ރިޕޯޓް

ސްޓޯރީ އޮފް މޯލްޑިވްސް: ޓޫރިޒަމްގައި ލައްގަނޑެއް!

ސްޕާތަކުގައި ހަށި ވިއްކާތީ 2011 އަހަރު ތެދުވީ، ހަށި ވިއްކާ ސްޕާތައް ބަންދު ކުރާށެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭގެ ފައިދާނެގީ ނުބައި ނިޔަތުގައި ނުބައި ގޮތަކަށެވެ. އޭރުގެ އިދިކޮޅުގައި ތިބީ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނެވެ. އެހެންވެ، ފައިދާ ނަގައި ސަރުކާރުން ވަނީ މުޅި ރާއްޖޭގައި ހުރި ހުރިހާ ސްޕާތަކެއް ބަންދު ކޮށްފަ އެވެ. ބޭނުމަކީ ޓޫރިޒަމް ވިޔަފާރީގައި އުޅުނު މީހުންނަށް "އަދަބު" ދިނުމެވެ. މި ނިންމުމާއެކު، ރާއްޖޭގެ ރިސޯޓުތަކުގައި ހިންގަމުން ދިޔަ އެންމެ މަތީ ސްޕާތަކުގައި ތަޅު އެޅުވިގެން ދިޔަ އެވެ. އެކަންވީ، ރާއްޖޭގެ ޓޫރިޒަމަށް އައި "ތޫފާނަ" ށެވެ. އޭގެ ހަތް އަހަރު ފަހެވެ. މިއަދު އަނެއްކާ ވެސް މި ފެނުނީ މަންޒަރު ތަކުރާރުކުރުމާ ދިމާލަށް ދާ ތަނެވެ. ރާއްޖޭގެ ގިނަ ރިސޯޓުތައް މިހާރު އޮތީ ފުލްވެފަ އެވެ. ޓޫރިޒަމްގެ މޫނުމަތި ފެންނަނީ ރީތިކޮށެވެ. މިހެން އޮއްވާ، ފުލް އޮކިއުޕެންސީގައި އޮތް ރިސޯޓެއްގެ އޮޕަރޭޝަން ހުއްޓޭފަދަ ފިޔަވަޅެއް އަޅައިފިނަމަ، އެކަން އެވެގެން ދާނީ މުޅި ޓޫރިޒަމްގެ މޫނުމަތީގައި ޖެހޭ ވަރުގަދަ ލައްގަނޑަކަށެވެ.

"ސްޕާތައް ބަންދު ކުރުމާ މި ކަމާ އޮތް ތަފާތަކީ ކޮބާ؟ މިކަހަލަ ކަންކަމުން ރާއްޖޭގެ އިތުބާރު ގެއްލިގެންދާ. ފުލް އޮކިއުޕެންސީ އޮއްވާ، ހެޔޮ ނުވާނެ މި ފަދަ ކަންކަން ކުރާކަށް،" ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި ވެސް މިހާރު ހިންގައިގެން އުޅެނީ ވަރަށް ހަޑި އެހާ ގެއްލުން ބޮޑު ހާދިސާއެކެވެ. ވިލާ ގްރޫޕުން ހިންގާ ފަސް ރިސޯޓްގެ ތެރެއިން ރޯޔަލް އައިލެންޑް ރިސޯޓް ފިޔަވައި ދެންހުރި ހުރިހާ ރިސޯޓެގައި ހުރި ބަނގުރާތަކާއި އޫރުމަސްތައް އެ ރިސޯޓްތަކުން ބާލައިގެން ގެންދިއުމުގެ މަސައްކަތް ކަސްޓަމްސް އިން ވަނީ މަސައްކަތް ކޮށްފަ އެވެ. އެތަކެތި ނުގެންދިޔަ ނަމަވެސް، މި ރިސޯޓުތަކުގެ ބާތަކާއި ކެފެތަކުގައި ޓޫރިސްޓުން ތިއްބައި އެތަންތަން ވަނީ ބަލައި ފާސްކޮށްފަ އެވެ. ސުވާލަކީ މި ދަރަޖަކަށް ކަންކަން ދާން ޖެހޭ ހެއްޔެވެ؟ ރާއްޖޭގެ ވާހަކަ ކިޔައިދޭނީ މި ގޮތަށް ހެއްޔެވެ؟ -- ބަލަންޖެހޭ ބެލުމެއް އޮތް ނަމަ މިހާރު އެގެންދިޔަ ގޮތް ނޫން ގޮތްކަށް ވެސް އެކަން ކުރެވިދާނެ އެވެ.

