ވާހަކަ

މިންނުގެ ޑައިރީ

(16 ޖެނުއަރީ 2018 އާ ގުޅޭ) -- މިންނުގެ ޑައިރީގައި ހިފަމުން ޔާނާ ބޯޖަހާލީ ޒޭން ބުނަން އުޅެނީ ކީކޭކަން އެނގިގެން ޖަވާބުދާރީ ވާ އުސޫލުންނެވެ. އެއާއެކު ޒޭން ހިނގައިގަތީ އެ ގެއަށް ވަން ދޮރުން ނުކުންނާށެވެ. ދެއަތުން މިންނުގެ ޑައިރީ ގެނެސް މެޔާލާ ބޮނޑިކޮށްލައިގެން ޔާނާ ހުރީ ޒޭން ނުކުމެގެން ދިޔަ މަންޒަރު ބަލާށެވެ. އޭރު ވެސް ޝަމްލާ ހުރީ ހިމޭންވެފައެވެ. ބުނަންވީ ކީކޭކަމެއް ވެސް ނޭނގިފައެވެ. މިވަނީ ކީއްކަން އަހާލަން ވެސް ނޭގިފައެވެ.

ޒޭން ނުކުމެގެން ދިއުމާއެކު ޔާނާ އައިސް ސޯފާގައި އިށީނދެ އޭނާގެ ގާތުގައި އިށީނުމަށް ޝަމްލާއަށް ވެސް އިޝާރާތްކޮށްލިއެވެ. ދަރިފުޅުގެ ހަރަކާތްތަކާމެދު ސުވާލު އުފެދިފައި ހުރެ ޝަމްލާ މަޑުމަޑުން އައިސް ސޯފާގައި އިށީނީ ކިރިޔާ ބުނޑުޖައްސާލައިގެން އިންހެނެވެ.

"މަންމާ! މަންމަ އަޑުއެހިންތަ މިންނު ކިޔާކުއްޖެއްގެ ވާހަކަ. ބައްޕަ ދުވަހަކުވެސް ބުނިތަ މިންނުއޭ ކިޔައިގެން އެއްވެސް އެއްޗެއް" ޔާނާ އަހާލީ މަޑުމައިތިރި ކަމާއެކުއެވެ. ބައްޕަގެ މާޒީއާ ބެހޭ ގޮތުން ވާހަކަދެއްކުން ޔާނާއަށް ވެސް ފަސޭހައެއްނޫނެވެ. އެހެންނަމަވެސް ޝަމްލާގެ އެހީތެރިކަން މިއަދު ޔާނާއަށް މުހިންމެވެ. ޒޭންއާ ކައިވެނީގެ ގޮތުން ގުޅޭން ޔާނާ ބޭނުންވެއެވެ. އަޒާނަށް ހުރިހާ ހަޤީޤަތެއް އެނގެން ޖެހެނީ ވެސް އެހެންވެއެވެ.

"ކުރިއަކުން އަޑެއް ނާހަން. މިންނުއަކީ ކާކުކަމެއް ވެސް ނޭނގޭ. އެ ނަމާ ދަރިފުޅުގެ ބައްޕަގެ ދިރިއުޅުމާ ގުޅުމެއްވާކަން ވެސް އެނގުނީ މިރޭ" ޝަމްލާ އިސްޖަހާލަމުން ބުނެލިއެވެ. ފިރިމީހާގެ ވާހަކަތައް އަމިއްލަ ދަރިފުޅާ ޚިއްޞާ ކުރާން ބޭނުންނުވިޔަސް ޔާނާ އެބުނާ "މިންނު"އަކީ ކާކުކަން އެނގެން ޝަމްލާ އިނީ ޝައުގުވެރިވެފައެވެ. އެ ނަން އިވިފައި އަޒާނަށް އައި ބަދަލުތައް ޝަމްލާއަށް ފެނުނެވެ. ޔަޤީނުން ވެސް އެ މީހަކީ އަޒާނަށް ވަރަށް ޚާއްޞަ މީހަކަށް ނޫނީ ނުވާނޭކަން ހީވޭ ޝަމްލާގެ ހިތުގައި ރިހުމެއް އުފެދުނެވެ.

