ހަބަރު

މާރާމާރީތަކުގައި ގުޅުމެއް ނެތް، ތުހުމަތުވާ ދެ ކުއްޖަކާ ސުވާލުކޮށްފި

މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު މާލޭގެ ދެ ސްކޫލެއްގެ ދެ ދަރިވަރަކަށް ހަމަލާދީ ޒަހަމްކޮށްލި ދެ މައްސަލާގައި ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ. ފުލުހުން ބުނީ އަންގާރަ ދުވަހު ތާޖުއްދީންގެ ދަރިވަރަކަށް ދިން ހަމަލާއާއި އިއްޔެ ދަރުމަވަންތަ ސްކޫލްގެ ދަރިވަރަށް ދިން ހަމަލާއަކީ އެއްވެސް ގުޅުމެއް ނެތް ތަފާތު ދެ ހަމަލާ ކަމަށެވެ.

އަންގާރަ ދުވަހާއި ބުދަ ދުވަހު މާލޭގެ ދެ ސްކޫލް ކުއްޖަކަށް ދިން ހަމަލާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ތާޖުއްދީން ސްކޫލް މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް އެ ސްކޫލުގެ 14 އަހަރުގެ ކުއްޖަކު ގެނައި ކަމަށެވެ. ނަމަވެސް އެކުއްޖާ މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ. ދެވަނަ މައްސަލާގައި 15 އަހަރުގެ ކުއްޖަކު ހައްޔަރުކުރި ކަމަށާއި އެކުއްޖާ އަދިވެސް ހުރީ 10 ދުވަހުގެ ބަންދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތާޖުއްދީން ސްކޫލުގައި ހިންގި މާރާމާރީ އަކީ ސްކޫލް ކުދިންތަކެއްގެ މެދުގައި ހިނގި މައްސަލައަކާ ގުޅިގެން ހިންގި މާރމާރީއެއް ކަމަށެވެ. ނަމަވެސް ދަރުމަވަންތަ ސްކޫލުގެ ދަރިވަރަށް ހަމަލާއެއް ދިން މައްސަލައާ ގުޅޭ އިތުރު ކަންތައްތަކެއް އެބަހުރި ކަމަށް ޝިފާން ވިދާޅުވި އެވެ. އެއީ ކޮން ކަންތައްތަކެއް ކަން ފުލުހުން ހާމައެއް ނުކުރި އެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މި ދެ މައްސަލައަކީ އެއްވެސް ހާލެއްގައި ސްކޫލްތަކުގެ މާހައުލުގައި ކުދިންނަށް ނުރައްކާތެރި ކަންތައްތަކެއް ހުރެގެން ހިނގި ދެ ކަމެއް ނޫން. މިއީ މުޅިން ތަފާތު ދެ މައްސަލައެއް. އެހެން ނަމަވެސް މިވަގުތު އަޅުގަނޑުމެން މައްސަލަ ބަލަމުންގެންދާތީ މިއަށްވުރެ އިތުރު ތަފްސީލު ހާވަކުރެވެން ނެތް،" ޝިފާން ވިދާޅުވި އެވެ.

ދެ ދަރިވަރަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންނާއި ބެލެނިވެރިންނަށް ނުބައި މެސެޖް ލިބޭ ފަދަ ގޮތްގޮތަށް ބައެއް ފަރާތްތަކުން ނުގުޅޭ ފޮޓޯ އާއި މައުލޫމާތު ބޭނުންކޮށްގެން މައުލޫމާތު ފަތުރާފައިވާތީ ފުލުހުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ޝިފާން ވިދާޅުވީ އެ ދެ މައްސަލައާ ގުޅިގެން މުޖުތަމައު ވަރަށް ބޮޑަށް ހާސްކޮށްލާފަދަ ކަންތައްތަކެއް ނެތީސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އެފަދަ މައުލޫމާތު ފަތުރައި ހެދުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަން އެގޮތަށް ނުކޮށް އެފަދަ ސެންސިޓިވް ހާދިސާއެއް ދިމާވާއިރު ސުލްހަ ގާއިމްކުރަން މަސައްކަތްކުރަން ހުރިހާ ފަރާތަކުން ވެސް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

" ސޯޝަލް މީޑިއާ އަކީ މިފަދަ ހާލަތްތަކުގައި ކަންކަން ގޯހުން ގޯހަށް ކަންކަން ގެންދިއުމުގެ އުސޫލު ނުގެންގުޅެ އަމާންކަން ގެންނަން ކުރާ މަސައްކަތްތަކަށް ފަރުދީ ޒިންމާއެއްގެ ގޮތުގައި ބަލައިގެން ވިސްނުން ބެހެއްޓުމަށް އިލްތިމާސްކުރަން،. އަޅުގަނޑު އަދިވެސް ފާހަގަކޮށްލަން، މި ދެހާދިސާ ހިނގާފައިވަނީ ސްކޫލްތަކުގެ މާހައުލުގައި ކަންބޮޑުވާ ޒާތުގެ ކަމެއް އުޅޭގެން ނޫންކަން. މިހާރު މުޖުތަމައު ވަނީ ވަރަށް ބޮޑަށް ފުޅާވެފައި. މި ދެ ހާދިސާއަކީ ކުރިއަށް އޮތްތަނުގައި ކަންކަން ރަނގަޅުކުރަން ލިބިގެންދިޔަ ވަރަށް ބޮޑު ފިލާވަޅެއް،" ޝިފާން ވިދާލުވި އެވެ.

މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، ސްކޫލްތަކަކީ ކުދިންނަށް އެކަށޭނަ މާހައުލެއް އޮތްތަނެއްކަން ކަށަވަރު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ސްކޫލްތަކުގައި މިހާރު ތަންފީޒުކުރަމުންދާ ބައެއް ކަންކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާލެ ސަރަހައްދުގެ ޕްރީސްކޫލްވެސް ހިމެނޭ ގޮތުން 23 ސްކޫލެއްގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ ކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.