ކުޅިވަރު

މެސީއަށް ޕެނަލްޓީ ނުޖެހި ބާސާ ބަލިވެއްޖެ

ސްޕެނިޝް ކަޕްގައި އެސްޕަނޯލްއާ ދެކޮޅަށް ކުޅުނު މެޗުގައި، ބާސާލޯނާ އަށް ލިބުނު ޕެނަލްޓީ ލިއޮނަލް މެސީ އަށް ކާމިޔާބު ނުކުރެވި ފަހު ވަގުތު ބާސާ ބަލިވެއްޖެ އެވެ.

މިއީ މި ސީޒަންގައި ބާސާ ބަލިވި ފުރަތަމަ މެޗެވެ. އެ މެޗާ ހަމައަށް ޔޫރަޕްގެ ގަދަ ފަސް ލީގްގެ ތެރެއިން ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ބާސާ އެވެ. މެޗުގެ 62 ވަނަ މިނެޓްގައި ބާސާއަށް ޕެނަލްޓީ ލިބުނީ އެސްޕަނޯލްގެ ހާފުގެ ތެރެއިން، ބާސާގެ ސާޖީ ރޮބާޓޯއަށް އެސްޕަނޯލްގެ ޑިފެންޑަރުން ފައުލު ކުރުމުންނެވެ.

މެސީ ފޮނުވާލި ޕެނަލްޓީ، ކުރިން ރެއާލް މެޑްރިޑްގެ ގޯލްވެސް ބެލެހެއްޓި ޑިއޭގޯ ލޯޕޭޒް ދިފާއު ކުރި އެވެ. އެސްޕަނޯލްގެ ލަނޑު 88 ވަނަ މިނެޓްގައި ކާމިޔާބު އޮސްކާ މެލަންޑޯ އެވެ.

ބާސެލޯނާ ސިޓީއަށް ނިސްބަތްވާ އެސްޕަނޯލްގެ ކޯޗް ކިކް ސަންޗޭޒް ފްލޮރޭސް ބުނީ ބާސާ ބަލި ކުރެވުމަކީ އެ ކުލަބުގެ ތާރީހްގައި ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ.

ސެވިއްޔާގެ ކޯޗް ކަމާ ހަވާލުވި ވިންޗެންޒޯ މޮންޓެލާ ވާނީ، އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ސެއްވިއްޔާއާ އެކު އޭނާގެ ފުރަތަމަ މޮޅު ހޯދާފަ އެވެ. އެތުލެޓިކޯގެ ދަނޑުގައި، ސެވިއްޔާ 2-1 މޮޅުވީ ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑު ތަކުންނެވެ.

އެތުލެޓިކޯއަށް މެޗުގެ 73 ވަނަ މިނެޓްގައި ލީޑް ނަގައިދިނީ ޑިއޭގޯ ކޮސްޓާ އެވެ. އޭގެ ހަތް މިނެޓް ފަހުން ސެވިއްޔާއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު ކާމިޔާބު ކުރީ ޖީސުސް ނާވަސް އެވެ. ސެވިއްޔާ މޮޅުކޮށްދިން ލަނޑު 88 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހޯކިން ކޮރެއާ އެވެ.