ޝަމްލާގެ ގޮނޑުގައި ފިރުމާލާފައި އޭނާގެ އުނގުގައި އޮތް އަތުގައި ޔާނާ ހިފާލިއެވެ. އަދި ޝަމްލާއަށް އަޒާންގެ މާޒީ ޔާނާ ކިޔާދޭން ފެށިއެވެ. އޭނާއަށް މިންނުގެ ޑައިރީއިން އެނގުނު ވާހަކަ ތަކާއި މިންނުގެ ޢާއިލާގެ ވާހަކަތަކެވެ. އަޒާންދެކެ މިންނުވީ ލޯތްބެވެ. އެ ލޯބި ބަދަލުވެގެން ދިޔަގޮތުގެ ވާހަކައެވެ. މިންނުގެ ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތުގެ ވާހަކަ އާއި ޒޭން މަންމައެއްގެ ލޯބިން މަހުރޫމުވެގެން ދިޔަގޮތެވެ. ހައިކަލް މިންނުއަށްޓަކައި ކެތްތެރިވިވަރާއި މިންނުގެ ހިތްފަތަހަ ކުރިގޮތެވެ. އެ ހުރިހާ ވާހަކައެއް އަޑުއަހަން އިން ޝަމްލާގެ އެސްފިޔަތަށް ތެމެމުންދިޔައެވެ.