މިހެން، ބުނަން ޖެހޭ ސަބަބުތައް ގިނަ އެވެ. ކުޑަ މިސާލެކެވެ. ސަން އައިލެންޑް ރިސޯޓުގައި އެކަނި ވެސް ހާހެއްހާ ޓޫރިސްޓުން މިހާރު އެބަތިއްބެވެ. އަދި ޕެރަޑައިސް އައިލެންޑް ރިސޯޓު ވެސް އޮތީ ފުލް އޮކިއުޕެންސީގަ އެވެ. އަދި މި ރިސޯޓުތަކުގެ ޕެކޭޖުތައް ވިއްކަނީ އޯލް- އިންކްލޫސިވް ކޮށެވެ. މި އަހަރުގެ ބޮޑު ބަޔަކަށް ރިސޯޓުތައް ހުންނާނީ ދުރާލާ ބުކިން ވެސް ހައްދާފަ އެވެ. ވީއިރު، ކުއްލިއަކަށް މި ފަދަ ބޮޑު އޮޕަރޭޝަނަކުން ބައެއް އުނި ކޮށްލަން ޖެހޭފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ މިއިން ގެއްލުން ވާނީ ހަމައެކަނި ރިސޯޓު އޯނަރު ގާސިމް އިބްރާހިމަށް އެކަންޏެއް ވެސް ނޫނެވެ. ޓޫރިޒަމް އިންޑަސްޓްރީ އަށް މިކަމުން ލިބޭ ގެއްލުން ކުޑައެއް ނުވާނެ އެވެ. އަދި މުޅި ގައުމަށް ލިބޭ ގެއްލުން މިލިއަން ޑޮލަރަށް އަރާނެ އެވެ. އެހެންވެ، މިކަމާމެދު ޓޫރިޒަމް އިންޑަސްޓްރީ އޮތީ ކަންބޮޑުވެފަ އެވެ.

މި ހާދިސާއާ ގުޅިން، ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އިން ބުނި ގޮތުގައި ރާއްޖޭގެ އިގްތިސޯދުގެ 75 ޕަސެންޓް ބަރޯސާވާ ސިނާއަތަކީ ޓޫރިޒަމްގެ ދާއިރާ ކަމަށްވާތީ، އެ ދާއިރާއަށް އަންނަ ކޮންމެ ހީނަރު ކަމަކުން މުޅި އިގްތިސޯދަށް އަސަރު ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި ލޯކަލް އޭޖެންޓުންނަކީ ޓޫރިޒމްގައި އެންމެ މުހިންމު ދައުރު އަދާކުރާ ފަރާތްތައް ވާއިރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ދެމެދު ދިމާވާ މައްސަލަތައް ހައްލުކުރަން ޖެހޭނީ ޓޫރިސްޓުންނާއި ލޯކަލް އޭޖެންޓުންނަށް ގެއްލުން ނުވާނެ ގޮތަކަށް ކަމަށް ބުނެފައިވެ އެވެ.

"މީޑިއާގައި ހުރި މައުލޫމާތުތަކަކީ ރާއްޖެ އަންނަ ބުކިން ހަދާފައި ތިބި ޓޫރިސްޓުންނަށް ދެވޭ ރަނގަޅު މެސެޖެއް ނޫން،" މަޓާޓޯގެ ބަޔާނުގައިވެ އެވެ.

މަޓާޓޯ އިން އެވާހަކަ ބުނަނީ މިހެންވެ އެވެ. ވިލާގެ މި ރިސޯޓުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުން މީހުން އަންނަ ތަންތަނެވެ. ހާއްސަކޮށް މާލެ، ކައިރީގައި އޮންނަ ސަން އައިލެންޑް ރިސޯޓުގައި އަބަދުވެސް 30 އަކަށް ގައުމުގެ މީހުން ތިބެ އެވެ. ވީއިރު، މި މީހުންގެ ޗުއްޓީ އަށް އެއްވެސް ދަތި ކަމެއް އަތުވެއްޖެނަމަ އޭގެ ކޮމްޕްލެއިން ކުރާނެ އެވެ. އެހެންވެއްޖެނަމަ، މިއީ ރާއްޖޭގެ އިމޭޖަށް ލިބޭނެ ވަރަށް ހަޑި ނަމަކަށްވާނެ އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތް ތަކެއް ދަނީ ކުރަމުންނެވެ. ހާއްސަކޮށް މާކެޓިން ކުންފުންޏާއި އިންޑަސްޓްރީ ގުޅިގެން ބުރަ މަސައްކަތްތަކެއް މި އަހަރު ވެސް ކުރާނެ އެވެ. މިއަހަރު ވެސް 100 މިލިއަނެއްހާ ރުފިޔާ ހަމައެކަނި މާކެޓިންނަށް ހޭދަ ކުރާނެ އެވެ. ވީއިރު، މިފަދަ ކަންކަން ކުރުން ހުއްޓާލަން ޖެހެ އެވެ. އެހެންނޫންނަމަ، މި ހަރަދު ވާނީ ފޫނެއް ފަޔަށް ފެން ފުރުން ފަދަ ކަމަކަށެވެ.