ކުޅިވަރު

ހާލު ގޯސްވެ ޕެލޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ބްރެޒިލްގެ ޕެލޭގެ ހާލު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެވެ.

ވޯލްޑް ކަޕް ތިން ފަހަރަށް ހޯދި ހަމައެކަނި ކުޅުންތެރިޔަކީ ޕެލޭ އެވެ. އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ލިޔުންތެރިންގެ ޖަމާއަތުން، މިރޭ ބާއްވާ ހަފުލާއަކަށް ޕެލޭ އައުމަށް، ކުރިން ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް އޭނާގެ ބަލި ހާލަތު ގޯސްވެ ކުއްލިއަކަށް ވެއްޓުމުން، ހޮސްޕިޓަލަށް ގެންދިއުމުން، ހޮސްޕިޓަލުން ވަނީ އޭނާ އެޑްމިޓް ކޮށް ފަރުވާ ދޭން ފަށާފަ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓް ކުރި ނަމަވެސް، ޕެލޭގެ ހާލަތު އިތުރަށް ގޯސް ވަމުން ނުދާ ކަމަށް ޚަބަރު ލިބެ އެވެ. ޕެލޭ،77 ވެއްޓުނީ ޕްރެޝަރު މައްޗަށް ދިއުމުން ކަމަށް މިޑއާ ތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.

މިދިޔަ ދެ އަހަރު ތެރޭ، ކިޑްނީގެ މައްސަލަތަކުގައި އެކިފަހަރު މަތިން ހޮސްޕިޓަލުގައި އެޑްމިޓް ޕެލޭއަށް ވަނީ ފަރުވާ ދީފަ އެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ސިފަ ކުރާ ޕެލޭ އަކީ 20 ވަނަ ގަރުނުގެ ފުޓްބޯޅައިގެ ޝަހުސިއްޔަތެވެ. އޭނާ ވަނީ އޭނާގެ ކެރިއަރުގައި 1281 ލަނޑު ޖަހާފަ އެވެ. އެއީ 1363 މެޗުގައެވެ. ކުޅުންތެރިޔެއްގެ ގޮތުގައި 21 އަހަރު ހޭދަ ކުރި ޕެލޭ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް އޭނާ ކުޅުނު 91 މެޗުގައި 77 ލަނޑު ޖަހާފަ އެވެ.


އޭނާ ވަނީ 1958، 1962 އަދި 1970 ވަނަ އަހަރުގެ ވޯލްޑް ކަޕު މުބާރާތްތައް ބްރެޒިލްއަށް ކާމިޔާބު ކޮށްދީފަ އެވެ.