ޝަމްލާގެ ހަނދާންތައް މީގެ ތިރީހަކަށް އަހަރު ކުރިއަށް ދިޔައެވެ. އޭނައަށް އޭރު ފެނުނު އަޒާންއަކީ މިންނުގެ އަޒާންކަން އެނގުނީ ދެނެވެ. ޝަމްލާއާއި އަޒާން ކައިވެނި ކުރިއިރު އޭނައަށް ހީވެފައިވަނީ އަޒާންއަކީ އާދަޔާ ޚިލާފަށް މަޑުމައިތިރި ފިރިހެނެއްކަމަށެވެ. މައިންބަފައިންގެ ބަހަށް އެކައިވެންޏަށް އާނބަސް ދިނީ އަޒާންއަށް ވެސް ޝަމްލާ ކަމުދާތީކަމަށް އޭރު ޝަމްލާއަށް ހީކުރެވުނީއެވެ. އެހެންނަމަވެސް ކައިވެނީގެ ފުރަތަމަރޭ އަޒާންގެ ފަރާތުން ފެންނަންޖެހޭ ފަދަ ލޯބިވެތި ބެލުންތަކާއި ފިރުމުންތަކެއް ޝަމްލާއަކަށް ނުލިބުނެއެވެ. އެ ހިތްވަނީ އެހެން މީހަކަށް ދީފަކަމެއް ޝަމްލާއަކަށް އޭރުނޭގެއެވެ. އަޒާން އެފަދަ ވާހަކައެއްވެސް ނުދައްކައެވެ. ދެ އަހަރުވޭތުވެ ދިޔައިރު ވެސް އަޒާން އޭނައާއެކު އެއްކޮޓަރީގައި ހަމައެކަނި އުޅޭކަމެވެ. ޝަމްލާގެ ހިތަށް ތަދުވެސް ވެއެވެ. ދެރަވެގެން ރޮވެން ވެސް ރޮވެއެވެ. އެކަމާއި ސުވާލުކުރަން ވެސް ހިތަށްއެރިއެވެ. އެހެންނަމަވެސް ޝަމްލާގެ އުޅުމަށް އެއްވެސް ބަދަލެއް ނުގެނެއީ އަޒާންއަށް ޓަކައި އެ ހިތުގައި އުފެދިފައިވާ ވަރުގަދަ ޖަޒުބާތުގެ ސަބަބުންނެވެ. އަޒާންއާ ވަކިވުމުގެ ޚިޔާލު ސިކުނޑިއަށް ގެންނަން ވެސް ބޭނުންނުވާތީއެވެ. ހިތުގައިވާ ޝަކުވާތައް ހިތަށް އޮއްބާލައިގެން އެކުގައި އުޅޭން ޝަމްލާ ނިންމީއެވެ. އަޒާންއަށް ކޮއްދޭންވާ ކަންތައްތައް ފުރިހަމައަށް ކޮއްދެމުންދިޔައެވެ. އެގޮތުގައި ދިރުއުޅުން ވޭތު ކުރަމުން ދަނިކޮށް އެ ދެމެދުގައި ފުރަތަމަ ފަހަރަށް އަނބިފިރިކަމުގެ ގުޅުމެއް ހިނގީ ވެސް ކައިވެންޏަށް ދެ އަހަރުވި ފަހުންނެވެ. އަޒާންއަކީ ރަނގަޅު މީހެއްކަން ޝަމްލާގެ ހިތް އަބަދުވެސް ޤަބޫލުކުރެއެވެ. އަޒާންގެ މަޑުމައިތިރިކަމަށް ބަދަލު ނަޔަސް އޭނަގެ އަޅާލުން ޝަމްލާއަށް ލިބެންފެށީ ދެނެވެ. ގިނަދުވަސްތަކެއްނުވެ ޔާނާއަށް ބަލިވެއިންކަމީ އަޒާންގެ ހިތުން ޝަމްލާއަށް ޖާގައެއް ލިބުނުކަމެކެވެ. އޭނަގެ ލޯތްބާ އަޅާލުން ވެހެމުންދާ ވާރޭފަދައިން ލިބެމުންދިޔައެވެ. އޯގާތެރި ފިރިއެއްގެ ގައިގާ ހުންނަންޖެހޭ ހުރިހާ ސިފައެއް އަޒާންގެ ހުއްޓެވެ. އެހެންވެ އަޒާންގެ މާޒީއާ ބެހޭގޮތުން ސުވާލު ކުރުން މުހިންމު ކަމަކަށް ޝަމްލާއަށް ނުވީއެވެ. އަޒާންގެ ހަޔާތަށް ޝަމްލާއަށްވުރެ ކުރީން އައި އަންހެނުންނަށްވުރެ ޝަމްލާ ޚާއްޞަކަމުގައި ޚުދު އޭނާ ޤަބޫލުކުރީއެވެ. ޚާއްޞަ ނޫންނަމަ އަޒާންގެ އަނތްބެއްގެ މަޤާމުގައި އޭނާ ނީންނާނެތީއެވެ. އެއްފަހަރުވެސް ހިތަށް ނޭރިކަމަކީ އަޒާންގެ ހިތުން ދުވަހަކުވެސް ފުހެނުލެވޭނޭ ލޯތްބެއް ވެފައި އޮވެދާނޭކަމެވެ. އެ ހަނދާނުން ފުހެލަން ބޭނުންނުވާ މީހަކު ހުރެދާނޭކަމެވެ. މަޑުމަޑުން އިނދެ ދެ ލޯ ފުހެމުން ޝަމްލާދިޔައެވެ. އޭނަ އަޒާންއާއި އެއްވެސް ސުވާލެއް ކުރާކަށް ބޭނުމެއްނޫނެވެ. ކޮންމެ ގޮތެއްވިޔަސް އެއީ މާޒީއެވެ. އަނެއްކޮޅުން އަޒާންގެ ދެވަނަ އަނތްބެއްގެ ގޮތުގައި މިންނު ވިޔަސް ވެސް އޭނާގެ ހިތުގައި އެކަމަށް އެއްވެސް ބުރަކަމެއްނުވާނެއެވެ. އެ ގުޅުމަށް އޭނާ ރުހި ޤަބޫލުވާނެއެވެ. ޝަމްލާއަށް އަޒާންއާ ކުރިން ކައިވެނި ކުރެވުނުކަމުގައި ވިޔަސް އަޒާންގެ ހިތް މިލްކުކުރި ފަރާތަކީ މިންނުއެވެ. ޝަމްލާއަށް އަޒާންގެ ހިތުގައި ޖާގައެއް ހެދުނުކަމުގައި ވިޔަސް އެހިތުން މިންނުގެ ލޯބި ފުހެއެއްނުލެވުނެވެ.

