ވިލާ ހޮޓެލްސްގެ ރިސޯޓްތަކަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން އަންނަ ހަބަރުތަކަކީ ރާއްޖެއަށް އަންނަން ތިބި ފަތުރުވެރިންނަށް ރަނގަޅު ހަބަރުތަކެއް ނޫންކަމަށާއި އެ މައްސަލަ ފަތުރުވެރިކަމުގެ ދާއިރާއަށް އަސަރު ނުކުރާ ގޮތަށް ވީހާވެސް އަވަހަށް ހައްލު ކުރުމަށް އޮޕަރޭޓަރުންގެ ޖަމިއްޔާ މަޓާޓޯ އިން ގޮވާލައިފި އެވެ.
ވިލާ ހޮޓެލްސް މައްސަލައާ ގުޅިގެން މަޓާޓޯ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގާނޫނާއި ގަވާއިދުތަކަށް ހުރިހާ ފަރާތަކުން ވެސް އިހްތިރާމް ކުރަންވާނެ ކަމަށެވެ. އެހެން ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވާ ވިޔަފާރީގެ ގާނޫނީ މައްސަލަތުގައި ހިޔާލުތަފާތުވާ ވަގުތު މައްސަލަ ދިމާވީ ރިސޯޓުގައި ފަތުރުވެރިން ތިބޭ ވަގުތެއްގައި ނަމަ ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ހާއްސަކޮށް މިއީ މައްސަލަ ޖެހޭ ދެ ފަރާތުން ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
"... މިހާރު ފެންމަތިވެގެން އުޅޭ ވިލާ ހޮޓެލްސް އާ ގުޅޭ މައްސަލައަށް ބަލާއިރު، އެކަމުގެ މާ އެކަށީގެންވާ މައުލޫމާތެއް މަޓާޓޯއަށް ލިބިފައެއް ނުވޭ. އެހެން ނަމަވެސް އެ މައްސަލައާ ގުޅިގެން ހަބަރު ފަތުރާ ވަސީލަތްތަކުން ފެންނަން ހުރި މައުލޫމާތުތަކަކީ މިހާރު ރާއްޖެ އައުމަށް ބުކިން ހަދާފައިތިބި ފަތުރުވެރިންނަށް ޕޮޒިޓިވް މައުލޫމާތުތަކެއް ނޫން،" މަޓާޓޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ޖަމިއްޔާއިން ބުނީ، މިހާރު ދިމާވެގެން އުޅޭ މައްސަލައިގެ ތެރެއަށް ޓޫރިޒަމް މިނިސްޓްރީން ވަދެ އެކަން ސުލްހަވެރި ގޮތެއްގައި ހައްލު ކޮށްދިނުމަކީ އެ ޖަމިއްޔާއިން އެދޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އާމްދަނީގެ ބޮޑު ޕަސެންޓެއް ފަތުރުވެރިކަމުގެ ދާއިރާއިން ހިއްސާކުރާއިރު، ދާއިރާއަށް ލިބޭ ގެއްލުމަކުން ސަލާމަތްވާން ސިޔާސީ ނުފޫޒުން އެއްކިބާވެ ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތްކުރަން އެދޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
ވިލާ ކުންފުނިން ހިންގާ ހަތަރު ރިސޯޓެއް ފާސްކޮށް އެ ރިސޯޓްތަކުގައި ހުރި ބަނގުރަލާއި އޫރު މަސް އަތުލަން މޯލްޑިވްސް ކަސްޓަމުން އިއްޔެ ވަނީ މަސައްކަތްކޮށްފަ އެވެ. ކަސްޓަމުން ބުނީ އެ ހަތަރު ރިސޯޓަށް ރަލާއި އޫރުމަސް އެތެރެކުރަނީ ގާނޫނާ ހިލާފަށް ކަމަށެވެ.