ފިނިޕޭޖް

ޔޫޓިއުބުން ވީޑިއޯ ދުއްވާ ނުލާ ދިީޕިކާގެ ބަނޑު ފޮރުވައިފި

ބޮލީވުޑްގައި މިހާރު އެންމެ އަޑުގަދަ ފިލްމު "ޕަދްމާވަތް" ރިލީޒް ކުރަން މި ވަނީ ފަސް ވަރަކަށް ދުވަހަށްވެފަ އެވެ. ބޮޑު ހަމަނުޖެހުންތަކަކަށް ފަހު އިންޑިއާގެ ސެންސަރު ބޯޑުން މި ފިލްމު ފާސް ކޮށް ދީފާވާއިރު، ފިލްމުގެ ނަމާއި ފިލްމުގައި ހިމެނޭ ފަސް މަންޒަރަކަށް ބަދަލު ގެންނަން ވަނީ އަމުރުކޮށްފަ އެވެ.

އެގޮތުން "ޕަދްމާވަތު" ގައި ހިމެނޭ މުހިންމު އެއް ލަވަކަމުގައިވާ "ގޫމަރު" ގައި ދީޕިކާގެ ބަނޑުން ބައެއް ހާމަކޮށް ފެންނަން ހުންނަ ތަން ފޮރުވުމަށް ވަނީ އަމުރުކޮށްފަ އެވެ. މި ފިލްމުގެ މައްސަލަ އެންމެ ބޮޑަށް ހޫނުވެގެން ދިޔައީ ވެސް މި މަންޒަރުގެ ސަބަބުންނެވެ.

ސެންސަރު ބޯޑުގެ އަމުރަށް ތަބާވެ ފިލްމު އުފެއްދި ފަރާތުން މިހާރުވަނީ އެ ލަވައަށް ބަދަލުތައް ގެނެސް "ސީޖީއައި" (ކޮމްޕިއުޓަ ޖެނެރޭޓެޑް އިމޭޖަރީ) ބޭނުންކޮށްގެން ދީޕިކާގެ ބަނޑު ފޮރުވާފަ އެވެ. މިއީ ހައިރާން ކުރަނިވި ކަމަކަށް ނުވެ ދާނެ އެވެ. ޓެކްނޮލޮޖީގެ ގޮތުން މިހާ ކުރިއަރާފައި އޮތް ޒަމާނެއްގައި މިއީ އެހާ އުނދަގޫ ކަމެއް ނޫނެވެ.

މި ގެނައި ބަދަލާއި ގުޅިގެން އެންމެ ބޮޑު ހައިރާން ކަމެއް ގެނުވީ ޔޫޓިއުބަށް ކުރިން އަޕްލޯޑުކޮށްފަ އިން މި ލަވަ ދުއްވާ ނުލާ ހަމަ އެ ލަވައަަށް ބަދަލު ގެނެސްފައި (ޑިޖިޓަލީ އެޑިޓްކޮށްފައި) ވުމެވެ. މި ފިލްމާއި ގުޅިގެން ބޮލީވުޑްގައި މިހާރު އެންމެ ގަދައަށް ދެކެވެނީ މި ވާހަކަ އެވެ.

މީގެ ކުރިން ހަމަ މިގޮތަށް ޔޫޓިއުބަށް އަޕްލޯޑު ކޮށްފައި އިން ލަވައެއް ދުއްވާ ނުލާ ބަދަލު ގެނެސްފައިވަނީ ކެޓީ ޕެރީގެ ލަވައެއް ކަމުގައިވާ "ޑާކް ހޯސް" އަށެވެ. އެ ލަވައިގައި ﷲ ގެ އިސްމުފުޅު ލިޔެފައި އިން ފަށެއް އަޅައިގެން ހުރި މީހެއް ގަޔަށް ހޮނު އަޅާ ވެއްޔަށް ބަދަލުވާތަން ދެއްކުމާއި ގުޅިގެން އެ މަންޒަރު ކަނޑާލަން މުސްލިމުންގެ ފަަރާތުން ބޮޑު ޕެޓިޝަނެއް ހުށަހެޅުމުން އެ މަންޒަރު ހަމަ މިގޮތަށް ބަދަލު ކޮށްފައިވެ އެވެ.

ބަންސާލީގެ ހުރިހާ ފިލްމަކަށްހެން ވެސް މީގެ ކުރިން ރީތި ލަވަތަކެއް ކިޔާދީފަައިވާ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެޔާ ގޮޝާލްގެ "ގޫމަރު" ލަވައަށް މިހާރުވެސް 91 މިލިޔަނަށްވުރެ ގިނަ ވިއުސް ޔޫޓިއުބުގައި ލިބިފައިވެ އެވެ.

މި ފިލްމު އެޅުވުން މީގެ ކުރިން އިންޑިއާގެ ހަތަރު ސްޓޭޓެއްގައި އޮތީ މަނާވެސް ކޮށްފަ އެވެ. ނަމަވެސް އިންޑިއާގެ ސްޕްރީމް ކޯޓުން މިދިޔަ ހަފްތާގައި ނެރުނު އަމުރެއްގައި ބުނެފައިވަނީ އިންޑިއާގެ ހުރިހާ ސްޓޭޓެއްގައި މި ފިލްމު ދެއްކުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު އެކެއްގައި އަޅުވަން ނިންމާފައި އޮތް މި ފިލްމު ނޭޅުވި ގިނަ ދުވަސް ވެގެންދިޔައީ މި ފިލްމުގައި ތާރީޚާށް ފުށުއަރާގޮތަށް މަންޒަރުތައް ގެނެސްދީފައިވާ ކަމަށް ބުނެ އިންޑިއާގެ ހިންދޫ ގުރޫޕެއް ކަމުގައިވާ "ކަރުނީ ސެނާ" އިން ފިލްމާއި ދެކޮޅަށް އަޑުއުފުލައި ހަޅުތާލު ކުރުމުންނެވެ.