ޔާނާ އޭނަގެ މަންމަގެ އަތްތިލައަށް ބާރުކޮށްލަމުން އެ ކޮނޑުގައި ބޯއަޅާލިއެވެ. އަދި އޭނަ ބޭނުންވަނީ މިންނުގެ ކުށެއްނެތްކަން އަންގާދޭންކަމުގައި ބުންޏެވެ. ޒޭންއާއި ޔާނާ އެއްތަންކުރުވީ ތަޤުދީރުކަމުގައި ބުނެދެމުންނެވެ. އެދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަމާއި ގުޅެން ބޭނުންވާކަމެވެ. ޝަމްލާގެ ކޮނޑާދިމާލުން ޔާނާގެ ބޮލުގައި އޭނާ ބޮސްދިނެވެ.

"ދަރިފުޅުގެ ބައްޕައަކަށް ރުޅިއައިސްފައި ހުންނާކަށް ނުކެރޭނެ. އެއްވެސް އިރެއްގައި އެއީ އެހާ ރުޅިގަދަ މީހެއްނޫން. އަޒާންއަކީ ހިތްތިރި މީހެއް. ޒޭން ނުކުމެގެން އެ ދިޔައީ ހިތްހަމަނުޖެހި ވަރަށް ދެރަވެފައިކަން މަންމައަށް އެނގޭ" ޝަމްލާ މަޑުމަޑުން ބުންޏެވެ.

"ޒޭން ރުޅިއެއް ނާންނާނެ. އޭނާއަކީ ވެސް ރުޅިގަދަ މީހެއްނޫން. އޭނާ ވެސް ބޭނުންވަނީ ބައްޕައަށް ވަރަށް ބޮޑު އޮޅުމެއް އަރާފައި އޮތީމަ އެކަން އަންގައިދޭން. ޒޭންގެ ޢާއިލާއާ އޭނާގެ މައިންބަފައިންނަކީ ކޮންބައެއްކަން އެނގެން ބައްޕަ ބޭނުންވާނޭކަން އަޅުގަނޑުމެންނަށް ކުރީން ވެސް އެނގޭ" ޔާނާ ބުނެލިއެވެ.

"ދަރިފުޅު ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ ތި ދެކުދީންގެ ކައިވެނި ކުރެވޭނެ. މި ހުރިހާ ކަމެއް ގުޅިފައިވަނީ ތަޤުދީރާ... ވީއިރު ތަޤުދީރުގައި މި ހުރިހާ ކަމަކަށް ނިމުމެއް ރޭވިފައި އޮންނާނެ" އަސަރުންފުރިފައިވާ ގޮތަކަށް ޝަމްލާ ބުނެލިއެވެ. އަދި އޭނާގެ ފެންކަޅިވެފައިވާ ދެ ލޯ ފުހެލިއެވެ.

