މިއަދަކީ މީގެ ތިން އަހަރުކުރިން ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާންއަށް 32 އަހަރު ފުރޭ ދުވަހެވެ. ރިލްވާން ގެއްލުނު ހިސާބުން އޭނާގެ ހައްގުގައި އެންމެ ގަދައަށް ވަކާލާތުކޮށް، އޭނާ ހޯދާދިނުމަށް އެދި ކަމާ ގުޅޭ ފަރާތްތަކަށް އެންމެ ގަދަޔަށް ގޮވާލަމުންދާ ރިލްވާނުގެ ދައްތަ ފާތިމަތު ޝެހެނާޒު މިއަދު ވަނީ އޭނާގެ އުފަންދުވަހުގެ މުނާސަބަތުގައި ހާއްސަ ޅެމެއް ނެރެފަ އެވެ.
ކޮއްކޮއެއް ގެއްލި ދިއުމުން ދައްތައެއްގެ ހިތަށް ކޮށްފައިވާ ހިތްދަތި އަސަރުތަށް ވަރަށް ފުންމިނުން އެ ޅެމުގައި ކިޔާދީފައިވެ އެވެ. މީގެ ބައްތިރީސް އަހަރު ކުރިން ކޮއްކޮއެއް ލިބުމުން ކުރި އުފަލާއި، އޭނާއަށް ކުރި އުއްމީދުތަކާއި މިއަދު އޭނާ ގާތުގައި ނެތުމުން ކުރާ ފުން ހިތާމަ ޅެމުގައި ބުނެދީފައިވެ އެވެ.
ހުރި ތަނެއް އަދި ވީ ހިސާބެއް ނޭނގުނަސް އަބަދުވެސް ހެޔޮހާލުގައި ހުންނާނެ ކަމަށް އުއްމީދުކުރާ ކަމަށާއި، އިންސާފުވެރި ފަރާތްތެއްވާކަމާއި، އެ ފަރާތުން މި އަނިޔާތައް ދިން މީހުންގެ ކިބައިން އިންސާފު ހޯއްދަވައިދޭނެ ކަމަށް ޅެމުގައި ދައްތަ އާދޭހާއެކު ބުނެފައިވެ އެވެ.
އަވަސްއާ ވާހަކަދައްކަމުން ޝެހެނާޒު ބުނީ އެންމެ ދެރަވަނީ ރިލްވާނަށް ވީ ގޮތެއް ނޭނގި އިންސާފު ނުލިބޭތީ ކަމަށެވެ.
"ކޮއްކޮ ނުފެނި އިތުރު އަހަރެއް ވެގެން މި ދިޔައީ އަދި އުމުރުން ވެސް އަހަރެއް ނުފެނި ވޭތުވެ މި ދިޔައީ. ވަރަށް ހިތާމަކުރަން އެކަމަކު އަދިވެސް ކޮއްކޮއަށް އިންސާފު ލިބޭނެ ކަމަށް އޮތް އުންމީދު ކަނޑައެއް ނުލަން،" ޝެހެނާޒް ބުންޏެވެ.
ރިލްވާން ގެއްލުނު މައްސަލާގެ ތަހުގީގު މިހާތަނަށް ވެސް ފުރިހަމަނުވާ އިރު މީގެ ދެ އަހަރު ކުރިން ފުލުހުން ވަނީ ރިލްވާންގެ ތަހުގީގާ ގުޅޭ ބައެއް ވީޑިއޯތައް އާންމުކޮށްފަ އެވެ. އަދި އެ ވީޑިއޯތަކަށް ބިނާކޮށް ފުލުހުން ބުނެފައި ވަނީ ރިލްވާން ގެއްލުވާލި ރޭ އޭނާއަށް ދެ މީހަކު ފާރަލީ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކާރެއްގައި ހުރި އިސްތަށިން ހޯދުނު ޑީއެންއޭ ރިލްވާންގެ ޑީއެންއޭއާ ދިމާވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ރިލްވާންގެ ގެއްލުވާލި މައްސަލާގައި ދެ މީހަކަށް ދައުވާކޮށް، އެ މައްސަލާގައި ޝަރީއަތް ވެސް މިހާރު ކުރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. ނަމަވެސް މިހާތަނަށް ރިލްވާންއަށްވީ ގޮތެއް އެއްވެސް ފަރާތަކަށް ހޯދިފައެއް ނުވެ އެވެ.