ކުޅިވަރު

ކެރިކް ޔުނައިޓަޑްގެ ކޯޗިން ވަޒީފާއަށް

މެންޗެސްޓާ ޔުނައިޓަޑްގެ މިޑްފީލްޑާ މައިކަލް ކެރިކް ޔުނައިޓަޑްގެ ފުރަތަމަ ޓީމުގެ ކޯޗު ކަމަށް ނިކުންނަން ތައްޔާރު ވެއްޖެ އެވެ.

މި ސީޒަން ނިމުމުން ކުޅުން ހުއްޓާލުމަށްފަހު، ޔުނައިޓަޑްގެ ކޯޗިން ޓީމާ ކެރިކް ގުޅޭނެ ކަމަށް، ޔުނައިޓަޑްގެ ހެޑް ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބުނެފަ އެވެ.

މި ސީޒަންގައި ކެރިކްއަށް ވަނީ ސިއްހީ ބައެއް މައްސަލަތައް ކުރިމަތިވެފައެވެ. އެގޮތުން އޭނާގެ ހިތުގެ ޕްރެޝަރު މައްޗަށް ދާތީ، ސެޕެޓެމްބަރު މަހު އޭނާ ވަނީ ކުލަބުގެ ޕްރެކްޓިހާ ދުރުގައި ހުރެ ފަރުވާ ހޯދާފަ އެވެ. އަލުން ނޮވެމްބަރު މަހު ޕްރެކްޓިހަށް ނިކުންނަށް ފެށި އެވެ.

"ކުލަބު ވަރަށް އުފާ ވާނެ އޭނާ މިކަން [ކޯޗިންނަށް ނިކުންނަން] އަހަރެންވެސް ވަރަށް އުފާ ވާނެ އޭނާ މިކަން ކުރަން ނިކުންނަންޏާ." މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ، އިންޖަރީއެއް ނެތި ނުވަތަ އެހެން ކަމެއް ދިމާ ނުވެ ކެރިކް ކުޅުން ހުއްޓާލުމަކީ ކުލަބަށާއި އޭނާ [ކެރިކް] އަށް ވެސް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެ ކަމަށެވެ.

ކެރިކް،36 މި ސީޒަންގައި ކުޅުނީ އެންމެ މެޗެކެވެ. އެއީ ލީގް ކަޕްގައި ބްރައިޓޮން ހޯވް އެލްބިއޮންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭނާ މެންޗެސްޓާ އަށް ބަދަލުވީ 2006 ވަނަ އަހަރު ޓޮޓެންހަމް ހޮސްޕާއިންނެވެ.

ޔުނައިޓަޑާއެކު އޭނާ ވަނީ ޕްރިމިއާ ލީގް ފަސް ފަހަރަށް ކާމިޔާބު ކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑް ކަޕާއި ޔޫރޮޕާ ލީގްވެސް ކާމިޔާބު ކުރި އެވެ.