ރެއާލް މެޑްރިޑްގެ ކޯޗު ކަމުގެ ވަޒީފާ އޭނާ އަށް ގެއްލި ދާނެތީ އެކަމާ ކަންބޮޑު ނުވާކަމަށް ރެއާލްގެ ސީނިއާ ޓީމުގެ ހެޑް ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ސްޕެނިޝް ލީގްގައި ރެއާލް މެޑްރިޑަށް ކުރިމަތި ވަމުންދާ ދަށް ނަތީޖާ ތަކުގެ ސަބަބުން ޒިދާން އަށް ރެއާލްގެ ކޯޗު ކަމުގެ މަގާމު ގެއްލެން އުޅޭ ވާހަކަތައް ވަނީ ގަދަ ވެފަ އެވެ. އަދި އޭނާގެ ބަދަލުގައި ޓޮޓެންހަމްހޮސްޕާގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ރެއާލްގެ ކޯޗު ކަމަށް ގެންނަން އުޅޭ ކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.
ސްޕެނިޝް ކަޕްގައި މިރޭ ލެގަނޭޒްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން، ޒިދާން ބުނީ ރެއާލްގެ ކޯޗުކަން ގެއްލިދާނެތީ އޭނާ އެކަމާ ނުވިސްނާ ކަމަށާއި ޓީމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭނެ ކަމަކީ ބުރަކޮށް މަސައްކަތް ކުރުން ކަމަށެވެ.
"އަހަރެން އެއްވެސް ކަމެއް ސިފަ ނުކުރަން،" ކޯޗުކަން ގެއްލިދާނެ ކަމަށް ސިފާ ކުރެވޭތޯ ސުވާލު ކުރުމުން މިދިޔަ އަހަރު ރެއާލްއަށް ފަސް ތަށި ހޯދައިދިން ކޯޗު ބުންޏެވެ. "އަހަރެން ކުރިއަށް ދާނީ ދުވަހުން ދުވަހަށް އަހަރެން އަބަދުވެސް ކަންކުރަނީ މިހެން އަހަރެންގެ ވިސްނުމެއް ބަދަލެއް ނުވާނެ."
"އެންމެންނަށްވެސް އެ މީހަކު ބަލަން ބޭނުންވާ ގޮތަކަށް ހާލަތު ފެންނާނެ، އުނދަގޫ ހާލަތެއްގައި އޮންނަނަމަ އަހަރެންގެ އުސޫލަކީ ބުރަ ކޮށް މަސައްކަތް ކުރުން، އަހަރެން މަސައްކަތް ކުރަނީ ދަނޑު މަތީގައި އިރުރަށް ރަނގަޅަށް މަސައްކަތް ކުރަން، ކުޅުންތެރިޔެއްގެ ގޮތުގައިވެސް އަހަރެންގެ ތަޖުރިބާ އެބަހުރި އެހެންވެ އަހަރެންނަށް އެނގޭނެ ފުޓްބޯޅައިގަ މަސައްކަތް ކުރަންވީ ކިހިނެތް ކަންް."
ރެއާލުން ރޮނާލްޑޯ ވިއްކާލަން މަސައްކަތް ކުރާ ކަމުގެ ވާހަކަތައްވެސް ދަނީ ދެކެވެމުންނެވެ. އަދި ރެއާލުން އޭނާއަށް ދުނިޔޭގެ އެންމެ އަގުބޮޑު ކޮންޓްރެކްޓް ދޭން އެއްބަސް ނުވާތީ ރޮނަލްޑޯ ޓީމު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފަ އެވެ.
ޒިދާން ބުނީ ރޮނާލްޑޯ ނެތި ރެއާލް މެޑްރިޑް ސިފަ ނުކުރެވޭ ކަމަށެވެ. އަދި ބޭރު ތެރޭގައި ރޮނާލްޑޯ އާ ބެހޭގޮތުން ކޮންމެ ވާހަކައެއްވެސް ދެއްކިނަމަވެސް ރެއާލްގައި އޭނާ ހުރީ ހަމަޖެހިގެން ކަމަށެވެ. އަދި ޓީމުގެ ހަލަތު ރަނގަޅު ކުރުމަށް އެހެން ކުޅުންތެރިންނާއެކު ރޮނާލްޑޯ ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.