ކުޅިވަރު

14 އަހަރުފަހުން ވެންޕާސީ އެނބުރި ކުރީގެ ކުލަބަށް

އާސެނަލް އާއި މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ތަރި ހޮލެންޑްގެ ރޮބިން ވެންޕާސީ، އޭނާގެ ފުރަތަމަ ކުލަބު ހޮލެންޑްގެ ފެއިނޯޑް ރޮޓްޑްރަމްއަށް އެނބުރި އަތުވެއްޖެ އެވެ. އޭނާ އެނބުރި ފެއިނޯޑްއަށް އައީ 14 އަހަރު ފަހުންނެވެ.

ފެއިނޯޑްގައި، ވެންޕާސީ ކެރިއާ ފެށީ އޭނާގެ އުމުރުން 17 އަހަރުގައި 2001 ވަނަ އަހަރު އެވެ. މިހާރު އުމުރުން 34 އަހަރުގައި އޭނާ އެނބުރި އައީ ތުރުކީގެ ފުޓްބޯޅައިގެ ގަދަ ބާރު ފެނަބާޗޭއަށް ކުޅުމަށް ފަހު، ހިލޭ ޓްރާންސްފާއެއްގަ އެވެ.

ފެއިނޯޑް ދޫކޮށް، އާސެނަލްއަށް ވެންޕާސީ ބަދަލުވީ 2004 ވަނަ އަހަރު އެވެ. ފެއިނޯޑަށް އޭނާ ކުޅުނު މުއްދަތުގައި އޭނާ ވަނީ 78 މެޗުގައި 22 ގޯލް ޖަހާފަ އެވެ. އާސެން ވެންގާ ކޯޗު ކަމުގެ ދަށުން އޭނާ ވަނީ އާސެނަލްގައި 278 މެޗުގައި 132 ގޯލް ޖަހާފަ އެވެ. މެންޗެސްޓާ ޔުނައިޓަޑަށް އޭނާ ބަދަލުވީ 2012 ވަނަ އަހަރު އެވެ.

އޭނާ އަކީ ހޮލެންޑް ގައުމީ ޓީމުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 50 ލަނޑު ޖަހައިދީފަ އެވެ. ޔުނައިޓަޑަށް ބަދަލުވި ފުރަތަމަ އަހަރު އޭނާ ވަނީ ޕްރިމިއާ ލީގް އެ ޓީމާއެކު ކާމިޔާބު ކޮށްފަ އެވެ. އެއަށްފަހު އޭނާ ބަދަލުވީ ފެނަބާޗޭ އަށެވެ.

ފެއިނޯޑްގައި، ވެންޕާސީ މަސައްކަތް ކުރަނީ، އޭނާއަ އެކު ގައުމީ ޓީމަށް ކުޅުނު، ޖިއޮވާނީ ވެން ބްރޮންކޯސްޓެގެ ކޯޗު ކަމުގެ ދަށުން ނެވެ. ފައިނޯޑް މިހާރު އޮތީ ހޮލެންޑް ލީގްގެ ފަސް ވަނައިގަ އެވެ.