ފިނިޕޭޖް

ބޮކްސް އޮފީހުގައި "ޖުމާންޖީ" 700 މިލިއަން ޑޮލަރު ހޯދައިފި

ސޮނީ ފިކްޗާސް އިން ގެނެސްދޭ އެކްޝަން އެޑްވެންޗާ ކޮމެޑީ ފިލްމު "ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް" އަށް ބޮކްސް އޮފީހުގައި 700 މިލިއަނަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ސަތޭކަ ދިހަ މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަށް ފާއިތުވި ހަފްތާގައި އެކަނިވެސް 85 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. އެއާއެކު މި ފިލްމު ވެގެން ގޮސްފައިވަނީ އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި ޖެހިޖެހިގެން ފާއިތުވި ތިން ހަފްތާ ވަންދެން އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމަށެވެ.

މި ފެށޭ ހަފްތާގައި ފިލްމަށް ލިބޭނެ ކަމަށް ލަފާކުރެވޭ އަމްދަނީ މިހާރަށް ވުރެ ދައްވާނެ އެވެ. ނަމަވެސް ހަމައެކަނި އެމެރިކާގައި ދައްކައިގެން މި ފިލްމަށް މި ފެށޭ ހަފްތާގައި 300 މިލިއަނަށް ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭރުން މި ފިލްމު ވެގެންދާނި 2017 ވަނަ އަހަރު ނިކުތް އެމެރިކާގެ ފިލްމުތަކުގެ ތެރެއިން 300 މިލިއަން ޑޮލަރު ހޯދި އަށް ވަނަ ފިލްމަށެވެ.

މި ފިލްމަކީ 1995 ވަނަ އަހަރު ނިކުތް ޖުމާންޖީ ފިލްމުގެ ސީގުއެލް ފިލްމެކެވެ. ލީޑު ކާސްޓުންގެ ގޮތުގައި ޑުވޭން ޖޯންސަން، ޖެކް ބްލެކް، ކެވިން ހާޓް، ކަރެން ގިލަން، ނިކް ޖޯނަސް، އަދި ބޮބީ ކެނެވަލް ފެނިގެންދާ މި ފިލްމު ރިލީޒްކުރީ މިދިޔަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ.