެވެ.

ގައިސަރު ވިދާޅުވީ ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމްގެ ފަސް ރިސޯޓަށް އެއް ފަހަރާ ފުލުހުންނާއި ކަސްޓަމްސް އިން އަރައި ފާސް ކޮށް ހަދަން ފެށުމުން މުވައްޒަފުންނާއި ޓޫރިސްޓުންނަށް ވެސް ނަފުސާނީ ގޮތުން އަސަރުކޮށް ސުވާލު އުފައްދަމުން އަންނަ ކަމަށެވެ. ބައެއް ޓޫރިސްޓުން ސިހި ބިރުގެންފައިވާ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ މިއީ ސިޔާސީ ގޮތުން އަންނަ ޖެއްސުމެއްހެން، އެހެން ނޫނީ މިފަދަ މިހާ ބޮޑު އޮޕަރޭޝަނެއް ނުދާނެ، މިއީ ޓޫރިޒަމަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމެއް، މި ވާހަކަތައް ފެތުރި ގަތުމާއެކު، މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ގެއްލުންވާނެ، މިވަގުތު ފަސް ރިސޯޓްގެ ހާލަތު ވެސް އޮތީ ނަފުސާނީ ޝޮކެއްގެ ތެރޭގައި، އަޅުގަނޑުމެނަށް ކުރެވޭނެ ކަމަކީ އެއްބާރުލުން ދިނުން، އެކަމަކު މިއީ ހަމަ ސިޔާސީ ޖެއްސުމެއް،"

ގައިސަރު ވިދާޅުވީ ގާސިމް އެއްވެސް ރިސޯޓެއްގައި ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ނުހިނގާނެ ކަމަށައި އެފަދަކަށް ކަމަށް ހިތްވަރުވެސް ނުދޭއިރު ރަލާއި އޫރު މަހުގެ ވިޔަފާރި އެ ފަސް ރިސޯޓްގައި ކުރަނީ އެކަމަށް އޮންނަ ގާނޫނީ ހުއްދަތައް ހޯދައިގެން ކަމަށެވެ.

"އަދި އަޅުގަނޑުމެންގެ ޗެއާމަން [ގާސިމް] އަކީވެސް އެފަދަ ގާނޫނާހިލާފު ކަން ކަމަށް ހިތްވަރު ދެއްވާ ބޭފުޅެއް ނޫން،"

މީގެ ކުރިން ވެސް ގާސިމްގެ ބައެއް ރިސޯޓްތަކަށް އަމާޒުވާ ގޮތަށް ފިޔަވަޅުތަކެއް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެޅި އެވެ. އެފަހަރު ސްޕާތަކުގައި ހަށިވިއްކާ ކަމަށް ބުނެ ސްޕާތައް ބަންދު ކުރީ އެވެ. ގާސިމް މިވަގުތު ދިރިއުޅުއްވަނީ ޖަރުމަނުގައެވެ.