ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް މުއައްސަސާތައް ބޭނުން ކޮށްގެން ރިސޯޓްތަކަށް އަރައި ބިރުދެއްކުމުގެ ސަބަބުން ގެއްލުން ލިބެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެކަނި ނޫން ކަމަށާއި އެކަމުގެ ސަބަބުން ހުރިހާ ރައްޔިތުންނަށް އެކަމުގެ ގެއްލުން ލިބޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުނުކަމަށް ކަނޑައަޅާފައިވާ ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
އިލްހާމް ފޮނުވި މެސެޖްގައި ވިދާޅުވީ، ސިޔާސީ މަންފާއެއް ހޯދުމަށް ފުލުހުންނާއި ބައެއް މުއައްސަސާތައް ބެނުން ކޮށްގެން ރިސޯޓްތަކަށް އަރައި ބިރު ދެއްކުމުގެ ސަބަބުން އަނިޔާ ދެވެނީ ގާސިމަށް އެކަނި ނޫން ކަމަށާއި އެކަމުގެ ސަބަބުން ދެރަ އާއި ހިތާމަ ލިބޭނީ ރައްޔިތުންނަށް ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށާއި ދައުލަތަށް ފޫނުބެދޭ ވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށް އިލްހާމް ވިދާޅުވި އެވެ.
"...ސަރުކާރުން ކުރާ މިފަދަ މުޑުދާރު ސިޔާސީ ކަންތައްތަކުގައި ބައިވެރިވާ ފަރާތްތައް ދާދި އަވަހަށް ޖަވާބުދާރީ ކުރުވޭނެ، ހަނދާން ކުރައްވާތި މިއަދު އެކަންްޏެއް ނޫން އޮތީކީ،" އިލްހާމް ވިދާޅުވި އެވެ.
ގާސިމްގެ ރިސޯޓްތައް ބަލާ ފާސް ކޮށްފައިވާތީވެ އިދިކޮޅު ގިނަ ފަރާތްތަކަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި މައުމޫން އަބުދުލްގައްޔޫމް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ ބޭނުމަކަށް ރިސޯޓްތަކަށް ފުލުހުން ފޮނުވައި ފަތުރުވެރިން ބިރުގެންނެވުމުން، ގެއްލުން އެދެވެނީ މުޅި ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށެވެ. އެކަން ވަނީ ނަޝީދު ކުށްވެރިކުރައްވާފަ އެވެ.
ފުލުުހުންނާއި ކަސްޓަމްސްގެ ޓީމެއް ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން ވަނީ ގާސިމްގެ ފަސް ރިސޯޓެއް ބަލާ ފާސް ކޮށްފަ އެވެ. ފާސް ކުރި ފަސް ރިސޯޓަކީ ރޯޔަލް އައިލެންޑާއި ފަން އައިލެންޑާއި ޕެރަޑައިސް އާއި ހޮލިޑޭ އައިލޭންޑް އަދި ސަން އައިލެންޑެވެ. ފާސް ކުރުމަށްފަހު ފައިބާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެޔެވެ.