ރިޕޯޓް

ސްކޫލް މާހައުލު މާރާމާރީއަށް: ރާއްޖެއަށް ސިހުން!

އަވަސް ވީޑިއޯ ރިޕޯޓް | އިދުހާމް ނައީމް

މި އަހަރުގެ ދިރާސީ އާ އަހަރު މިހާރު ވަނީ ފަށާފަ އެވެ. އާ އުންމީދުތަކާއެކު އެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި ބެލެނިވެރިންގެ ވެސް ބޭނުން ވަނީ މި އަހަރަކީ ނަތީޖާ ރަނގަޅު އަހަރަކަށް ހަދާށެވެ. އެއީ ރާއްޖޭގެ ވެސް އުންމީދެވެ. ނަމަވެސް ދިރާސާ އާ އަހަރާއެކު ހަފުތާއެއް ނުވަނީސް ސްކޫލްތަކުގެ ތެރެއިންނާއި ބައެއް ސްކޫލްތަކުގެ ކައިރިން އައި ދަރިވަރުންނާ ގުޅުންހުރި މާރާމާރީތަކުގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުން ވަނީ ހާސް ކަމެއްގެ ތެރެއަށް ގަންބާލާފަ އެވެ. އެކަން ބޮޑުވެފައި ވަނީ މުޅި ރާއްޖޭގައި ވެސް މިވަގުތަށް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަށެވެ. މިއީ މީގެ ކުރިން ރާއްޖޭގެ ސްކޫލް މާހައުލުގައި މިފެންވަރުގައި އައި ކަމެއް ނޫނެވެ.

ސްކޫލަކީ ދަރިވަރުންގެ ދެވަނަ ގެއެވެ. ދެވަނަ އުނގެވެ. އެއީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ވާންޖެހެ އެވެ. ބެލެނިވެރިން ދަރިވަރުން ސްކޫލްތަކަށް ފޮނުވަނީ ވެސް އެގޮތަށް ބަލައިގެނެވެ. އެހެންނަމަވެސް ސްކޫލް މާހައުލުން ކުއްލިއަކަށް އުފަންވި މާރާމާރީތަކެއްގެ ސަބަބުން ކުދީން ސްކޫލަށް ފޮނުވަން ބެލެނިވެރިން ވަނީ ފަސްޖެހިފަ އެވެ. މާލޭގެ ބޮޑު ދެ ސްކޫލެއްގައި ހިނގި ދެ މާރާމާރީއާ ގުޅިގެން އުފެދުނު ހަލަބޮލި ކަމާއި އައި މާޔޫސް ކަމުގެ ސަބަބުންނެވެ.

މިދިޔަ އަންގާރަ ދުވަހު ތާޖުއްދީން ސްކޫލުގެ ދަރިވަރަކަށް ސްކޫލްގެ ތެރޭގައި ތޫނު އެއްޗަކުން ހަމލާދީފައިވާއިރު ޖެހިގެން އައި ބުދަ ދުވަހު ދަރުމަވަންތަ ސްކޫލުގެ ދަރިވަރަކަށް ވަޅީގެ ހަމަލާއެއް އެއީ ސްކޫލުން ބޭރުގަ އެވެ. މިއީ ރާއްޖޭގެ ކުށުގެ ވެއްޓަށް އަލަށް އައި ޖަރީމާތަކެވެ. އެހެންވެ ހުރިހާ ބެލެނިވެރިންގެ ހިތްތަކުގައި އެކަމުގެ ބިރުވެރިކަން މިހާރު އެބައޮތެވެ.

ބައެއް ބެލެނިވެރިން މިކަމުގައި އެމީހުންގެ ކަންބޮޑުވުން ފާޅުކުރެ އެވެ. އެކަމަކު ނުރައްކަލުގެ ބޮޑު ކަމުން ބައެއް ބެލެނިވެރިން އެކަމުގައި ފަސްޖެހެ އެވެ. އެފަދަ ބެލެނިވެރިން ދެކޭ ގޮތުގައި އެފަދަ ކަމަކާ ބެހޭގޮތުން ކަންބޮޑުވުން ހިއްސާ ކޮށްފިނަމަ އެފަދަ ހަމަލާއެއް އެމީހުންގެ ދަރިންނާ ދިމާއަށް ވެސް އަތުވެދާނެ އެވެ.

"އަޅުގަނޑު އެއްވެސް ގޮތަކަށް މިކަމާ ބެހޭގޮތުން އެއްޗެއް ބުނެފިކަމުގައި ވާނަމަ މާދަމާ އަޅުގަނޑުގެ ދަރިފުޅަށް ކަންނޭނގެ އެފަދަ ހަމަލާއެއް ދޭނީ، އެހެންވީމާ ޖެހިލުންވޭ،" ނަމާއި ފޮޓޯ ހާމަ ކުރަން ބޭނުން ނުވާ ބެލެނިވެރިޔަކު ބުންޏެވެ. -- އެނޫން ގިނަ މީހުން ވެސް ކެމެރާ ކުރިމަތީގައި އޭނާގެ ކަންބޮޑުވުން ހާމަ ކުރާކަށް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން ހަމައެކަނި އެމީހުންގެ އަޑު މިކަމުގައި އިއްވައެވެ.

ސްކޫލެއްގެ ތެރެއިން މާރާމާރީ އައުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

"ބޭނުންވަނީ ހުރިހާ ކުދިންނަށް ވެސް ވަރަށް ރައްކާތެރި އަމާން އޮމާން މާހައުލެއްގައި ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ލިބެން، [މިހާރު މިއޮތީ] ވަރަށް ބިރުވެރި މާހައުލެއްގައި. ގާތްގަނޑަކަށް ބުނަންޏާ ސްކޫލުގައި ވެސް އެއްވެސް ރައްކާތެރިކަމެއް މިހާރު ނެތްކަމަށް ގަބޫލުކުރެވޭ،" ބެލެނިވެރިއަކު އޭނާގެ އިހުސާސް އިއްވި އެވެ.

ކުއްލިއަކަށް އުފަންވި ބިރުވެރިކަމާއެކު ފުލުހުންނާއި ސްކޫލުތަކުން ދަނީ އެކަން ނިމުމަކަށް ގެނައުމަށް ފިޔަވަޅުތައް އަޅަމުންނެވެ. ބެލެނިވެރިންގެ ކާޑާ ނުލައި ސްކޫލުތަކަށް ނުވަދެވުމާއި ސްކޫލު ފަށާގަޑިގަ އާއި ނިމޭ ގަޑިގައި ފުލުހުން ސްކޫލުތައް ކައިރީގައި މިހާރު ޑިއުޓި އަދާކުރެ އެވެ. މިއީ އެހާ ރީތި މަންޒަރަކަށް ނުވެއެވެ. ރީތި މަންޒަރަކީ އަމާން މާހައުލެކެވެ.