ކުޅިވަރު

ޕީއެސްޖީގެ ކޯޗަކަށް ގާޑިއޯލާ ގެންދަނީ

ޕީއެސްޖީގެ ކޯޗަކަށް، މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ ގެންދިއުމަށް ޕީއެސްޖީން ޝައުގު ވެރިވެއްޖެ އެވެ.

މެނެޗެސްޓާ ސިޓީއާއެކު ގާޑިއޯލާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާނެ އެވެ. ސިޓީގެ ކޮންޓްރެކްޓް ހަމަ ވުމުން ޕީއެސްޖީން ޓާގެޓް ކޮށްފައި ވަނީ، އެ ޓީމުގެ ކޯޗަކަށް ގާޑިއޯލާ ގެނައުމަށެވެ.

ޕީއެސްޖީގެ މިހާރުގެ ކޯޗް ސްޕެއިންގެ އުނައި އެމެރީގެ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަ ވާނެ އެވެ. ނަމަވެސް ކޮންޓްރެކްޓްގައިވާ ގޮތުން އޭނާ އަށް އިތުރު އަހަރެން ދިނުމުގެ އިހްތިޔާރު ޕީއެސްޖީ އަށް އެބައޮތެވެ. ޕީއެސްޖީން މި ސީޒަންގައި ދައްކާ ކުޅުމުން، އޭނާ އާއެކު އަންނަ ސީޒަންގެ ނިޔަލަށްވެސް ޕީއެސްޖީން ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ. އޭރުން ކޮންޓްރެކްޓްގައިވާ ގޮތުން، އެމެރީ ޓީމު ދޫކޮށްލާއިރު، ގާޑިއޯލާވެސް ހުންނަނީ، ސިޓީގެ ކޮންޓްރެކްޓް ހަމަވެފަ އެވެ.

ނަމަވެސް، އެހެން މައްސަލައެއް ޕީއެސްޖީއަށް ދިމާވާނެ އެވެ. އެއީ ގާޑިއޯލާ ވިސްނުން ބަދަލު ކުރުމެވެ. މި ސީޒަންގައި ގަޑިއޯލާ ބުނެފައި ވަނީ، ސިޓީ އަކީ އޭނާ ކޯޗުކޮށްދޭ ފަހު ޓީމަށް ވުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.

މިދިޔަ ހޫނު މޫސުމުގައި އެންމެ ވަރުގަދަ ޓްރާންސްފާ ޑީލެއް ހެދި ޓީމަކީ ޕީއެސްޖީ އެވެ. އެ ޓީމުން ވަނީ ދުނިޔޭގެ ރެކޯޑް އަގެއްގައި ބާސެލޯނާގައި ނޭމާ ހުއްޓައި ޕީއެސްޖީއަށް ގެނެސްފަ އެވެ. އަދި މޮނަކޯއަށް ކުޅެމުންދިޔަ ފްރާންސްގެ ތަރި ކިލިޔަން އެމްބަޕޭވެސް ޕީއެސްޖީ އަށް ގެނެ އެވެ.

ސިޓީ އޮތީ އިނގިރޭސި ލީގްގެ އެއް ވަނައިގަ އެވެ. މިފަހަރު ލީގް ގާޑިއޯލާ ހޯދައިފިނަމަ ތިން ގައުމެއްގައި އޭނާ އަށް ލީގް ހޯދުނީ އެވެ. ބާސެލޯނާ އާއި ބަޔާން މިޔުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ވަނީ، މީގެ ކުރިން ސްޕެއިން އާއި ޖަރުމަންގައި ލީގް ކާމިޔާބު ކޮށްފަ އެވެ.