މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ފުލުހުން ގުޅިގެން މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންގައި ބަލާ ފާސް ކުރަމުން އަންނަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނީގެ ރިސޯޓުތައް އެކަންޏެއް ނޫން ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން މިހެން ބުނީ ރެ 7:30 ހާއިރު ކަސްޓަމްސްގެ އޮފިސަރުން ގާސިމްގެ ފަސް ރިސޯޓަކަށް އަރައި ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނެއް ހިނގުމާ ގުޅިގެން ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން "އަވަސް"އިން ކުރި ސަވާލަކަށް ޖަވާބު ދެއްވަމުން ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ ބޮންޑަޑް ވެއާ ހައުސް އިން ރިސޯޓުތަކަށް ހާއްސަކޮށް ބަނގުރާތައް ފޮނުވާ އިރު، އެ ފުޅިތައް ދަނީ އެ ފޮނުވި ރިސޯޓަށްތޯ ޔަގީން ކުރުމަށް އެކި ދުވަސްތަކުގެ މަތިން އޮޕަރޭޝަން ހިންގާ ކަމަށެވެ. އެގޮތުން ބޮންޑަޑް ވެއާ ހައުސް އިން ފޮނުވި ރާފުޅިތައް އެހެން ތަނަކަށް ފޮނުވާ ކަމަށް ބުނެ ލިބުނު ރިޕޯޓަކާ ގުޅިގެން ރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި ނަމަވެސް ބަލާ ފާސް ކުރަމުން ދަނީ ގާސިމްގެ ކުންފުނީގެ ރިސޯޓުތައް އެކަންޏެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އޮޕަރޭޝަން ހިންގަނީ ވަކި މީހަކަށް އަމާޒުކޮށްގެނެއް ނޫން، ރިޕޯޓެއް ލިބުމުން އެއާ ގުޅިގެން ބަލަން ޖެހޭ ބެލުންތައް މި ބަލަނީ، އޮޕަރޭޝަންތައް ނިންމާލުމަށް ފަހު އާންމު ކުރާނަން ކިތަށް ރިސޯޓުކަމާއި އިތުރު ތަފްސީލުތައް،" އޭނާ ވިދާޅުވި އެވެ.
ކަސްޓަމްސްއާއި ފުލުހުން ގުޅިގެން މިއަދު ވެސް އޮޕަރޭޝަން ކުރިޔަށް ގެންގޮސް ބައެއް ރިސޯޓުތަކަށް އަރާ ފާސް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ރިސޯޓުތަކެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި މިއަދު ވެސް ގާސިމްގެ އިތުރު ތިން ރިސޯޓަކަށް އަރައި ފާސް ކުރަމުން އެބަދެ އެވެ.
އެ މައްސަލާގައި ރޭ "އަވަސް"އާ ވާހަކަދައްކަވަމުން ވިލާގެ ރިސޯޓްތައް މެނޭޖް ކުރެއްވުމުގައި މިހާރު އިސްވެ ހުންނަވާ ގައިސަރު ނަސީމް ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސް އިން ބޭނުންވީ ރިސޯޓްތަކުގައި ރަލާއި އޫރު މަސް ބޭނުން ކުރާ ގޮތާއި ކުރާ މީހުންނާއި އެތަކެތީގެ ސްޓޮކް ހުރި ވަރެއް ބަލަން ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަންގެ ސަބަބުން މުވައްޒަފުންނާއި ޓޫރިސްޓުންނަށް ނަފުސާނީ ގޮތުން އަސަރުކޮށް ސުވާލު އުފައްދަމުން އަންނަ ކަމަށާއި ބައެއް ޓޫރިސްޓުން ސިހި ބިރުގެންފައިވާ ކަމަށް ގައިސަރު ވިދާޅުވި އެވެ. އޭނާ ސިފަ ކުރާ ގޮތުގައި މިއީ ވަރަށް އާދަޔާ ހިލާފު ކަމެއް ކަމަށާއި ސިޔާސީ ގޮތުން އަންނަ ޖެއްސުމުގެ އަމަލެއް ގޮތަށް ފެންނަ ކަމަށެވެ.