ފިނިޕޭޖް

އަންސާރީއަށް ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތެއް

މިއަހަރު ބޭއްވި ގޯލްޑެން ގްލޯބްސް އެވޯޑުގައި ބެސްޓް އެކްޓާ އިން ކޮމެޑީ ކާމިޔާބުކުރި އިންޑިއާ އަދި އެމެރިކާއަށް ނިސްބަތްވާ މަޝްހޫރު ކޮމެޑިއަން އަޒީޒް އަންސާރީގެ މައްޗަށް ކޮށްފައިވާ، ގަދަކަމުން މީހަކާއި ޖިންސީ ގުޅުން ހިންގަން އުޅުނުުކަމުގެ ތުހުމަތަކީ މިހާރު ހޮލީވުޑްގައި އެންމެ ގަދައަށް ބަހުސްކުރެވޭ މައުލޫއަށް ވެއްޖެ އެވެ. އޭނާގެ މައްޗަށް މި ތުހުމަތުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ އަންހެން ފޮޓޯގުރާފަރެކެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ވާހަކަ މީޑިއާއަށް ހާމަކުރީ އެ އަންހެން މީހާ އެ ވާހަކަތައް ހިއްސާކުރި އެމެރިކާގެ ފެމިނިސްޓް ވެބްސައިޓެއް ކަމަށްވާ ބޭބްސް ޑޮޓް ނެޓް އިންނެވެ. އަސްލު ނަން ހާމަނުކޮށް އެ ވެބްސައިޓުގައި އެ އަންހެން މީހާ ކިޔާދިން ވާހަކަތައް ތަފްސީލުކޮށް ގެނެސްދީފައިވެ އެެވެ.

އެ އަންހެން މީހާ ބުނީ އަންސާރީ އާއި އެއްކޮށް އެއްދުވަހު އޭނާ ޑޭޓަކަށް ރެސްޓޯރަންޓަކަށް ކާން ދިޔަ ކަމަށާއި، އަދި ކައި ނިންމައިގެން ދިޔައީ އަންސާރީ ދިރިއުޅޭ އެޕާޓްމެންޓަށް ކަމަށެވެ. އެޕާޓްމަންޓަށް އޭނާ ދިޔައީ އަމިއްލައަށް ރުހިގެންކަމަށާއި، ނަމަވެސް އެޕާޓްމަންޓަށް ދިޔުމަށްފަހު އަންސާރީ ގަދަކަމުން އޭނާ އާއި ގާތްވެ، ޖިންސީ ގުޅުން ހިންގުމަށް މަސައްކަތް ކުރިކަމަށް ގްރޭސް ބުންޏެވެ.

ފުރަތަމަ އޭނާ އެއްވެސް އެއްޗެއް ނުބުނެ ހުރިކަމަށާއި އެކަމަކު ކެތްނުވާ ހިސާބަށް ދިޔައިމާ އެހެން ނުހަދަން ތަކުރާރުކޮށް އާދޭސްކުރުމުން އަންސާރީ އޭނާ ދޫކޮށްލިކަމަށް ބުނެފައިވެ އެވެ. ދެން އެރޭ ކެބް (ޓެކްސީ) އަަކަށް ލުމަށްފަހު އަންސާރީ އޭނަ ގެއަށް ފޮނުވާލިކަމަށް އޭނާ ބުންޏެވެ.

ޖެހިގެންއައި ދުވަހު ހެނދު އަންސާރީ މާފަށްއެދި އޭނާއަށް މެސެޖުކުރި ކަމަށްވެ އެވެ. އެ އަންހެން މީހާ ވަނީ އެ މެސެޖުތައްވެސް އެ ލިޔުން މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. އަދި އެރޭ އެ ދެ މީހުން އެއްކޮށް ނަގާފައިވާ ފޮޓޯތައްވެސް ސެންސަރު ކުރުމަށްފަހު ހިއްސާކޮށްފައިވެ އެވެ.

އަންސާރީ ފަދަ ވޯކަލް ފެމިނިސްޓަކު މިފަދަ ކަމެއް ކުރިކަމަށް ތުހުމަތު ކުރުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަމެއް ލިބިފަ އެވެ. އޭނާގެ ސީރީޒް "މާސްޓާރ އޮފް ނޮން" އަދި "މޮޑާން ރޮމޭންސް" ނަމުގައި އޭނާ ލިޔުނު ފޮތުގައިވެސް ފެމިނިޒަމްއަށް ތައީދުކޮށް އެތަށް ވާހަކައެއް ދައްކާފައިވެ އެވެ. އޭގެ ސަބަބުން ގިނަ ބައެއްގެ ތަރުހީބު އޭނާއަށް ލިބިފައިވެސްވެ އެވެ.

މިފަަހަރު ގޯލްޑެން ގްލޯބްސް އެވޯޑްސްގައި ޖިންސީ ފުރައްސާރައާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ޓައިމްސް އަޕް ކެމްޕެއިންގައި ވެސް އޭނާ ބައިވެރިވެފަވެ އެވެ.

މި ތުހުމަތުތަކާއި ބެހޭގޮތުން އަންސާރީ ނެރުނު ހާއްސަ ބަޔާނެއްގައި އޭނާ ވަނީ ގަދަކަމުން ޖިންސީ ގުޅުން ހިންގަން މަސައްކަތްކުރި ކަަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. އޭނާ ބުނެފައިވަނީ ދެ މީހުން ދެމެދުގައި ހިނގި ހުރިހާ ކަމެއްވެސް ހިނގީ ދެ މީހުން އެއްބަސްވެ ރުހިގެން ކަމަށެވެ. އަދި އަންހެން މީހާގެ އެ މެސެޖު ލިބުން އޭނާއަށްވެސް ހައިރާން ކުރުވި ކަމަށާއި، މާފައްއެދުނީ އެ މެސެޖު ކިޔާފައި ނޭނގި ނަމަވެސް އޭނާއަށް އެ އަންހެން މިހާއަށް އަނިޔާއެއް ދެވުނީ ކަމަށް ހީވެގެން ކަމަށެވެ.

ޖިންސީ ފުރައްސާރައަކީ އެތައް ބަޔަކަށް މިހާރު ކުރިމަތިވަމުންދާ ހިތާމަވެރި ކަމެއް ކަމަށް ބުނަމުން، އަންސާރީ އިތުރަށް އެ ބަޔާނުގައި ބުނީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އަނިޔާތަކާއި ދެކޮޅަށް އަޑު އުފުލާނެކަމަށެވެ.