ފިނިޕޭޖް

އެމެރިކާގެ އެންމެ އަގުބޮޑު ޓީވީ އެކްޓްރެސްއަކަށް ޕޮމްޕިއޯ!

އެލެން ޕޮމްޕިއޯ ނުވަތަ ފޭނުންގެ މެދުގައި މަޝްހޫރު ނަމުންނަމަ މެރެޑެތް ގްރޭ އަކީ މިހާރު އެންމެ ބޮޑު މުސާރައެއް ލިބޭ އެމެރިކާގެ ޓީވީ އެކްޓްރެސް އެވެ. ޕޮމްޕިއޯއަކީ ޝޮންޑާ ރައިމްސްގެ ސިލްސިލާތަކުގެ ތެރެއިން ދިވެހިން އެންމެ ގިނައިން ބަލާ ގްރޭސް އެނަޓޯމީގެ ލީޑް އެކްޓްރެސް އެވެ.

އުމުރުން 48 އަހަރުގެ ޕޮމްޕިއޯ، ހޮލީވުޑް ރިޕޯޓަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވަނީ އޭނާގެ އާންމަދީ އާއި ބެހޭގޮތުން ވާހަކަދައްކާފަ އެވެ. އަދި އޭނާ އެ ހިސާބަށް ވާސިލުވުމަަށް މެރެޑްތް ގްރޭގެ ކެރެކްޓާގެ ގޮތުގައި 14 އަހަރުވަންދެން ކުރި ބުރަ މަސައްކަތް ހިއްސާކޮށްފައިވެ އެވެ.

ޕޮމްޕިއޯއަށް މިހާރު އަހަރަކު 20 މިލިއަން ޑޮލަރު އަމްދަނީގެ ގޮތުގައި ލިބޭނެ އެވެ. ގްރޭސް އެނަޓޯމީގެ ކޮންމެ އެޕިސޯޓަކަށް 575 ހާސް ޑޮލަރު އޭނާއަށް ލިބެ އެވެ. އަދި ގްރޭސް އެނަޓޯމީގެ ޕްރޮޑިއުސް ކޮށްގެންވެސް އޭނާއަށް ބޮޑު އާމްދަނީއެއް ލިބެ އެވެ. މީގެ އިތުރުން މި އަންނަ މާޗު މަހު ރިލީޒްކުރާ ގްރޭސް އެނަޓޯމީގެ ސްޕިން އޮފް ސިލްސިލާގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީވެސް ޕޮމްޕިއޯ އެވެ.

ގްރޭސް އެނަޓޯމީގެ 16 އަދި 17 ވަނަ ސީޒަން ކުޅުމަށްވެސް ޕޮމްޕިއޯ މިހާރުވަނީ ކޮންޓްރެކްޓުގައި ސޮއިކޮށްފަ އެވެ. 16 އަދި 17 ވަނަ ސީޒަނަކަށް ގްރޭސް އެނަޓޯމީ އަދި ރިނިއު ކޮށްފައި ނުވި ނަމަވެސް އެ ޝޯގެ ޕްރޮޑިއުސަރު ޝޯންޑާ ބުނީ ޕޮމްޕީއޯ ހުއްޓާލާށޭ ބުނަންދެއް އެ ސިލްސިލާ ކުރިއަށް ގެންދާނެ ކަމަށެވެ.