* * * *

ކާރު ޕާކުކޮއްލުމަށްފަހު ޒޭން ފައިބައިގެން ދިޔައީ އާޓިފިޝަލް ބީޗަށެވެ. އެތަނުގައި ޖަހާފައި ހުރި ހިލަގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެލައިގެން ދުރަށް ނަޒަރުހުއްޓާލައިގެން އިނެވެ. އޭނަ ބޭނުންވަނީ ހަމަޖެހިލާށެވެ. މިވަގުތު ގެއަށް ގޮސް ބައްޕަ ހައިކަލްއާ ކުރިމަތިލާކަށް ވެސް ނުކެރޭނެއެވެ. އަޒާންގެ ހަރުކަށިބަސްތަކަށް ޒޭން ހުރީ ތައްޔާރުވެގެންނެއްނޫނެވެ. އެކަމުގެ ސަބަބުން އޭނައަށް ފުންއަސަރުތަކެއް ކޮށްފިއެވެ. އޭނާ ވެސް މިލްނާގެ ހަޤީޤަތް ނޭނގި ހުރެ އޭނާއާ މެދު ދުށީ އެފަދައިންނެވެ. މުއްސަނދިކަމުގެ ފައިދާ ނެގުމަށް އުޅޭ ފައިސާއަށް ދަހިވެތިވެފައިވާ އަންހެނެއްގެ ގޮތުގައެވެ. މިއަދު އަޒާންގެ ފަރާތުން އެ ބަސްތައް އަޑުއިވުމުން ޒޭންއަށް އެންމެ ހިނދުކޮޅަކު ވެސް ކެތެއް ނުކުރެވުނެވެ. އެކަމަކު އެފަދަ ބަސްތައް އޭނަގެ ދުލުން ކިހާވަރަކަށް މިލްނާއަށް ރައްދުކުރިކަން ހަނދާނަށް އަންނަންފެށިއެވެ. އެ ހުރިހާ ދުވަހު އޭނަގެ މަންމައާއި ބައްޕަގެ ހިތަށް ކުރާނެ އަސަރު ޒޭންއަށް މިއަދު އިހުސާސް ކުރެވުނެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ އޭނަގެ ދެލޯ ފެންކަޅިވިއެވެ. މެދުކެނޑުމެއްނެތި އޭނާ ރައްދުކުރި ހަރުކަށި ބަސްތަކަށް އޭނާގެ މަންމަ ހާދަ ކެތްކުރިއޭ ޒޭންގެ ހިތަށް އެރިއެވެ. މޭގައި ފިރުމާލީ ހިތަށްވީ ތަދުންނެވެ. މާޒީގެ ޚިޔާލުތަކުގެ ތެރެއަށް އޭނާ ގެބެމުންދިޔައެވެ.

* * * * *

ރޭގަނޑުގެ ކެއުން ޝަމްލާގެ ގާތުގައި އިނދެ ޔާނާ ކޭއިރު ވެސް އަޒާންއެއް ނުނިކުތެވެ. ޝަމްލާއާއި ޔާނާ އެ ވާހަކައެއް ނުވެސް ދައްކައެވެ. މުޅި ގޭތެރެއަށް އޮތީ ފުން ހިމޭންކަމެއް ވެރިވެފައެވެ. ޔާނާ ވެސް އަވަސްއަވަސް ކޮއްލައިގެން ކާމޭޒުދޮށުން ތެދުވީ ކޮޓަރިއަށް ދިއުމަށެވެ.

ކޮޓަރިއަށް ވަދެގެން އައިސް އެނދުކައިރީ ޔާނާ ހުއްޓިލިއެވެ. ބާލީސް ދަށުން މިންނުގެ ޑައިރީގެ އެއްބައި ފެންނަން އޮތެވެ. އެ ދިމާއަށް ނަޒަރު ހުއްޓާލައިގެން ޔާނާ ހުރީއެވެ. ޒޭންއާއި ޔާނާއަށް އަޒާންގެ ހިތާ ބޭނުންވި ގޮތަށް ކުޅެލެވިއްޖެއެވެ. އެކަން އެނގި ޔާނާގެ މޫނުމަތިން ފާޅުވީ ހިތްދަތިކަމެވެ. ބައްޕަގެ ހިތުގެ އިހުސާސްތަކަށް ޚުދު ޔާނާ ޤަދަރުކުރެއެވެ. ހުރިހާ ކަމެއް ކުރެވުނީ ހަމަ އެންމެ ރަނގަޅަށް ބާއޭ ޔާނާގެ އަމިއްލަ ޟަމީރާ ސުވާލުކުރިއެވެ.

