ފިނިޕޭޖް

ކިމްގެ ދަރިފުޅުގެ ނަމަކަށް "ޗިކާގޯ ވެސްޓް"

އެމެރިކާގެ ރިއަލިޓީ ޓީވީގެ ރާނީ ކިމް ކާޑޭޝިއަން ވެސްޓް އަދި ފިރިމީހާ ކާންޔޭ ވެސްޓްއަށް މިދިޔަ ހަފްތާގައި ވަނީ ތިން ވަނަ ކުއްޖަކު ލިބިފަ އެވެ. ސަރޮގެޓް ކޮށްގެން ލިބުނު މި އަންހެން ދަރިފުޅަށް އެ ދެމަފިރިން ދިން ނަމަކީ "ޗިކާގޯ ވެސްޓް" އެވެ.

ދަރިފުޅަށް ކީ ނަން ކިމް ހާމަ ކޮށްފައިވަނީ އޭނާ ކުރި ޓުވީޓެއްގަ އެވެ. އެމެރިކާގެ ސިޓީއަކަށް ކިޔާ ނަމެއް ދަރިފުޅަށް ކިޔުމުން ޓުވިޓާގައި މި ކަމާ ގުޅޭގޮތުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ކިމްގެ ދެމަފިރިންނަށް އަމާޒުވެފަ އެވެ. ދަރިފުޅަށް އެ ނަން ދިނުމަށް ނިންމީ ކާންޔޭ އުޅެ ބޮޑުވި ސިޓީއަކީ ޗިކާގޯއަށް ވުމުން ކަމަށް ބެލެވެ އެވެ.

ދަރިންނަށް ނަން ކިޔުމުގައި ކިމްގެ ދެމަފިރިން މީގެ ކުރިން ވެސް ތަފާތު ގޮތްތަކެއް ގެންގުޅޭތީ އެ ދެމަފިރިންނަށް ފާޑު ކިޔުންތައް އަމާޒުވި އެވެ. އެގޮތުން އެ ދެމަފިރިންގެ އެންމެ ދޮށީ ދަރިފުޅަށް "ނޯތު" އަދި ދެން ޖެހިގެން ހުރި ދަރިފުޅަށް "ސެއިންޓް" ކިޔުުމުން ވެސް ބޮޑު ފާޑުކިޔުމެއް އަމާޒުވި އެވެ.

މި ދެމަފިރިން ސަރޮގެޓް ކޮށްގެން ކުއްޖަކު ހޯދަން ނިންމީ، ކިމްގެ ދެވަނަ ދަރިފުޅު ސެއިންޓް ވިހަން އުޅުމުގެ ތެރޭގައި ދިމާވި މައްސަލަތަކަކާއި ގުޅިގެން ދެން އެހެން ކުއްޖެއް ހޯދަން އުޅެފިނަމަ ކިމްގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.