"އައި އޭމް ސޮރީ ބައްޕާ. ޒޭންއަކީ މިންނުގެ ދަރިއެއްކަން ބައްޕައަށް ނޭނގިއެއް ނުދާނެ. މިއަދު އެނގުނު ގޮތަށް ނޭނގުނުނަމަ ފަހަރެއްގައި ބައްޕައަށް ޤަބޫލު ވެސް ނުކުރެވުނީސް" އަމިއްލަ ހިތާއި ނަފްސަށް ހަމަޖެހުން ހޯދަން ޔާނާ މަސައްކަތް ކުރިއެވެ.
ކޮޓަރިއަށް ވަންނަން ޖެހިލުންވެފައި ސިޓިން ރޫމުގައި ޝަމްލާ އިނެވެ. ޓީވީ އިންދައްކަމުން ދިޔަ ފްރޮގްރާމު ބަލަން އިނެއްކަމަކު އޭނާގެ ސަމާލުކަން ވަނީ އެކަމަކަށް ނޫނެވެ. ޝަމްލާގެ ވިސްނުންވަނީ އެހެން ދިމާއަކަށް ދަތުރުކޮށްފައެވެ. ޔާނާ މަޑުމަޑުން ސިޓިން ރޫމު ބަލާލާފައި ޝަމްލާ ނިދަން ނުދާކަން އެނގުމުން އަޒާންގެ ކޮޓަރި ކައިރިއަށް އައިސް މަޑުމަޑުން ޓަކިދިނެވެ. ޚަބަރެއް ނުވުމުން ދޮރުގެ ތަޅުގައި ހިފާލާފައި އަނބުރާލި ހިނދު ދޮރުހުޅުވިއްޖެއެވެ. ޔާނާއަށް ލިބުނީ ހައިރާންކަމެކެވެ. އެނދުގައި އޮތް އަޒާން ފެނުމުން އޭނަގެ ގާތަށް ގޮސް ހުއްޓުނެވެ. ލޯމަތީ ކަނާއަތް ބާއްވާލައިގެން އަޒާންއަށް އޮތީ ނިދިފައެވެ. ޔާނާ އޭނަގެ އަތުގައި އޮތް މިންނުގެ ޑައިރީ އަޒާންގެ މަގަތުން ހުރި އަރިމަތީ ކަބަޑުގެ މަތީ ބޭއްވިއެވެ. އަދި ޑައިރީގެ މަތީ ރިހިފަށާ އަނގޮއްޓި ބާއްވާލިއެވެ. ޔާނާ އެ ކޮޓަރިން ނުކުތުމުގެ ކުރިން އަދިއެއްފަހަރު އަޒާންއަށް ބަލާލިއެވެ.

"ބައްޕާ، އަޅުގަނޑު ބައްޕަ ދެރަކުރާކަށް ބޭނުމެއްނޫން، ހިތުގަޖައްސާ މާޒީ އަލުން އިޔާދަކުރާކަށް ވެސް ބޭނުމެއްނޫން، އެކަމަކު މިންނުގެ ހަޤީޤަތް ބައްޕައަށް އެނގެން އަޅުގަނޑު ވެސް ބޭނުން... މިންނުއަކީ ބައްޕައަށް ހީކުރެވުނު ކަހަލަ ގޯސް އަންހެނެއްނޫން، ޒޭން ބޭނުންވީ ބައްޕައަށް މިންނުގެ ޑައިރީ ދޭން، އެއީ ޒޭން މަންމަގެ އެންމެފަހު ހަނދާންތަކަށް ވިޔަސް... އަޅުގަނޑު ބޭނުން ބައްޕަ އެ ޑައިރީ ކިޔަން، އަޅުގަނޑާ ޒޭން ގުޅުވީ މިންނުއެއްނޫންކަން އޭރުން އެނގޭނެ، ޕްލީޒް ބައްޕާ... އައި ޑޯންޓު ވޯންޓު ހާރޓް ޔޫ...." އަޒާންއަށް ބަލަންހުރެ ޔާނާ ވާހަކަދެއްކީ ނިކަން މަޑުންނެވެ. ނިދާފައި އޮތަސް އަޒާންއަށް ހޭލެވުމުން އެ ޑައިރީ ފެނިފައި ކިޔަން ބޭނުންވެދާނޭ ޔާނާއަށް ހީވީއެވެ.

ޔާނާ ނުކުމެ ކޮޓަރީގެ ދޮރު ލައްޕާލުމާއިއެކު އަޒާން ލޯހުޅުވާލިއެވެ. އޭނަ އޮތީ ނިދާފައެއްނޫނެވެ. އެކަމަކު އެކަކާ ވެސް ކުރިމަތީލާކަށް އޭނަ ބޭނުމެއްނޫނެވެ. ޔާނާ ދެއްކި ހުރިހާ ވާހަކައެއް އޭނައަށް އަޑުއިވުނެވެ. އަރިމަތީ ކަބަޑުގެ މަތީ ޔާނާ ބޭއްވި ފޮތަށް އަޒާން ބަލާލިއެވެ. އެވަގުތު ޝަމްލާ ދޮރުހުޅުވާލުމުން އަނެއްކާ ވެސް އަޒާން ދެ ލޯ މަރާ ބާރުކޮށްލިއެވެ.

* * * * *

ތޮށިގަނޑު މައްޗަށް ބިންދާލާ ރާޅުގެ އަޑާއެކުވެގެން ޒޭންގެ ފޯނުގެ ރިންގުގެ އަޑުއިވިގެން ދިޔައެވެ. ގަޑިބަލާލަން ވެސް ހަނދާންވީ ދެނެވެ. އޭނައަށް ގުޅީ ޔާނާއެވެ. ޒޭން އަދިވެސް ގެއަށް ނުދާކަން އެނގުމުން ޔާނާ ކަންބޮޑުވިއެވެ. އަޒާންގެ ހާލާއި ޝަމްލާގެ ހާލު ޔާނާ ޒޭންއަށް ކިޔާދިނެވެ. ޑައިރީ އަޒާންއާ ހަވާލުކުރެވުނު ކަމަކު ކިޔާނެކަމުގެ ޔަގީންކަމެއް ޔާނާއަކަށް ނުދެވުނެވެ. ޒޭން އޭނަ އިންތަނުން ތެދުވެގެން އައިސް ކާރަށް އެރީ ވެސް ޔާނާއާ ފޯނުން ވާހަކަދައްކަމުންނެވެ. ގެއަށް ގޮސް ހަމަޖެހިލާފައި ގުޅާނަން ކަމުގައި ބުނެ ޒޭން ފޯނުބޭއްވުމާއިއެކު ކާރު ދުއްވާލީ އޭނަގެ ގެއަށް ދިއުމަށެވެ.

* * * * *

ދަންވަރުގެ ހަމަހިމޭން ވަގުތުގައި އަރާމު ނިދީގައި އެންމެން ވީއިރު ޝަމްލާއާއި އަޒާން އެއްއެނދުގައި ދެމީހުންނަށް ފުރަގަސް ދީގެން ނުނިދިފައި އޮތެވެ. އަޒާން އަތުކުރީގައި އޮތްގަނޑިއަށް ބަލާލިއެވެ. އޭރު ތިނެއްޖަހަނީއެވެ. ދެން އޭނަ ބަލާލީ އަރިމަތީ ކަބަޑުގެ މަތީ އޮތް މިންނުގެ ޑައިރީއަށެވެ. މަޑުމަޑުން ތެދުވަމުން ޝަމްލާއަށް ބަލާލިއެވެ. އޭނަ ނިދާފައި އޮތްހެން ހީވުމުން މިންނުގެ ޑައިރީ އާއި އޭގެ މަތީގައި އޮތް ރިހި ފަށާއި އަނގޮއްޓި ހިފައިގެން ކޮޓަރިން ނުކުތެވެ. ސިޓިންރޫމުގެ ލައިޓު ޖައްސާލަމުން ސޯފާގައި އިށީނދެ ކުރިމަތީގައި ހުރި ބިއްލޫރި ކުޑަމޭޒުމަތީ މިންނުގެ ޑައިރީ ބާއްވާލަމުން ރިހި އަނގޮއްޓިއަށާއި ފަށަށް ބަލާލިއެވެ. އެތަކެއް ހަނދާންތަކެއް އާވަމުން ކުލަޖެހެމުން ދިޔައެވެ. އިއްޔެވީކަމެއްހެންނެވެ. މިންނުގެ އަޑު އަދިވެސް އެކަންފަތުގައި ހަރުލާފައި ހުރި ކަހަލައެވެ. އަޒާންއަށް އަނެއްކާ ވެސް ރޮވުނީއެވެ. އެ ފަށާއި އަނގޮއްޓި ގެނެސް އެތުންފަތުގައި ޖައްސާ ބާރުކޮށްލިއެވެ. އެ ދެލޯ މެރިފައިވީކަމަކު ކަރުނަތަކެއް ނުހިފެއްޓުނެވެ. (ނުނިމޭ)